ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޕީއެންސީގެ ނައިބުންގެ ރޭހަށް މުންދު!

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕޯކްސްޕާސަން މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ---
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕޯކްސްޕާސަން މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ---

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ނައިބު ރައީސްކަމުގެ މަޤާމަށް ވާދަކުރެއްވުމަށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕޯކްސްޕާސަން މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ނިންމަވައިފިއެވެ.

މުންދު މިކަން ހާމަކުރެއްވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. މުންދު ވިދާޅުވީ، ޤައުމީ ފިކުރަށް ކުރިމަތިވި ދަތި ވަގުތު ރައްޔިތުންގެ ލާބައާއި މަންފާއަށް ވުޖޫދުކުރި ޕީއެންސީގެ ފުރަތަމަ ކޮންގްރެސްގައި، ޕާޓީގެ މެންބަރުން ކުރެއްވި އިތުބާރާއެކު އިންތިޚާބުވި ނައިބު ރައީސެއްގެ ހައިސިއްޔަތުންނާއި، މިއަދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ހަރުދަނާ ވެރިކަމުގައި ރައްޔިތުންނަށް ޚިދުމަތްކުރުމުގެ ޝަރަފު ލިބިވަޑައިގެންފައިވާތީ މާތް ﷲއަށް ޙަމްދުކުރައްވާ ކަމަށެވެ.

އަދި މި ޤައުމީ ފިކުރުގައި ދިވެހިރާއްޖެއަށް ހަމަޖެހުމާއި ތަނަވަސްކަން ގެނެސްދެއްވުމަށްޓަކައި ރައީސް މުޢިއްޒު ރާއްޖޭގެ ޒަޢާމަތުގައި ހުންނެވުމަކީ ޤައުމަށް އެންމެ ފައިދާހުރި ގޮތް ކަމަށް ޤަބޫލުކުރައްވާކަމަށް މުންދު ވިދާޅުވިއެވެ.

އެހެންކަމުން، 2028 ވަނަ އަހަރު ރައީސް މުޢިއްޒު ދެވަނަ ދައުރަކަށް އިންތިޚާބުކުރުމުގެ މަތިވެރި މަޤްޞަދު ޙާޞިލުކުރުމަށްޓަކައި، އެމަނިކުފާނުގެ ޤާބިލުކަން ތަންދިން އެންމެ ފުރިހަމައަކަށް މަސައްކަތްކުރެއްވުމުގެ ވަރުގަދަ ޢަޒުމުގައި، މާތް ﷲގެ ވާގިފުޅާއެކު ޕީއެންސީގެ ނައިބު ރައީސްކަމަށް ވާދަކުރެއްވުމަށް ނިންމެވީ ކަމަށް މުންދު ވަނީ ވިދާޅުވެފައެވެ.