ލޭންޑިން ކްރާފްޓެއް އަޑިއަށް ދިޔަ ހާދިސާގައި ގެއްލުނު ދެ މީހުން ހޯދުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށް
ކ. ތިލަފުށިން ފުރައިގެން ދަތުރުކުރަމުން ދިޔަ ލޭންޑިން ކްރާފްޓެއް ދިޔަވެ، މިދިޔަ ހުކުރު ދުވަހު ކ. ގާފަރު ކައިރިއަށް އަޑިއަށް ދިޔަ ހާދިސާގައި ގެއްލުނު ދެ މީހުން ހޯދުމަށް ޓަކައި މިހާތަނަށް 2،747 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ކަނޑާއި ވައިގެ މަގުން ބަލައިފިއެވެ.
މި ހާދިސާގައި ގެއްލިގެން ހޯދަމުން ދަނީ ދެ ބިދޭސީންނެވެ. އެމްއެންޑީއެފުން މައުލޫމާތު ދޭ ގޮތުގައި، މި ދެ މީހުން ހޯދުމަށް ޓަކައި ކޯސްޓުގާޑުގެ ފާސްޓް އިންޓަސެޕްޓަ ކްރާފްޓުތަކާއި އެމްއެންޑީއެފުން އަލަށް ޚިދުމަތަށް ގެނައި އިމާދުއްދީން މަނަވަރު ހަރަކާތްތެރިވަމުން އަންނައިރު، ކޯސްޓުގާޑުގެ ޑައިވަރުން ވަނީ އުޅަނދު އަޑިއަށް ދިޔަ ސަރަހައްދަށް ފީނައިގެން ވެސް ހޯދުމުގެ މަސައްކަތްތަކެއް ކޮށްފައެވެ.
ޖުމްލަ 10 މީހުންނާ އެކު ދަތުރުކުރި މި އުޅަނދު އަޑިއަށް ދިޔައިރު، އޭގައި ތިބީ ދެ ދިވެހީންނާއި އަށް ބިދޭސީންނެވެ. މި ހާދިސާގައި ސަލާމަތްވި އަށް މީހުން ހުކުރު ދުވަހު ވަނީ ރައްކާތެރިކަމާ އެކު ގާފަރަށް ގެންގޮސްފައެވެ. ނަމަވެސް މިހާތަނަށް ކުރެވުނު މަސައްކަތުން ގެއްލުނު ދެ ބިދޭސީން އަދި ފެނިފައި ނުވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
Ads by BMLރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވި ދުވަސްވަރެއްގައި ހިނގި މި ހާދިސާގެ ތަހުގީގު ކުރިއަށްދާއިރު، ގެއްލުނު މީހުން ހޯދުމަށް ޓަކައި އެމްއެންޑީއެފްގެ ކޯސްޓުގާޑާއި އެއާ ކޯގެ ގާބިލުކަން ބޭނުންކޮށްގެން ހުއްޓުމެއް ނެތި އޮޕަރޭޝަންތައް ކުރިއަށް ގެންދާނެ ކަމަށް އެ އިދާރާއިން މައުލޫމާތު ދެއެވެ.
Ads by MACL
