ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ރިޔާސީ ވައުދު ރަނުންރަނަށް، ވާނުވާ ބަންދުގައި ތިބި ފަރާތްތައް ޓެގު އަޅުވައި މުޖުތަމައުއަށް ދޫކުރުމުގެ މަސައްކަތް ސަރުކާރުން ފަށައިފި

ރިޔާސީ ވައުދު ރަނުންރަނަށް، ވާނުވާ ބަންދުގައި ތިބި ފަރާތްތައް ޓެގު އަޅުވައި މުޖުތަމައުއަށް ދޫކުރުމުގެ މަސައްކަތް ސަރުކާރުން ފަށައިފި
ވާނުވާ ބަންދުގައި ތިބި ފަރާތްތަކަށް ލުއި ދިނުމުގެ ގޮތުން ޓެގު އަޅުވައި މުޖުތަމައުއަށް ދޫކޮށްލުމުގެ މަސައްކަތް ޕީޖީން ފަށައިފިއެވެ.
ޝަރީއަތް ނިމެންދެން ބަންދުކުރުން ނުވަތަ "ވާނުވާ" ބަންދުގެ މައްސަލައަށް ހައްލެއް ނުލިބި ގިނަ ދުވަސްތަކެއް ވަމުން ދިޔުމާއެކު ބައެއް ފަރާތްތަކުން ދަނީ އެކަމާ މެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ޕީޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ ތެރެއިން އިލެކްޓްރޯނިކް މޮނިޓަރިން ނިޒާމެއްގެ ތެރެއިން އަދި ކޯޓުން ކަނޑައަޅާ ޝަރުޠުތަކާއެކު ބަންދަށް ލުއި ދެވިދާނެކަމަށް ފެންނަ މީހުންގެ ބަންދު މުރާޖައާކޮށް، އެ ކަންކަން މިއަދުން ފެށިގެން ކުރިއަށްގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.


އެގޮތުން، އިލެކްޓްރޯނިކް މޮނިޓަރިން ނިޒާމެއްގެ ތެރެއިން ބަންދަށް ލުއި ލިބުމަށް އެދޭ ފަރާތްތަކުން، ސަބަބާއެކު އެ އޮފީހަށް ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން ވަނީ ހުޅުވާލާފައެވެ.


މި މަސައްކަތް ކުރަނީ ބަންދަށް ލުއި ދިނުމުގެ ކުރިން މުޖުތަމައުގެ ސަލާމަތަށް އޮތް ނުރައްކާ ދެނެގަތުމަށް ފަހުއެވެ. އެގޮތުން، މި ނިޒާމުގެ ތެރެއިން ބަންދަށް ލުއި ދެވިދާނެ މީހުން ކަނޑައެޅުމަށްޓަކައި، އެ މީހުން މޮނިޓާ ކުރެވޭނެ ގޮތަށް ޝަރުތުތަކަކާއެކު މުޖުތަމައު ތެރެއަށް ދޫކޮށްލައިފިނަމަ، އެކަމުގެ ސަބަބުން މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް ނުރައްކާ ދެނެގަތުމަށް ފުލުހުންނާއި ކަރެކްޝަނަލް ސާވިސް މެދުވެރިކޮށް ޚާއްސަ އެސެސްމަންޓެއް ތައްޔާރުކުރެވޭނެ ކަމަށް ޕީޖީ އޮފީހުން މައުލޫމާތު ދެއެވެ.


އިލެކްޓްރޯނިކް މޮނިޓަރިން ނިޒާމެއްގެ ތެރެއިން ބަންދަށް ލުއި ދެވޭނީ އިސްވެ ދެންނެވުނު އެސެސްމަންޓް ޕީޖީ އޮފީހަށް ލިބުމުން އޭގައިވާ ކަންކަމަށް ރިޢާޔަތްކޮށް ބަންދަށް ލުއި ދެވިދާނެކަމަށް ފެންނަނަމަ، ބަންދު މުރާޖަޢާކުރުމަށް ކޯޓަށް ހުށަހަޅައިގެންނެވެ.


އެގޮތުން، ލުއި ދެވޭނީ ޖިނާއީ އިޖުރާއަތުގެ ގާނޫނު ގެ 66 ވަނަ މާއްދާގެ (ށ) ގެ 6 ވަނަ ނަންބަރުގެ ދަށުން، ކޯޓުން ގިނަވެގެން 100 ދުވަހަށް ކަނޑައަޅާ ޝަރުތެއްގެ ގޮތުގައި ކަމަށް ޕީޖީއޯއިން ވަނީ ބުނެފައެވެ.


