ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ރަށްރަށުގެ ކުނި މެނޭޖުކުރުމުގެ ނިޒާމު ހަރުދަނާކުރަން ވެމްކޯއިން ތައްޔާރުވެއްޖެ

ރަށްރަށުގެ ކުނި މެނޭޖުކުރުމުގެ ނިޒާމު ހަރުދަނާކުރަން ވެމްކޯއިން ތައްޔާރުވެއްޖެ

ރާއްޖޭގެ އެކި ރަށްރަށަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ ގޮތުން، ގިނަ ރަށްތަކެއްގައި ކުނިކޮށި ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފެށުމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން އަންނަނީ ވަމުންނެވެ.

އެ ކުންފުންޏާ ހަވާލުކުރެވިފައިވާ 34 ރަށުގެ ތެރެއިން އިންސައްތަ ނުވަދިހަ ރަށެއްގައި މަސައްކަތް ފެށުމަށްޓަކައި ބޭނުންވާ ތަކެތި މޮބިލައިޒްކޮށް، ތައްޔާރީތައް ވަނީ ފުރިހަމަކުރެވިފައެވެ.

އަދި ބާކީ ހުރި މަދު ރަށްރަށުގައި މަސައްކަތް ނުފެށި ލަސްވަނީ، އެ ރަށްރަށުގެ ލޭންޑް ޔޫސް ޕްލޭންގެ ދަށުން ކުނިކޮށި ޤާއިމުކުރާނެ ވަކި ބިމެއް އަދި ހަމަނުޖެހި އޮތުމުގެ ސަބަބުންނެވެ.

މުޅި ރާއްޖޭގެ ނިސްބަތުން ބަލާއިރު، އަންނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް 129 ރަށެއްގައި ކުނި މެނޭޖުކުރާ މަރުކަޒުތައް ޤާއިމުކޮށް ނިންމުމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ދަނީ މަސައްކަތް ކުރަމުންނެވެ.

މި ބުރަ މަޝްރޫޢުގެ ދަށުން ސަރުކާރު ކުންފުނިތަކާ 110 ރަށެއްގެ މަސައްކަތް ހަވާލުކޮށްފައިވާއިރު، އަމިއްލަ އެކި ކުންފުނިތަކާ ހަވާލުކޮށްގެން 19 ރަށެއްގެ ކުނިކޮށި ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްދެއެވެ.