ރާއްޖޭގެ 10 ރަށެއްގައި އެގްރޮފޮރަސްޓްރީ ދަނޑުތައް ޤާއިމުކުރުމަށް މުހިންމު އެއްބަސްވުމެއްގައި ސޮއިކޮށްފި
ދިވެހިރާއްޖޭގައި ކާނާގެ ޔަޤީންކަން ކަށަވަރުކުރުމަށާއި ސަރުކާރުން އިސްނަގައިގެން ކުރިއަށްގެންދާ 5 މިލިއަން ގަސް އިންދުމުގެ ބޮޑު މަޝްރޫޢަށް އެހީތެރިވުމުގެ ގޮތުން، ރާއްޖޭގެ 10 ރަށެއްގައި އެގްރޮފޮރަސްޓްރީ ދަނޑުތަކެއް ޤާއިމުކުރުމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ބެހޭ ވުޒާރާއާއި މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއާ ދެމެދު މިއަދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގެ ދަށުން ހޮވާލެވޭ ޚާއްޞަ 10 ރަށެއްގައި ތިމާވެއްޓާ ރައްޓެހި ގޮތަކަށް ގަސްގަހާގެހި އިންދައި، އެ ތަންތަން އެގްރޮފޮރަސްޓްރީ ދަނޑުތަކެއްގެ ގޮތުގައި ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ދިވެހިރާއްޖޭގެ ތިމާވެށި ޙިމާޔަތްކުރުމަށާއި، ރާއްޖޭގެ އިޤްތިޞާދީ ފުދުންތެރިކަމާއި ކާބޯތަކެތީގެ ރައްކާތެރިކަން އިތުރުކުރުމަށް ދެއްވާ ޚާއްޞަ އަހައްމިއްޔަތުކަމުގެ ދަށުން ފެށިގެންދާ މުހިންމު މަސައްކަތެކެވެ. މީގެ މައިގަނޑު ބޭނުމަކީ ރާއްޖޭގައި ދަނޑުވެރިކަމުގެ އުފެއްދުންތައް އިތުރުކޮށް، މޫސުމީ ބަދަލުތަކުން ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް ކުރެވޭ މަސައްކަތްތަކަށް ބާރުލިބޭނެ ފަދަ ދެމެހެއްޓެނިވި ނިޒާމެއް ޤާއިމުކުރުމެވެ.
މި އެމްއޯޔޫގެ ދަށުން ކުރިއަށްދާ 5 މިލިއަން ގަސް އިންދުމުގެ ޤައުމީ ޕްރޮގްރާމަށް އެހީތެރިވުމުގެ ގޮތުން، މަސްވެރިކަމާއި ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން 4 ލައްކަ ގަސް ފޯރުކޮށްދިނުމަށް ވަނީ އެއްބަސްވެފައެވެ. މީގެ އިތުރުން، މި ބިޔަ މަޝްރޫޢަށް ބޭނުންވާ ގަސްތައް ބަލަހައްޓައި އިތުރުކުރުމަށްޓަކައި 10 ރަށެއްގައި 10 ނާސަރީ ތަރައްޤީކުރުމަށް މިހާރުވެސް ކައުންސިލްތަކާއެކު އެއްބަސްވުންތަކުގައި ސޮއިކުރެވި، ޢަމަލީ މަސައްކަތްތައް ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ. މި ނާސަރީތަކުގެ ސަބަބުން ރަށްރަށުގައި ގަސް ހެއްދުމުގެ ފުރުޞަތުތައް ފުޅާވެ، އިތުރު ވަޒީފާތަކާއި އާމްދަނީގެ މަގުތައް ތަނަވަސްވެގެންދާނެއެވެ.
Ads by BML5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމުގެ އެންމެ ފަހުގެ މަޢުލޫމާތުތަކަށް ބަލާއިރު، މިހާތަނަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 1.8 މިލިއަނަށްވުރެ ގިނަ ގަސް ވަނީ އިންދާފައެވެ. އަދި ސަރުކާރާއި އަމިއްލަ އެކި ޖަމްޢިއްޔާތަކާއި ފަރާތްތަކުން ޖުމްލަ 5.8 މިލިއަން ގަސް އިންދުމަށް މިހާތަނަށް ވައުދުވެފައިވާ އިރު، މި މަޝްރޫޢަށް ބޭނުންވާ ގަސްތައް މެދުނުކެނޑި ފޯރުކޮށްދިނުމަށްޓަކައި މިހާރުވެސް ދެ ފަރާތަކާއެކު އިންތިޒާމުތައް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫޢު އެއްކޮށް ނިމިގެންދާއިރު، ރާއްޖޭގެ ރަށްތަކުގެ ފެހިކަން އިތުރުވެ، ދަނޑުވެރިކަމުގެ ސިނާޢަތަށާއި ތިމާވެށި ރައްކާތެރިކުރުމުގެ ޤައުމީ ލަނޑުދަނޑިތަކަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ.
Ads by MACL
