ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މާފަރު އެއާޕޯޓަށް އެ ތިރިކޮށްލީ ވައިޑް-ބޮޑީގެ ބޯއިން 777ގެ ބޯޓެއް، ތާރީޚީ ދުވަހެއް!

މާފަރު އެއާޕޯޓުގައި ބޮއިން 777/ ފޮޓޯ: އޭވިއޭޓާ މޯލްޑިވްސް
މާފަރު އެއާޕޯޓުގައި ބޮއިން 777/ ފޮޓޯ: އޭވިއޭޓާ މޯލްޑިވްސް

ނ އަތޮޅު މާފަރަށް ފުރަތަމަ ފަހަރަށް ބޯއިން 777 ގެ މަތިންދާ ބޯޓެއް ޖައްސައިފިއެވެ.

ޑިސެމްބަރު 2019 ގައި ހުޅުވި މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގެ ތާރީހުގައި ފުރަތަމަ ފަހަރަށް ޖެއްސީ އެމިރޭޓްސްގެ ބޮއިން 777 ގެ މަތިންދާބޯޓެކެވެ.


ރާއްޖޭގައި އެންމެ މަތީ ފެންވަރުގެ ގިނަ ރިސޯޓުތަކެއް ހިންގާ ސަރަހައްދުގައި ހަދާފައިވާ މާފަރު އެއާޕޯޓަށް ފުރަތަމަ ފަހަރަށް ވައިޑްބޮޑީ މަތިންދާބޯޓެއް މި ޖެއްސީ އެ އެއާޕޯޓަށް ބޮޑެތި މަތިންދާބޯޓުތައް ޖެއްސުމުގެ ގާބިލުކަން ވަޒަން ކުރުމަށް ކުރިއަށް ގެންދާ ސެޓިފިކޭޝަން ޕްރޮސެސްގެ ބައެއްގެ ގޮތުންނެވެ.


މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައި ވައިޑް ބޮޑީ މަތިންދާބޯޓުތައް ޖެއްސުމަށާއި އޮޕަރޭޝަނަލް ޚިދުމަތްތައް ރަނގަޅު ކުރުމަށް އެ އެއާޕޯޓް ވަނީ އިތުރަށް ތަރައްގީކޮށްފައެވެ. އެގޮތުން އެއާޕޯޓްގެ ރަންވޭ 2.2 ކިލޯމީޓަރުން 2.8 ކިލޯމީޓަރަށް ބޮޑުކޮށްފައިވެއެވެ.


އެ އެއާޕޯޓްގެ ޕާކިން ޖާގަ 13 ޖެޓުން 26 ޖެޓަށް ފުޅާކޮށް، އޭޕްރަން ކެޕޭސިޓީ ވަނީ ވަރަށް ބޮޑަށް އިތުރުކޮށްފައެވެ.


މާފަރު އިންޓަނޭޝަނަލް އެއާޕޯޓުން 2019 ވަނަ އަހަރު ހުޅުވި ނަމަވެސް އިތުރަށް ތަރައްގީކުރުމަށްޓަކައި 2024 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި ވަނީ ބައިނަލްއަގުވާމީ ދަތުރުތައް ވަގުތީ ގޮތުން މެދުކަނޑާލާފައެވެ. މިހާރު ވަނީ އަލުން ފަށަން ތައްޔާރުވެފައެވެ.