ފަހި ފްލެޓްތަކުން ކުނި ނަގަން 8 މަސްތެރޭ 13.5 މިލިއަން ރުފިޔާ ހަރަދުވެއްޖެ
ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ގެ ފްލެޓްތައް ހިމެނޭ ސަރަހައްދުން ކުނި ނެގުމުގެ މަސައްކަތަށް ވޭތުވެދިޔަ އަށް މަސްދުވަހުގެ ތެރޭގައި 13.5 މިލިއަން ރުފިޔާ ހަރަދުވެފައިވާ ކަމަށް އެ ކުންފުނިން ހާމަކޮށްފި އެވެ.
އެފްޑީސީން މިއަދު ސޯޝަލް މީޑިއާގައި އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މި ބޮޑު ހޭދަ ހިނގާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން މިއަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އެ ސަރަހައްދުގައި މީހުން ދިރިއުޅެން ފެށީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. އޭގެ ފަހުން އެ ފްލެޓްތަކަށް ބަދަލުވި މީހުންނާއި އެކި ފަރާތްތަކުން އާންމު ސަރަހައްދުތަކަށް ކުނި އެޅުމުގެ މައްސަލަ ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.
ކުނި އުކާލުމަށް ހިނގި ހަރަދުތަކުގެ ތަފުސީލަށް ބަލާއިރު، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން މިއަހަރުގެ މާޗު މަހުގެ ނިޔަލަށް 8.45 މިލިއަން ރުފިޔާ ވަނީ ހަރަދުވެފައެވެ. އަދި މިދިޔަ އޭޕްރީލް މަހު އެކަނިވެސް 75,100 ރުފިޔާ މި މަސައްކަތަށް ހޭދަވެފައިވާއިރު، މެއި މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް އިތުރު 4.95 މިލިއަން ރުފިޔާ ކުނި ނެގުމަށް ވަނީ ހަރަދުވެފައެވެ.
Ads by BMLއެފްޑީސީން ބުނެފައިވަނީ ފްލެޓްތަކުގެ އާންމު ސަރަހައްދުތަކަށް ކުނި އެޅުމަކީ އެތަނުގައި ދިރިއުޅޭ ރައްޔިތުންގެ ސިއްހަތަށާއި މުޅި މާހައުލުގެ ސާފުތާހިރުކަމަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމެއް ކަމަށެވެ. އެހެންކަމުން ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ކުނި މެނޭޖުކުރުމަށާއި، އާންމު ސަރަހައްދުތަކަށް ކުނި ނޭޅުމަށް އެ ކުންފުނިން ވަނީ އިލްތިމާސްކޮށްފައެވެ.
Ads by MACL
