ގާތުންދޭ މައިންނަށް އެހީތެރިވުމަކީ މުޅި މުޖުތަމަޢުގެ މަސްއޫލިއްޔަތެއް: މެޑަމް ސާޖިދާ
ދުނިޔޭގެ ގާތުންދިނުމުގެ ހަފްތާ ފާހަގަކުރުމުގެ ގޮތުން، ތުއްތު ކުދިންނަށް ގާތުންދޭ މައިންނަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިނުމަކީ މުޅި މުޖުތަމަޢުގެ ޒިންމާއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފަސްޓްލޭޑީ ވިދާޅުވީ، ދަރިފުޅަށް ގާތުންދޭ ކޮންމެ ދަނޑިވަޅަކީ މައިންގެ ލޯތްބާއި ކެތްތެރިކަން ހާމަވެގެންދާ އޯގާތެރި އަމަލެއް ކަމަށެވެ. އަދި މައިންނަށް އެކަމުގައި އަމާން، ފަހި މާހައުލެއް ބިނާކޮށްދިނުމަކީ އެންމެންގެ މައްޗަށް އޮތް ވާޖިބެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
ގާތުންދިނުމަކީ ހަމައެކަނި ކުއްޖާއަށް ކާނާ ދިނުން ނޫންކަން ފާހަގަކުރައްވަމުން، އެއީ ތުއްތު ކުއްޖާ ތަފާތު ބަލިތަކުން ރައްކާތެރިކޮށްދޭ ފުރަތަމަ އައްޑަނަ ކަމަށް މެޑަމް ސާޖިދާ ވިދާޅުވިއެވެ. މީގެ އިތުރުން އެއީ ކުއްޖާގެ ދިފާޢީ ނިޒާމު ވަރުގަދަކޮށް، ނަފްސާނީ ދުޅަހެޔޮކަމާއި މުޅި އުމުރަށް ބޭނުންވާ ސިއްހީ ބިންގާ އަޅައިދޭ ކަމެއްކަންވެސް އެކަމަނާ ހިއްސާކުރެއްވިއެވެ.
ފާއިތުވި ދެ އަހަރުގެ ތެރޭގައި ސަރުކާރުން މި ދާއިރާއިން ހޯދާފައިވާ ކުރިއެރުންތަކަށް އަލިއަޅުވާލައްވަމުން، ވަޒީފާ އަދާކުރާ މައިންނަށް މުސާރަ ލިބޭ ގޮތަށް ގާތުންދިނުމަށް ދެވޭ ވަގުތު ދެ އަހަރަށް އިތުރުކޮށްދީފައިވާކަން އެކަމަނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ވިހެއުމާ ގުޅިގެން ލިބޭ ޗުއްޓީ ކަށަވަރުކޮށްދީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތުއްތު ކުދިންނަށް ދެވޭ ސިއްހީ ހިދުމަތްތައް ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަންވެސް ވިދާޅުވިއެވެ.
"ދެމެހެއްޓެނިވި ފެށުމަކަށް ގާތުންދިނުން: ނަތީޖާ ނެރެދޭ ކަންކަން އިތުރަށް ވަރުގަދަކުރަމާ" މިއަހަރުގެ ގާތުންދިނުމުގެ ހަފްތާގެ ޝިއާރާ އެއްގޮތަށް، މައިންނަށް ބޭނުންވާ އެހީތެރިކަން އިތުރުކޮށް، ގާތުންދިނުމުގެ އާދަ އަށަގަންނުވުމަށް މުޅި މުޖުތަމައު ގުޅިގެން މަސައްކަތް ކުރުމަށް ފަސްޓްލޭޑީ ވަނީ އަޒުމް އާކުރެއްވުމަށް ގޮވާލައްވާފައެވެ.
Ads by MACL
