ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ކުރިއަށް އޮތް ދޮޅު އަހަރު ތެރޭގައި ސްމާޓް އައިޑީ ކާޑު ތައާރަފުކޮށް ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖައްސަނީ

ކުރިއަށް އޮތް ދޮޅު އަހަރު ތެރޭގައި ސްމާޓް އައިޑީ ކާޑު ތައާރަފުކޮށް ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖައްސަނީ

ކުރިއަށް އޮތް ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގައި ސްމާޓް އައިޑީ ކާޑު ތައާރަފުކޮށް، އެ ކާޑު ބޭނުންކޮށްގެން ފައިސާގެ މުއާމަލާތްތައް ކުރެވޭނެ އިންތިޒާމު ހަމަޖައްސަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ "ނޭޝަން ޗެޓް" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިއީ "މޯލްޑިވްސް 2.0" މަޝްރޫއުގެ ދަށުން ރާއްޖެ ޑިޖިޓަލައިޒް ކުރުމަށް ސަރުކާރުން ހިންގާ ބޮޑު ހަރަކާތުގެ ތެރޭގައި ހިމެނޭ މުހިންމު ބައެއް ކަމަށެވެ. މި އާ ކާޑު ފަރުމާކުރަނީ ފިންގާޕްރިންޓާއި ޒަމާނީ ޗިޕް ހިމެނޭ ގޮތަށް ކަމަށްވާއިރު، އޭގެ ސަބަބުން ފައިސާގެ މުއާމަލާތްތައް ކުރުމުގެ އިތުރުން، އަމިއްލަ ރެކޯޑްތައް ބެލެހެއްޓުމާއި ތަފާތު އިދާރާތަކުން ހިދުމަތް ހޯދުމަށް ބޮޑެތި ލުއިތަކެއް ލިބިގެންދާނެއެވެ.

ރައީސް ފާހަގަކުރެއްވި ގޮތުގައި، އަތުގައި އޮންނާނީ ފިޒިކަލް ކާޑެއް ކަމަށްވީ ނަމަވެސް، ކާޑުގެ ބޭނުންތަކާއި ހިދުމަތްތައް މުޅިން ޑިޖިޓަލްވެ، ސްމާޓްވެގެންދާނެ އެވެ. އެގޮތުން އެކި ތަންތަނުން ހިދުމަތް ހޯދުމާއި ލިބިގަތުމުގައި ހުރިހާ ކަމަކަށް ވެސް މި ކާޑު ބޭނުންކުރެވޭނެ އެވެ. މި ޒަމާނީ ނިޒާމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު އެކުލަވާލުމުގެ ބިލު މިހާރު ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ކަމަށާއި، މި ޕްރޮގްރާމުގައި ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކުގެ އިތުރުން ބޭންކުތައް ވެސް އިސްތިސްނާއެއް ނެތް ގޮތުގައި ބައިވެރިވާން ޖެހޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މި ބަދަލުގެ މައިގަނޑު ބޭނުމަކީ ކޮރަޕްޝަންގެ މަގުތައް ބަންދުކޮށް، ދެފުށް ފެންނަ އަދި އަވަސް ގޮތެއްގައި ރައްޔިތުންނަށް ހިދުމަތްތައް ފޯރުކޮށްދިނުމެވެ. ސަރުކާރުގެ އަމާޒަކީ 2030 އާ ހަމައަށްދާއިރު ޑިޖިޓަލް އިގްތިސާދަކީ ގައުމީ އުފެއްދުންތެރިކަމުގެ 15 އިންސައްތަ ހިއްސާކުރާ ދާއިރާއަކަށް ހެދުން ކަމަށްވާއިރު، މި ނިޒާމާއެކު ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރެގެން ވެސް ދައުލަތުގެ ހިދުމަތްތައް އެއްވެސް ދަތިކަމެއް ނެތި ލިބޭނެ މަގު ތަނަވަސްވެގެންދާނެއެވެ.