ޖުލައި މަހު މަސްވެރިން ކިރުވި މަހަށް މިފްކޯއިން 49.7 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފި
ނިމިދިޔަ ޖުލައި މަހު މަސްވެރިން ބޭނި މަސް ކިރުވުމަށް ފަހު، އެ މަހަށްވާ ފައިސާގެ ގޮތުގައި 49.7 މިލިއަނަށް ވުރެ ގިނަ ރުފިޔާ މަސްވެރިންނަށް ދޫކޮށްފައިވާ ކަމަށް ސަރުކާރުގެ މަސް ކުންފުނި، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ހާމަކޮށްފިއެވެ. މި ފައިސާއަކީ އެ ކުންފުންޏަށް މަސް ކިރުވި 822 އުޅަނދަކަށް ދޫކޮށްފައިވާ ފައިސާ ކަމަށް އެ ކުންފުނީގެ ތަފާސްހިސާބުތަކުން ދައްކައެވެ.
މިފްކޯއިން އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު، މިދިޔަ ޖުލައި މަހު ޖުމްލަ 822 އުޅަނދަކަށް 49,759,961 (ސާޅީސް ނުވަ މިލިއަން ހަތް ލައްކަ ފަންސާސް ނުވަ ހާސް ނުވަ ސަތޭކަ ފަސްދޮޅަށް އެއް) ރުފިޔާ ވަނީ ދޫކޮށްފައެވެ. އަދި އެ މުއްދަތުގެ ތެރޭގައި ޖުމްލަ 2,474.8 ޓަނުގެ މަސް އެ ކުންފުންޏަށް ކިރުވާފައިވާ ކަމަށް ވެސް މިފްކޯއިން ބުނެފައިވެއެވެ.
މިދިޔަ މަހު ކިރުވި މަހުގެ ތަފްސީލަށް ބަލާއިރު، އެންމެ ގިނައިން ކިރުވާފައިވަނީ ކަޅުބިލަމަހެވެ. އެގޮތުން ޖުމްލަ 2,400.4 ޓަނުގެ ކަޅުބިލަމަސް ކިރުވާފައިވާއިރު، އެ މަހަށްވާ ފައިސާގެ ގޮތުގައި 47,959,840 (ސާޅީސް ހަތް މިލިއަން ނުވަ ލައްކަ ފަންސާސް ނުވަ ހާސް އަށް ސަތޭކަ ސާޅީސް) ރުފިޔާ ވަނީ ދޫކޮށްފައެވެ. މިއީ ޖުމްލަ 539 ދޯނިން ކިރުވި މަހަށް ދޫކުރި ފައިސާއެވެ.
Ads by BMLމީގެ އިތުރުން، ރީނދޫ އުރަހަ ކަންނެލި ނުވަތަ ބޮޑުކަންނެލީގެ މަސްވެރިކަމަށް ބަލާއިރު، ދިހަ ކިލޯއިން މަތީގެ ބޮޑުކަންނެލި ކިރުވި 98 ދޯންޏަކަށް 234,100 (ދެ ލައްކަ ތިރީސް ހަތަރު ހާސް އެއް ސަތޭކަ) ރުފިޔާ ވަނީ ޖަމާކޮށްދީފައެވެ. އަދި ފަނަރަ ކިލޯއިން މަތީގެ ކަންނެލި ކިރުވި 185 ދޯންޏަކަށް 1,566,021 (އެއް މިލިއަން ފައްސަތޭކަ ފަސްދޮޅަށް ހަ ހާސް އެކާވީސް) ރުފިޔާ ޖަމާކޮށްފައިވާ ކަމަށް މިފްކޯގެ ތަފާސްހިސާބުތަކުން ދައްކައެވެ.
މަސްވެރިން ބާނާ މަހަށް 48 ގަޑިއިރު ތެރޭގައި ފައިސާ ހަމަޖައްސައިދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އެ ވައުދުފުޅާ އެއްގޮތަށް މިހާރު ސަރުކާރުން އަންނަނީ މަސްވެރިން ކިރުވާ މަހަށް ބަރާބަރަށް ފައިސާ ދެމުން ކަމަށާއި، މީގެ ސަބަބުން މަސްވެރި އާއިލާތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް މިފްކޯއިން ފާހަގަކުރެއެވެ. މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށާއި މަސްވެރިންނަށް ލިބޭ އާމްދަނީ އިތުރުކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
Ads by MACL
