މީޑިއާތަކަށް ދިމާވެފައިވާ އޮފީސް ޖާގައިގެ ދަތިކަމަށް ހައްލެއް: "މީޑިއާ ވިލެޖް"ގެ މަސައްކަތް ނިމެނީ
އަމިއްލަ މީޑިއާތަކަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުން ކަމަށްވާ އޮފީސް ހިންގާނެ އެކަށީގެންވާ ޖާގަ ނުލިބުމާއި ބޮޑު ކުލި ދައްކަންޖެހުމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ސަރުކާރުން ހުޅުމާލޭގައި ތަރައްޤީކުރާ "މީޑިއާ ވިލެޖް"ގެ މަސައްކަތް ނިމުމަކާ ގާތްވެއްޖެއެވެ.
ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ހުންނަ މެންހެޓަން ގްރޭންޑް ހޮޓެލްގެ ތިންވަނަ ފަންގިފިލާގައި 34 މީޑިއާއަކަށް އޮފީސް ހިންގޭނެ ގޮތަށް ތަރައްޤީކުރާ މި މީޑިއާ ވިލެޖަކީ، ނޫސްވެރިންނަށް ވަރަށް ކުޑަ އަދި ރަމްޒީ ކުއްޔެއްގައި ޖާގަ ފޯރުކޮށްދިނުމަށް ތައްޔާރުކުރެވޭ ތަނެކެވެ.
ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މަޢުލޫމާތު ދޭގޮތުގައި މީޑިއާ ވިލެޖްގެ އޮފީސް ރޫމްތަކުގެ މަސައްކަތްތައް މުޅިން ނިމިފައިވާއިރު، މި ފެށޭ އޮގަސްޓް މަހުގެ މެދުތެރެއަށް މުޅި ތަން އެއްކޮށް ނިންމާލުމަށް އަމާޒުހިފާފައިވެއެވެ. މި އިމާރާތުގެ އެންމެ ތިރީ ފަންގިފިލާގައި މީޑިއާތަކުން ކޮންޓެންޓް އުފެއްދުމަށް ޚާއްސަ ބޮޑު ސްޓޫޑިއޯއެއް ތަރައްޤީކުރުމުގެ ފަހުގެ މަސައްކަތްތައް މިހާރު ދަނީ ކުރިއަށެވެ.
މިނިވަންދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ، މީޑިއާތަކަށް މާލީ ގޮތުންނާއި ވަސީލަތްތަކުގެ ގޮތުން ކުރިމަތިވާ ދަތިތައް ހައްލުކޮށްދެއްވުމަށް ސަރުކާރުން އިސްކަންދެއްވާކަން ހާމަކުރައްވާފައެވެ. އެގޮތުން ދައުލަތުގެ ބަޖެޓުން މީޑިއާތަކަށް ފައިސާ ދޫކުރަން ފަށާފައިވާކަން ފާހަގަކުރައްވައި، މީޑިއާ ވިލެޖާއެކު ނޫސްވެރިކަން ފުޅާދާއިރާއެއްގައި ހިންގުމުގެ މަގު ފަހިވެގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.
ރާއްޖޭގައި 300 އަށްވުރެ ގިނަ މީޑިއާ ރަޖިސްޓަރީކޮށްގެން ހިންގަމުންދާއިރު، ސަރުކާރުން މިއަހަރު ވަނީ ޝަރުތުހަމަވި 40 މީޑިއާއަކަށް 27.2 މިލިއަން ރުފިޔާގެ މާލީ އެހީތެރިކަން ފޯރުކޮށްދީފައެވެ. މި އެހީތެރިކަމުގެ އިތުރުން މީޑިއާ ވިލެޖުން ކުޑަ އަގެއްގައި އޮފީސް އަދި ސްޓޫޑިއޯ ޖާގަ ލިބިގެންދިއުމަކީ އަމިއްލަ މީޑިއާތަކުގެ ހިންގުމަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔެކެވެ.
Ads by MACL