މީގެއިތުރުން، މި ނިޒާމުގެ ތެރެއިން ބަންދަށް ލުއި ދީފައިވާ މީހުންގެ ޝަރުތުތައް މުރާޖައާކުރުމަށް ކޮންމެ 100 ދުވަހަކުން އެއް ފަހަރު ޕީޖީއޯއިން ކޯޓަށް ހުށަހަޅައި، މުރާޖައާކުރުން ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ކަމަށް ވެސް ޕީޖީއޯއިން ވަނީ ބުނެފައެވެ.

ބަންދަށް ލުއި ދީފައިވާ މީހަކު، އޭނާގެ މައްޗަށް ކޯޓުން ކޮށްފައިވާ އެއްވެސް ޝަރުތަކާ ޚިލާފުވެއްޖެ ނަމަ، ވަގުތުން އެ މީހަކު އަލުން ބަންދުކުރުމަށް ދައުލަތުގެ ފަރާތުން ކޯޓުގައި އެދޭނެއެވެ.


ބަންދަށް ލުއި ދިނުމަށް އެދި ޕީޖީ އޮފީހުގެ "އިލެކްޓްރޯނިކް މޮނިޓަރިން ނިޒާމެއްގެ ތެރެއިން ބަންދަށް ލުއި ދިނުމަށް އެދޭ ފޯމު" މެދުވެރިކޮށް ހުށަހެޅިދާނެއެވެ. ނުވަތަ އެ އޮފީހުގެ އޮންލައިން ޕޯޓަލް online.pgo.mv މެދުވެރިކޮށް ބަންދުގައިވާ މީހާގެ ވަކީލަށް އެކަމާ ގުޅޭ ހުށަހެޅުން އެ އޮފީހަށް ހުށަހެޅިދާނެއެވެ. މިކަމަށް އެދޭ ފޯމު، މިހާރު ޕީޖީ އޮފީހުގެ ވެބްސައިޓާއި، ކައުންޓަރުން ލިބެން ހުންނާނެއެވެ.


ހަމައެހެންމެ ކަރެކްޝަންސްގެ މީހުން ބަންދުކުރާ މަރުކަޒުތަކުން ފޯމު ލިބުމުގެ އިންތިޒާމު ހަމަޖައްސާނެ ކަމަށް ވެސް ޕީޖީއޯގެ ބަޔާނުގައި ވެއެވެ.


މި މައްސަލައަށް ހައްލެއް ގެނައުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ފާއިތުވި ހަފުތާ ހޯމް މިނިސްޓަރު އަލީ އިހުސާން އާއި ބަންޑާރަ ނައިބު އަހުމަދު އުޝާމް އަދި ޕީޖީ އައްބާސް ޝަރީފާ އެކު މަޝްވަރާ ކުރައްވާފައެވެ.


ޝަރީއަތް ނިމެންދެން ބަންދުކުރުން ނުވަތަ "ވާނުވާ" ބަންދުގެ މައްސަލައަށް ހައްލެއް ގެނައުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.


ވާނުވާ ބަންދުގައި މާރާމާރީއާއި، ޓެރަރިޒަމްގެ ކުށްތަކާއި މަރުގެ މައްސަލަތަކާއި މަސްތުވާތަކެއްޗާއި ގޭންގުކުށްތަކުގައި ތުހުމަތުވާ މީހުން ހިމެނޭކަން ފާހަގަކުރައްވައި މިދިޔަ ހަފުތާ ރައީސް ވިދާޅުވީ ކުޑަކުދިންނަށް ޖިންސީ ގޯނާކޮށްގެންނާއި، ޖިންސީ ގޯނާގެ ތުހުމަތުގައި ބަންދުގައި ތިބި މީހުން އިސްތިސްނާކޮށް، ކުށުގެ ބާވަތަށް ބަލައި ވީހާވެސް ގިނަ މީހުންނަށް އެ ފުރުސަތު ފަހިކޮށްދިނުމަށް މަސައްކަތް ކުރައްވާނެ ކަމުގައެވެ.


އަދި ކަނޑައެޅޭ ޝަރުތުތަކަކާއެކު ވާނުވާ ބަންދުގައި ތިބި މީހުން ގެއަށް ބަދަލު ކުރުމަށް ނުވަތަ ޓެގާ އެކު ދޫކޮށްލުމުގެ ފުރުސަތު ވީހާވެސް ގިނަ ފަރާތްތަކަށް ދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.