ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އެމްއެންޑީއެފްގެ 73ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުން ބާއްވައިފި

ޤައުމީ ދިފާޢީ ބާރާ އަލަށް ގުޅޭ ފަރާތްތައް ތަމްރީނުކުރުމަށް ހިންގާ އަސާސީ ތަމްރީނު ކޯހުގެ 73ވަނަ ބެޗުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ގެ ތެރެއިން ---
ޤައުމީ ދިފާޢީ ބާރާ އަލަށް ގުޅޭ ފަރާތްތައް ތަމްރީނުކުރުމަށް ހިންގާ އަސާސީ ތަމްރީނު ކޯހުގެ 73ވަނަ ބެޗުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ގެ ތެރެއިން ---

ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރާ އަލަށް ގުޅޭ ފަރާތްތައް ތަމްރީނުކުރުމަށް ހިންގާ އަސާސީ ތަމްރީނު ކޯހުގެ 73ވަނަ ބެޗުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު މިއަދު ހަވީރު ގިރިފުށީ ޓްރެއިނިންގ ސެންޓަރުގައި ބާއްވައިފިއެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު، އޮނަރަބަލް ޙަސަން ރަޝީދެވެ. އެމަނިކުފާނު ވަނީ މި ރަސްމިއްޔާތުގައި ލަޝްކަރު ބަލައި ފާސްކޮށްދެއްވުމަށް ފަހު، ކޯހުން ވަނަތައް ހާސިލުކުރި ދަރިވަރުންނަށް އިނާމު ހަވާލުކޮށްދެއްވައި، ދަރިވަރުންނާ މުޚާތަބުކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ.

އެމްއެންޑީއެފް ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީސްއިން 2026 މާރިޗު 7އިން ފެށިގެން އެމްއެންޑީއެފް ގިރިފުށި ޓްރެއިނިންގ ސެންޓަރުގައި ކުރިއަށްގެންދިޔަ މި ކޯހުން ޖުމްލަ 117 ދަރިވަރުން ވަނީ ދަސްވެނިވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 22 އަންހެން ދަރިވަރުންނާއި 95 ފިރިހެން ދަރިވަރުންނެވެ.

މި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޑިފެންސް އެންޑް ނޭޝަނަލް ސަރވިސް، ޢާއިޝަތު ޞަފޫރާއާއި، ޑެޕިއުޓީ މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސަރވިސް، ފާޠިމަތު މިޒްނާ ޢަލީގެ އިތުރުން ޖެނެރަލް އޮފިސަރުންނާއި، ސާޖަންޓް މޭޖަރ އޮފް އެމްއެންޑީއެފް ނަޞްރުﷲ ވަސީމް ބައިވެރިވެވަޑައިގެންނެވިއެވެ.

މީގެ އިތުރުން، ސިފައިންގެ އޮފިސަރުންނާއި، ކޯހުގެ މުދައްރިބުންގެ އިތުރުން ދަސްވެނިވި ދަރިވަރުންގެ ބެލެނިވެރިންވެސް މި ޚާއްޞަ ރަސްމިއްޔާތުގައި ބައިވެރިވެފައިވެއެވެ.