ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އަހަރަކު 1000 ކުދިން ވަތަނީ ޚިދުމަތަށް ތަމްރީނުކުރާނެ: ރައީސް

އަހަރަކު 1000 ކުދިން ވަތަނީ ޚިދުމަތަށް ތަމްރީނުކުރާނެ: ރައީސް

ޤައުމުދެކެ ލޯބިވާ، އަޚްލާޤީ ގޮތުން ރަނގަޅު އަދި ވަފާތެރި ޖީލެއް ބިނާކުރުމުގެ މަޤްޞަދުގައި ސަރުކާރުން ކުރިއަށްގެންދާ "ދިވެހި ވަޠަނީ ޚިދުމަތް" ޕްރޮގްރާމުގެ ދަށުން ކޮންމެ އަހަރަކު މަދުވެގެން 1،000 ކުދިން ތަމްރީނުކުރުމަށް ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ޕީ.އެސް.އެމް ނިއުސްގެ "ނޭޝަން ޗެޓް" ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، މި ވަގުތު ތަމްރީނު ދިނުމުގެ ކެޕޭސިޓީ ހުރި މިންވަރުން އަހަރަކު 1،000 ކުދިން ތަމްރީނު ކުރެވުނު ނަމަވެސް، ކުރިއަށް އޮތް ތަނުގައި އެ އަދަދު 2،000 އަށް އިތުރުކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ. އެމް.އެން.ޑީ.އެފްގެ ސީދާ ބެލުމުގެ ދަށުން ކުރިއަށްގެންދާ މި ޕްރޮގްރާމުގެ މައިގަނޑު ބޭނުމަކީ ދީނަށް ވަފާތެރި، ހަށިހެޔޮ އަދި މަސައްކަތްތެރި ޒުވާނުންތަކެއް ޤައުމަށް ނެރުން ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ތަމްރީނުތައް ފުޅާކުރުމުގެ ގޮތުން ގިނިފުށީގައި ކުރިއަށްދާ މަސައްކަތްތައް ބާރުސްޕީޑުގައި ކުރިއަށްދާއިރު، ރާއްޖޭގެ އުތުރާއި ދެކުނުގައިވެސް ތަމްރީނު މަރުކަޒުތައް ޤާއިމުކުރުމުގެ މަސައްކަތް ދަނީ ހިނގަމުންނެވެ.

މީގެއިތުރުން، މި ޕްރޮގްރާމް ނިންމާ ކުދިންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަކީ ސަރުކާރުގެ ސިޔާސަތެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، މިހާތަނަށް ތަމްރީނު ފުރިހަމަކުރި ގިނަ ކުދިންތަކަކަށް އެމް.އެން.ޑީ.އެފް، ފުލުހުން އަދި އެހެނިހެން ޔުނިފޯމް ބޮޑީތަކުން ވަޒީފާ ހަމަޖެހިފައިވާ ކަމަށެވެ. އަދި އަމިއްލަ މަސައްކަތް ކުރަން ބޭނުންވާ ކުދިންނަށް ތަފާތު ދާއިރާތަކުން ހުނަރު ދަސްކޮށްދީ، ޕްރައިވެޓް ސެކްޓާގައި މަސައްކަތް ކުރުމުގެ މަގުވެސް ފަހިކޮށްދީފައިވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ، މި މަސައްކަތުގެ ސަބަބުން ކުދިންގެ އަމިއްލަ ދިރިއުޅުމަށާއި، އާއިލާތަކުގެ އިތުރުން މުޅި މުޖުތަމައަށްވެސް ބޮޑު ހިތްހަމަޖެހުމަކާއި ކުރިއެރުމެއް ލިބިގެންދާނެ ކަމަށެވެ.