ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ތިލަފުއްޓަށް އުކާލާ ކުނި ވަކި ނުކުރާނަމަ ބަލައިނުގަތުމަށް ވެމްކޯއިން ނިންމައިފި

ތިލަފުށި: ތިލަފުށީ ވެމްކޯ ސައިޓު - ފޮޓޯ: މިހާރު
ތިލަފުށި: ތިލަފުށީ ވެމްކޯ ސައިޓު - ފޮޓޯ: މިހާރު

ތިލަފުށީ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ފެސިލިޓީއަށް ގެންންނަ ކުނި ވަކިކޮށްފައި ނުވާނަމަ، އެ ކުނި ދެން ބަލައިނުގަންނާނެ ކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން އަންގައިފިއެވެ.

ވެމްކޯއިން ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ މުޅި ރާއްޖޭގައި ދުވާލަކު އުފެދޭ ކުނީގެ 60 އިންސައްތަ ތިލަފުއްޓަށް ގެންދާއިރު، އުސޫލުތަކާ އެއްގޮތަށް ކުނި ވަކިކުރުމުގެ ބަދަލުގައި ގިނަ ފަރާތްތަކުން އަދިވެސް ކުނި އުކާލަނީ އެއްކޮށްގެން ކަމަށެވެ.

މިގޮތަށް އެއްކޮށްގެން ކުނި ގެނައުމަކީ ރައްކާތެރިކަމާއެކު ކުނި މެނޭޖްކުރުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާ ކަމެއް ކަމަށާއި، ދާދިފަހުން ތިލަފުށީގައި ހިނގި އަލިފާނުގެ ހާދިސާއަށް ދިމާވި އެންމެ ބޮޑު އެއް ސަބަބަކީވެސް ކުނި ސޯޓު ނުކޮށް ހުރުން ކަމަށް އެ ކޯޕަރޭޝަނުން ފާހަގަކުރެއެވެ.

އެހެންކަމުން ތިލަފުއްޓަށް ކުނި އުކާލަންވާނީ ގާކުންޏާއި، ބޮޑެތި ކުނީގެ އިތުރުން އެހެނިހެން ކުނި؛ މި ތިން ބަޔަށް ވަކިކޮށްގެން ކަމަށާއި، ޚާއްޞަކޮށް ގާކުނި އެހެން ކުންޏާ އެއްނުވާނެހެން ވަކިކުރުމަކީ މުވައްޒަފުންނާއި މުދަލުގެ ސަލާމަތަށް ކޮންމެހެން މުހިންމު ކަމެއް ކަމަށް ވެމްކޯއިން ބުނެފައިވެއެވެ.

މީގެއިތުރުން، އުސޫލާ ޚިލާފަށް ކުނި ގެންނަ ފަރާތްތަކަށް ޚިދުމަތް ނުދީ އަނބުރާ ފޮނުވާލެވޭނެ ކަމަށާއި، އެފަދަ އުޅަނދުފަހަރުގެ މަޢުލޫމާތު ކަމާބެހޭ އިދާރާތަކާ ހިއްސާކުރާނެ ކަމަށްވެސް އެ ކޯޕަރޭޝަނުން ވަނީ ހާމަކޮށްފައެވެ.

އެހެންކަމުން ކުނި އުފުލާ އުޅަނދުފަހަރުގައި ކުނި ލޯޑުކުރާއިރުވެސް، ބާލާއިރު ވަކިކުރެވޭނެ ގޮތަށް އިންތިޒާމު ހަމަޖެއްސުމަށް އިރުޝާދު ދެމުން، އިތުރު މަޢުލޫމާތު ބޭނުންވާނަމަ ވެމްކޯގެ ހޮޓްލައިން 1666 އަށް ގުޅުމަށް އެ ކޯޕަރޭޝަނުން އެދެއެވެ.