ރާއްޖެއާއި ތުރުކީވިލާތާ ދެމެދު ސޮއިކުރި ވިޔަފާރި އެއްބަސްވުމަށް އަމަލުކުރަން ފަށައިފި، މިއީ މި ސަރުކާރުން ފެށި ކަމެއް!
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ވިޔަފާރީގެ އެއްބަސްވުމަށް މިއަދުން ފެށިގެން ރަސްމީކޮށް އަމަލުކުރަން ފަށައިފިއެވެ. މި އެއްބަސްވުމުގެ ދަށުން ދެ ގައުމުގެ ދެމެދުގައި ކުރާ ވިޔަފާރީގެ މުއާމަލާތްތަކަށް ލުއިފަސޭހަތަކެއް ލިބި، އިގުތިސާދީ ގުޅުން އިތުރަށް ބަދަހިވެގެންދާނެއެވެ.
އިކޮނޮމިކް މިނިސްޓްރީން ހާމަކުރި ގޮތުގައި، 2024 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ހަތަރުވަނަ ދުވަހު ސޮއިކުރި މި އެއްބަސްވުމަށް އަމަލުކުރުމަށްޓަކައި ދެ ގައުމުގެ ސަރުކާރުން ފުރިހަމަކުރަން ޖެހޭ ގާނޫނީ އިޖުރާއަތުތައް މިހާރު ވަނީ ފުރިހަމަކޮށްފައެވެ. އަދި މި އިޖުރާއަތުތައް ފުރިހަމަކުރިކަން އަންގައިދޭ ލިއެކިއުންތައްވެސް ދެ ގައުމުގެ ދެމެދުގައި ވަނީ ބަދަލުކޮށްފައެވެ.
މި އެއްބަސްވުމުގެ ސަބަބުން ރާއްޖެއިން ތުރުކީވިލާތަށް ބޭރުކުރާ މަހުގެ ބާވަތްތަކުން ލުއިތަކެއް ލިބިގެންދާނެއެވެ. މިނިސްޓްރީގެ މައުލޫމާތުތަކަށް ބަލާއިރު، ރާއްޖެއިން ތުރުކީއަށް އެކްސްޕޯޓްކުރާ 75 ބާވަތެއްގެ މުދަލަކުން ޑިއުޓީ ލުއިކުރުމާއި ވިޔަފާރީގެ ފަސޭހަތައް ހިމެނެއެވެ. ހަމައެހެންމެ، ތުރުކީވިލާތުން ރާއްޖެ އެތެރެކުރާ ތަކެތީގެ ތެރެއިން ޕްލާސްޓިކް، ސެންޓު، އިމާރާތްކުރުމަށް ބޭނުންކުރާ ބައެއް ސާމާނު، އަދި އޭސީ އާއި ފްރިޖު ފަދަ އިލެކްޓްރޯނިކް ސާމާނުން ވެސް ލުއިތަކެއް ލިބޭނެއެވެ. މި ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ވިޔަފާރިވެރިންނަށް ތަކެތި ހެޔޮ އަގުގައި ލިބުމަށް މަގުފަހިވެ، ބާޒާރުގައި ތަކެތީގެ އަގުތައް ހެޔޮވެގެން ދިއުމަށް ފުރުސަތު ބޮޑުކަމަށް މިނިސްޓްރީން ފާހަގަކުރެއެވެ.
Ads by BMLމި ވިޔަފާރި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު 2023 ވަނަ އަހަރުގެ ނޮވެންބަރު މަހު ތުރުކީވިލާތަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން އެކުލަވާލެވުނު މުހިންމު އެއްބަސްވުމެކެވެ. އެ ދަތުރުފުޅުގައި ތުރުކީގެ ރައީސް ރަޖަބް ޠައްޔިބު އުރްދުޣާނާ ބައްދަލުކުރައްވައި، ދެ ގައުމުގެ ވިޔަފާރިއާއި އިންވެސްޓްމެންޓް ދާއިރާއިން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ދެ ލީޑަރުން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައެވެ.
Ads by MACL
