މަތީ މަޖިލީހުގެ ވޯޓުލުން ކުރިއަށްދާނީ އަސާސީ ގަވާއިދާ އެއްގޮތަށް: ޕީއެންސީ
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މަތީ މަޖިލީހުގެ ބައްދަލުވުމުގައި ވޯޓުލުމުގެ އެންމެހައި ކަންކަން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ޕާޓީގެ އަސާސީ ޤަވާއިދާ އެއްގޮތަށް ކަމަށް އެ ޕާޓީން ހާމަކޮށްފި އެވެ. ކޮންގްރެސް ޕާޓީން މިކަން ހާމަކޮށްފައިވަނީ މަތީ މަޖިލީހުގެ ބައްދަލުވުމުގައި ވޯޓުލުމުގެ ކަންކަން ކުރިއަށްގެންދާނެ ގޮތާ ގުޅޭގޮތުން ބައެއް މީޑިއާތަކުން ފަތުރަމުންދާ ޚަބަރުތަކާ ގުޅިގެން ނެރުނު ރަސްމީ ބަޔާނެއްގައެވެ.
އެ ބަޔާނުގައި ބުނެފައިވަނީ ކޮންގްރެސް ޕާޓީގެ މަތީ މަޖިލީހާއި، ޤައުމީ މަޖިލީހުގެ އިތުރުން ޕާޓީގެ އެކި ގުނަވަންތަކުގެ ކަންކަން އިންތިޒާމުކޮށް ތަރުތީބުކުރާނެ ގޮތާއި، އެ ގުނަވަންތަކުން ކަންކަން ނިންމާނެ ގޮތްތައް ވަރަށް ތަފުސީލުކޮށް އިލެކްޝަންސް ކޮމިޝަނުގައި ރަޖިސްޓްރީކޮށްފައިވާ ޕާޓީގެ އަސާސީ ޤަވާއިދުގައި ބަޔާންކޮށްފައިވާނެ ކަމަށެވެ. އަދި އެ އަސާސީ ޤަވާއިދަކީ ޕާޓީގެ ރަސްމީ ވެބްސައިޓުގައި ޝާއިއުކޮށް، ޕާޓީގެ އާންމު މެންބަރުންނާއި، ނޫސްވެރިންގެ އިތުރުން އާންމު ރައްޔިތުންނަށް ވެސް ފަސޭހަކަމާއެކު ބަލައިލެވޭނެހެން ފެންނަން އޮތް ހުޅުވާލެވިފައިވާ ލިޔުމެއްކަން ޕާޓީން ވަނީ ފާހަގަކޮށްފައެވެ.
ޕާޓީގެ މަތީ މަޖިލީހުގެ ވޯޓުލުމުގެ ކަންކަން ކުރިއަށްގެންދަންޖެހޭ ގޮތް އަސާސީ ޤަވާއިދުގެ ހަތްވަނަ ބާބުގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށް ކޮންގްރެސް ޕާޓީން ބުނެއެވެ. އެގޮތުން އަސާސީ ޤަވާއިދުގެ 69 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވަނީ ޕާޓީގެ މަތީ މަޖިލީހުގައި ކަންކަން ފާސްކުރުމަށް ވޯޓުދޭނީ އަތް އުފުލައިގެން ކަމަށެވެ. އަދި އެ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވަނީ މަތީ މަޖިލީހުން ޕާޓީގެ މެންބަރުންގެ މަޖިލީހަށް މެންބަރުން އިންތިޚާބުކުރުމަށް ނެގޭނީ ހާމަ ވޯޓެއް ކަމަށެވެ.
Ads by BMLއެހެންކަމުން ކޮންގްރެސް ޕާޓީގެ މަތީ މަޖިލީހުގައި ޕާޓީގެ ނައިބު ރައީސުންނާއި، ޕާޓީގެ މެންބަރުންގެ މަޖިލީހުގެ މެންބަރުން އިންތިޚާބުކުރުމަށް ހާމަ ވޯޓު ނެގުމަކީ ޕާޓީގެ އަސާސީ ޤަވާއިދާ ޚިލާފަށް ހިންގާ ކަމެއް ނޫން ކަމަށް ބަޔާނުގައިވެއެވެ. އަދި ޕާޓީގެ މަތީ މަޖިލީހުގައި އަތް އުފުލައިގެން ވޯޓު ނެގުމަށް މަތީ މަޖިލީހުގެ ކަންކަން ވިލެރެސްކުރާ ކޮމިޓީން އަލަށް ނިންމި ކަމަށް ބުނެ ފަތުރަމުންދާ ޚަބަރުތަކަކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށާއި، އެއީ އަސާސީ ޤަވާއިދުގައި ކުރިންވެސް ސަރީހަކޮށް ބަޔާންކޮށްފައި އޮތް ކަމެއް ކަމަށް ޕާޓީން ވަނީ ހާމަކޮށްފައެވެ.
މަތީ މަޖިލީހުގައި ވޯޓު ނެގުމުގައި އަބަދުވެސް އަމަލުކުރާނީ ޕާޓީގެ އަސާސީ ޤަވާއިދުގައިވާ ގޮތުގެ މަތިން، މިހާތަނަށްވެސް އެ މަޖިލީހުގެ ބައްދަލުވުންތަކުގައި އަމަލުކުރަމުން އައިސްފައިވާ އުސޫލުން ކަމަށް ކޮންގްރެސް ޕާޓީގެ ބަޔާނުގައި ބުނެފައިވެއެވެ. މީގެ އިތުރުން، ޕާޓީގެ އެތެރޭގެ ހިންގުމުގެ އެންމެހައި ކަންކަން ކުރިއަށްދާނީ މަތީ މަޖިލީހުން ފާސްކޮށް އިލެކްޝަންސް ކޮމިޝަނުގައި ރަޖިސްޓްރީކޮށްފައިވާ އަސާސީ ޤަވާއިދާ އެއްގޮތަށް، ޑިމޮކްރެޓިކް ހަމަތަކުގެ ތެރެއިން ދެފުށް ފެންނަ ގޮތެއްގައި ކަމުގެ ފުރިހަމަ ޔަގީންކަން ޕާޓީގެ އެންމެހައި މެންބަރުންނަށް ވަނީ އަރުވާފައެވެ.
Ads by MACL
