ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ވެލާނާ އެއާޕޯޓު ފަޅަށް އުޅަނދުފަހަރު ވަނުން ހާއްސަ އުސޫލެއްގެ ދަށުން ސާވިސް ޕޯޓަލްއަކަށް ބަދަލުކޮށްފި

ވެލާނާ އެއާޕޯޓު ފަޅަށް އުޅަނދުފަހަރު ވަނުން ހާއްސަ އުސޫލެއްގެ ދަށުން ސާވިސް ޕޯޓަލްއަކަށް ބަދަލުކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޖެޓީއާއި ފަޅުތެރެ ބޭނުންކުރާ ކަނޑު އުޅަނދުފަހަރަށް ހާއްސަ އުސޫލެއް ކަނޑައަޅައި، އެއާޕޯޓަށް ކައިރިކުރެވޭނީ ކުރިއާލާ ރަޖިސްޓްރީވެގެން ކަމަށް ހަމަޖައްސައި އެ އުސޫލަށް އަމަލުކުރަން ފަށައިފިއެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން އާންމުކުރި ބަޔާނެއްގައިވާ ގޮތުން، އެއާޕޯޓުގެ ސަރަހައްދަށް އުޅަނދުފަހަރު ވަނުމާއި މަޑުކޮށްގެން ތިބެވޭނީ ހާއްސަ ހުއްދައެއް ނަގައިގެންނެވެ. އަދި މި ހިދުމަތްތައް އިންތިޒާމުކޮށް ބެލެހެއްޓުމަށްޓަކައި "ހާބަ ޕޯޓަލް"ގެ ނަމުގައި ހާއްސަ އޮންލައިން ނިޒާމެއް ވަނީ ގާއިމުކޮށްފައެވެ.

އެމްއޭސީއެލްއިން ފާހަގަކުރި ގޮތުގައި މި ނިޒާމު ތައާރަފުކުރުމުގެ މައިގަނޑު މަގުސަދަކީ އެއާޕޯޓު ފަޅުތެރެއިން ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރު މަތީ ދަރަޖައަކަށް އުފުލުމެވެ. މީގެ އިތުރުން ފަޅުތެރެ ބޭނުންކުރާ އުޅަނދުތަކުގެ ތަފްސީލީ ރެކޯޑުތައް ބެލެހެއްޓުމާއި، ދުވަހުން ދުވަހަށް ހިންގާ އޮޕަރޭޝަނަލް މަސައްކަތްތައް ސޫޕަވައިޒްކޮށް މޮނިޓާކުރުން އިތުރަށް ފަސޭހަވެގެންދާނެއެވެ.

މި އާ އުސޫލަށް އަމަލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ތަފާތު މަރުހަލާތަކަކަށް ބަހާލައިގެންނެވެ.

އޭގެ ތެރެއިން ފުރަތަމަ މަރުހަލާގައި ހާއްސަ އިސްކަމެއް ދެވޭނީ އުޅަނދުފަހަރު ޕޯޓަލްގައި ރަޖިސްޓްރީކުރުމުގެ މަސައްކަތަށާއި، މި ނިޒާމު ބޭނުންކުރާނެ ގޮތުގެ މައުލޫމާތު އުޅަނދުތަކުގެ ވެރިންނަށް ފޯރުކޮށްދީ ހޭލުންތެރިކަން އިތުރުކުރުމަށެވެ. އަދި ރަޖިސްޓްރީވުމުގެ މަރުހަލާގައި ދިމާވާ ދަތިތަކަށް އެހީތެރިވުމުގެ ގޮތުން ފަޅުވެރިންނާ ސީދާ މުއާމަލާތްކޮށްގެން އެހީތެރިކަން ފޯރުކޮށްދިނުމަށް ވެސް ވަނީ ނިންމާފައެވެ.

އުޅަނދުފަހަރުގެ ވެރިންނަށާއި އޮޕަރޭޓަރުންނަށް "ހާބަ ޕޯޓަލް"ގައި ރަޖިސްޓްރީވުމަށް އެއް މަސްދުވަހުގެ މުއްދަތެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އެ މުއްދަތު ހަމަވެ، ޕޯޓަލް ފުރިހަމައަށް އަމަލީގޮތުން ބޭނުންކުރަން ފެށުމުން، އެއާޕޯޓު ފަޅުގެ ހިދުމަތްތައް ހޯދޭނީ ފަޅަށް ވަނުމުގެ ކުރިން އޮންލައިންކޮށް ހުއްދައަށް އެދި ހުށަހަޅައިގެން އެކަން ކަށަވަރުކުރުމަށްފަހުގައެވެ.