ޕީއެންސީގެ ނައިބު ރައީސްކަމަށް މަޖިލިސް މެންބަރުންނާއި ވަޒީރުން ހިމެނޭހެން 7 ބޭފުޅަކު ކުރިމަތިލައްވަނީ
ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކުރިއަށް އޮތް ކޮންގްރެސްގައި އެ ޕާޓީގެ ނައިބު ރައީސްކަމުގެ މަގާމުތަކަށް ވާދަކުރެއްވުމުގެ ޝައުގުވެރިކަން ސަރުކާރުގެ ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހިމެނިވަޑައިގަންނަވާހެން ހަތް ބޭފުޅަކު ފާޅުކުރައްވައިފިއެވެ.
ޕީއެންސީން ހާމަކޮށްފައިވާ ގޮތުގައި، ކޮންގްރެސްގެ ތެރެއިން ޕާޓީގެ ރައީސާއި ނައިބު ރައީސުން އިންތިހާބު ކުރުމަށް ހަމަޖެހިފައިވާއިރު، މި މަގާމުތަކަށް ބޭފުޅުން އިންތިހާބު ކުރާނީ ޕާޓީގެ މަތީ މަޖިލީހުންނެވެ.
މި މަގާމުތަކަށް ޝައުގުވެރިކަން ފާޅުކުރެއްވި ބޭފުޅުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާއާއި، މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދުގެ އިތުރުން ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ހިމެނިވަޑައިގަންނަވައެވެ.
އޭގެ އިތުރުން ސަރުކާރުގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި، ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އަދި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމްގެ އިތުރުން، ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވެސް ވަނީ މި މަގާމުތަކަށް ޝައުގުވެރިކަން ފާޅުކުރައްވާފައެވެ.
ޕީއެންސީގެ މިހާރުގެ ހިންގުމުގެ ނިޒާމަށް ބަލާއިރު އެ ޕާޓީގައި ހަ ނައިބު ރައީސުން ތިއްބަވާއިރު، އޭގެ ތެރޭގައި ނައިބު ރައީސް ހުސެއިން މުޙައްމަދު ލަޠީފްގެ އިތުރުން މިހާރުވެސް ވާދަކުރައްވަން ޝައުގުވެރިކަން ފާޅުކުރެއްވި މުހައްމަދު ސައީދާއި، އަހުމަދު ޝިޔާމާއި، އިބްރާހިމް ޝުޖާއު އަދި މުހައްމަދު ހުސައިން ޝަރީފް ހިމެނިވަޑައިގަންނަވައެވެ.
ޕީއެންސީގެ ކޮންގްރެސް ބާއްވާނެ ވަކި ތާރީހެއް އެ ޕާޓީން އަދި ރަސްމީކޮށް އިއުލާނުކޮށްފައި ނުވި ނަމަވެސް، އެތެރޭގެ އިންތިހާބުތަކުގެ މަސައްކަތްތައް ވަރަށް ބާރަށް ކުރިއަށްދެއެވެ.
އެގޮތުން، މި ފަހުން ޕީއެންސީން ވަނީ ސްޓިއަރިން ކޮމިޓީތަކާއި ދާއިރާތަކުގެ އިންތިހާބުތައް ބާއްވައި، 131 ދާއިރާއަކުން 2،500 އަށްވުރެ ގިނަ މަގާމުތަކަށް މީހުން އިންތިހާބުކޮށްފައެވެ. ޕާޓީން ބުނެފައިވަނީ މިއީ ކުރިއަށް އޮތް ކޮންގްރެސްއަށް ތައްޔާރުވުމުގެ ގޮތުން ޕާޓީގެ ހިންގުން ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތްތަކެއް ކަމަށެވެ.
Ads by MACL
