ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

6 އިންސައްތައިގެ ކުރިއެރުމަކާއެކު ސީ-ޓޫ-އެއަރ ކާގޯގެ ޚިދުމަތް އިތުރަށް ފުޅާވަނީ

ކެމްބޯޑިއާއިން ފޮނުވި ފުރަތަމަ ސީ-ޓު-އެއަރ ޓްރާންސްޝިޕްމަންޓް ކާގޯ ----. ފޮޓޯ: އެމްއޭސީއެލް
ކެމްބޯޑިއާއިން ފޮނުވި ފުރަތަމަ ސީ-ޓު-އެއަރ ޓްރާންސްޝިޕްމަންޓް ކާގޯ ----. ފޮޓޯ: އެމްއޭސީއެލް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (އެމްއެލްއީ) މެދުވެރިކޮށް ފޯރުކޮށްދެމުންދާ ސީ-ޓޫ-އެއަރ ކާގޯގެ ޚިދުމަތަށް ބޮޑު ކުރިއެރުމެއް ލިބި، އެ ޚިދުމަތް އިތުރަށް ފުޅާވާން ފަށައިފިއެވެ. އެމްއޭސީއެލް، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަދި ކަސްޓަމްސް އާއި ބައިނަލްއަޤްވާމީ އެއާލައިންތައް ގުޅިގެން 2024 ވަނަ އަހަރުގެ މެއި މަހު ފެށި މި ޚިދުމަތަކީ ކަނޑުމަގުން ގެންނަ މުދާ ވައިގެ މަގަށް ބަދަލުކޮށްގެން ދުނިޔޭގެ އެކި ހިސާބުތަކަށް ފޮނުވުމަށް ގުޅުވާލަދޭ މުހިންމު ޚިދުމަތެކެވެ.

މިއަހަރުގެ ޖެނުއަރީން ޖުލައި މަހުގެ ނިޔަލަށް ބަލާއިރު، މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ސީ-ޓޫ-އެއަރ ކާގޯގެ ޚިދުމަތުން ވަނީ 6 އިންސައްތައިގެ ކުރިއެރުމެއް ހޯދާފައެވެ. އެގޮތުން ޖުލައި 2026 މާފަންނުގެ ނިޔަލަށް އެމްއެލްއީ މެދުވެރިކޮށް 1،478 ޓަނުގެ ޓްރާންސްޝިޕްމަންޓް ކާގޯ ވަނީ ވިލާތާއި އެމެރިކާގެ މުހިންމު މަންޒިލްތަކަށް ފޮނުވާފައެވެ. އަހަރުގެ ކުރީކޮޅު ބައެއް ގޮންޖެހުންތަކާ ކުރިމަތިވިނަމަވެސް، މި ޚިދުމަތް ބޭނުންކުރާ މިންވަރު ދަނީ އެއްދުވަހުން އަނެއްދުވަހަށް އިތުރުވަމުންނެވެ.

މި ޚިދުމަތް އެންމެ ފުރަތަމަ ތުރުކީޝް އެއާލައިންސާއެކު ފެށިނަމަވެސް، މިހާރު ޖުމްލަ 17 އެއާލައިނަކުން އެމްއެލްއީ މެދުވެރިކޮށް ސީ-ޓޫ-އެއަރ ކާގޯގެ ޚިދުމަތް ދެމުން ދެއެވެ. މައިގަނޑު ގޮތެއްގައި ކޮލަންބޯ، ޓުޓިކޮރިން، ޑާކާ އަދި މުމްބާއީ ފަދަ ސަރަޙައްދީ ބަނދަރުތަކުން ކަނޑުމަގުން ގެންނަ މުދާ، ރާއްޖެ މެދުވެރިކޮށް އިޓަލީ، ޖަރުމަނު އަދި ނެދަރލޭންޑްސް ފަދަ ޔޫރަޕްގެ މުހިންމު ގައުމުތަކަށް އުފުލައެވެ. މީގެ އިތުރުން މުޅިން އަލަށް ކެމްބޯޑިއާއިންވެސް ސީ-ޓޫ-އެއަރ ޓްރާންސްޝިޕްމަންޓް ކާގޯ މިހާރު ވަނީ ރާއްޖެއަށް ގެންނަން ފަށާފައެވެ.

ސީ-ޓޫ-އެއަރ ޚިދުމަތަކީ ކަނޑުދަތުރުފުޅުގެ އަގުހެޔޮކަމާއި ވައިގެދަތުރުފުޅުގެ އަވަސްކަން އެކުލެވިގެންވާ، ވިޔަފާރިވެރިންނަށް ވަރަށް ފައިދާހުރި ނިޒާމެކެވެ. މީގެކުރިން ދުބާއީއާއި ސިންގަޕޫރު ފަދަ ހަބްތައް މެދުވެރިކޮށް ކުރަމުންއައި މި މަސައްކަތުގައި ރާއްޖެއަކީ ދުނިޔޭގެ މަގުބޫލު ފަތުރުވެރި މަންޒިލަކަށްވެފައި، ދުވަހުން ދުވަހަށް ގިނަ އަދަދެއްގެ ވައިޑް-ބޮޑީ ޕެސެންޖަރ އެއާކްރާފްޓްތައް ދަތުރުކުރާތީ، ރާއްޖެއަށް މި ދާއިރާއިން ބޮޑު ކުރިއެރުމެއް ހޯދުމުގެ ފުރުސަތު ބޮޑެވެ. މިގޮތުން އުފުލާ މުދަލުގެ ބޮޑު ބަޔަކީ އުފެއްދުންތެރި ގައުމުތަކުން ފޮނުވާ ތައްޔާރީ އަންނައުނު ފަދަ އާންމު މުދަލެވެ.

އެމްއެލްއީން އަމާޒުހިފާފައިވަނީ އެއާލައިންތަކާ ގުޅިގެން މުދާ އުފުލުމުގެ ކަންކަން ވީހާވެސް އަވަސްކޮށް، ލަސްވުމެއްނެތް ޚިދުމަތެއް ފޯރުކޮށްދިނުމަށެވެ. ކުރިއަށްއޮތް ފިނިމޫސުމުގެ ދުވަސްވަރު އިތުރު އެއާލައިންތަކުން ދަތުރުތައް ފެށުމާއެކު މި ޚިދުމަތް އިތުރަށް ފުޅާވެގެންދާނެކަމަށް ބެލެވެއެވެ. އަދި އީޑީއެސް މެޝިން ހަރުކުރުމާއި، ސީއީއައިވީ ފާމާ އަދި ފްރެޝް ސެޓިފިކޭޝަން ހޯދުމުގެ އިތުރުން ޓާމިނަލްއަށް ގެެވޭ ޒަމާނީ ބަދަލުތަކާއެކު ސީ-ޓޫ-އެއަރ ކާގޯގެ ޚިދުމަތް ކުރިއަށްއޮތް ތަނުގައި އިތުރަށް ވަރުގަދަވެގެންދާނެއެވެ.