ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ ބޮޑު ބައެއް ލިބި، ޖީއެސްޓީގެ އާމްދަނީ 10 ބިލިއަނަށް
މިއަހަރުގެ ތެރޭގައި ދައުލަތަށް ލިބޭނެ ކަމަށް ލަފާކޮށްފައިވާ އާމްދަނީގެ ބޮޑު ބަޔެއް މިހާތަނަށް ހޯދިފައިވާއިރު، ޓެކްސްގެ ގޮތުގައި ލިބުނު ފައިސާ އިތުރުވެ، ޖީއެސްޓީ އާމްދަނީ 10 ބިލިއަން ރުފިޔާއަށް އަރައިފިއެވެ.
މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާއިން އާންމުކުރި ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓް ރިޕޯޓުން ދައްކާ ގޮތުގައި، މިއަހަރު ލިބޭނެ ކަމަށް ލަފާކުރި 40.4 ބިލިއަން ރުފިޔާގެ ތެރެއިން 59.7 އިންސައްތަ އާމްދަނީ ވަނީ ދައުލަތަށް ލިބިފައެވެ.
މިދިޔަ މަހުގެ 23 ގެ ނިޔަލަށް ދައުލަތަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ޖުމްލަ 24.1 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ ފާއިތުވި އަހަރުގެ އެ މުއްދަތުގައި ލިބުނު 21.7 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 10.9 އިންސައްތަ ނުވަތަ 2.4 ބިލިއަން ރުފިޔާގެ ކުރިއެރުމެކެވެ. މާލީ ވުޒާރާއިން ފާހަގަކުރާ ގޮތުގައި މި ކުރިއެރުން ލިބުމުގެ މައިގަނޑު ސަބަބަކީ ޓެކްސް އާމްދަނީގެ ގޮތުގައި ލިބުނު އަދަދު ދެމެހެއްޓެނިވި ގޮތެއްގައި އިތުރުވަމުން ދިއުމެވެ.
އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރާ ޓެކްސްގެ އާމްދަނީ 12.1 އިންސައްތަ އިތުރުވެ 18.4 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، މީގެ ތެރެއިން އެންމެ ބޮޑު ހިއްސާއެއް ކުރަނީ މުދަލާއި ޚިދުމަތުގެ އަގުން ނެގޭ ޓެކްސް (ޖީއެސްޓީ) އެވެ. އެގޮތުން އާންމު ޖީއެސްޓީގެ ގޮތުގައި 3.1 ބިލިއަން ރުފިޔާ ލިބިފައިވާއިރު، ފަތުރުވެރިކަމުގެ ދާއިރާއިން ނެގޭ ޓީޖީއެސްޓީގެ ގޮތުގައި 6.9 ބިލިއަން ރުފިޔާ ވަނީ ދައުލަތަށް ލިބިފައެވެ.
އާމްދަނީ އިތުރުވި ނަމަވެސް، ދައުލަތުގެ ޚަރަދުތައްވެސް ވަނީ ފާއިތުވި އަހަރާ އަޅާބަލާއިރު 19.7 އިންސައްތަ އިތުރުވެ 25.5 ބިލިއަން ރުފިޔާއަށް އަރާފައެވެ. ޚަރަދުތައް މަތިވުމުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ސަރުކާރު މުވައްޒަފުންގެ މުސާރައަށް އައި ބަދަލުތަކާއެކު މުސާރައާއި ޕެންޝަނަށް ކުރި ޚަރަދު 8.5 ބިލިއަން ރުފިޔާއަށް އުފުލުމާއި، އާސަންދައަށް ކުރި ޚަރަދު 1.2 ބިލިއަން ރުފިޔާއަށް އަރައިގެން ދިއުން ހިމެނެއެވެ.
މީގެއިތުރުން، މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލާއި ތަކެތީގެ އަގުތައް އުފުލުމުގެ ސަބަބުން، ސަބްސިޑީއަށް ކުރި ޚަރަދު ވަނީ 79 އިންސައްތަ އިތުރުވެ 3.2 ބިލިއަން ރުފިޔާއަށް އަރާފައެވެ. މި ހިސާބުތަކާއެކު ދައުލަތުގެ މާލީ ހާލަތުން 1.5 ބިލިއަން ރުފިޔާގެ ޕްރައިމަރީ ސަރޕްލަސްއެއް ދެއްކި ނަމަވެސް، އޯވަރޯލް ބެލެންސް އުޅެނީ 1.4 ބިލިއަން ރުފިޔާގެ ޑެފިސިޓެއްގައެވެ.
Ads by MACL
