ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ސިއްހީ ހިދުމަތުގެ ފެންވަރު މަތިކުރުމަށް ދަރުމަވަންތައަށް އިތުރު ކެތުލެބެއް އަދި ހުޅުމާލެއަށް އެމްއާރުއައި މެޝިނެއް

ސިއްހީ ހިދުމަތުގެ ފެންވަރު މަތިކުރުމަށް ދަރުމަވަންތައަށް އިތުރު ކެތުލެބެއް އަދި ހުޅުމާލެއަށް އެމްއާރުއައި މެޝިނެއް

މާލެ ސިޓީގެ ހޮސްޕިޓަލްތަކުން ފޯރުކޮށްދޭ ސިއްހީ ހިދުމަތްތަކުގެ ފެންވަރު މަތިކޮށް، ބަލިމީހުންނަށް އަވަސް ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން ދަރުމަވަންތަ ހޮސްޕިޓަލުގައި އިތުރު ކެތު ލެބެއް ގާއިމްކުރުމާއި، ހުޅުމާލޭ ހޮސްޕިޓަލުގައި ދެވަނަ އެމްއާރުއައި މެޝިނެއް ބެހެއްޓުމުގެ މަސައްކަތް ފަށައިފިއެވެ.

މިއަހަރުގެ ތެރޭގައި މި ދެ ހިދުމަތްވެސް ރަސްމީކޮށް ފެށޭނެކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް ހަލީމް ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

އާ ހިދުމަތްތަކާ ގުޅޭގޮތުން ތަފްސީލު ދެއްވަމުން ހަލީމް ވިދާޅުވީ، ދަރުމަވަންތަ ހޮސްޕިޓަލުގެ ކެތު ލެބުގެ އިތުރުން އެ ހޮސްޕިޓަލުގެ ހައިބްރިޑް ތިއޭޓާ ސިންގަލް ޕްލޭނުން ބައި-ޕްލޭނަކަށް ބަދަލުކުރުމަށް ވަނީ ނިންމާފައެވެ. އަދި އައިޖީއެމްއެޗްގައި މިހާރު ބޭނުންކުރަމުންދާ ކެތު ލެބުވެސް ސިންގަލް ޕްލޭނުން ބައި-ޕްލޭނަކަށް އަޕްގްރޭޑް ކުރެވިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މިއީ ހިތުގެ ބަލިތަކާއި ނާރުގެ ބަލިތަކަށް ފަރުވާ hޯދާ ފަރާތްތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެކެވެ.

އައިޖީއެމްއެޗްގެ ކާޑިއެކް ސެންޓަރުގެ ހިދުމަތް ފުރަތަމަ ފެށީ އިންޑިއާގެ މެޑިޓްރިނާ ހޮސްޕިޓަލާއެކު 2015 ވަނަ އަހަރު ހެދި 10 އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ނަމަވެސް އެ އެއްބަސްވުމުގެ މުއްދަތު ހަމަވުމާ ގުޅިގެން، މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން އެ ސެންޓަރުގެ ހުރިހާ ހިދުމަތެއް ފޯރުކޮށްދެމުންދަނީ މުޅިންވެސް ދިވެހި ޑޮކްޓަރުންނާއި މެޑިކަލް ޓީމުންނެވެ.

މީގެއިތުރުން ހުޅުމާލޭގެ އާބާދީ އިތުރުވަމުންދިއުމާއެކު ސިއްހީ ހިދުމަތްތަކަށް އޮތް ޑިމާންޑު ބޮޑުވެފައިވާތީ، އެ ހޮސްޕިޓަލުގައި އިތުރު އެމްއާރުއައި މެޝިނެއް ބެހެއްޓުމުގެ މަސައްކަތްވެސް ކުރިއަށްދެއެވެ. މިހާރު ބޭނުންކުރާ އެކަނި މެޝިނަށް ބާރުބޮޑުވުމާއި، މަރާމާތުގެ މަސައްކަތްތަކަށް ހިދުމަތް މެދުކަނޑާލަންޖެހޭ ހާލަތްތަކުގައި ކިއޫ ބޮޑުވަމުންދާތީ، އާ މެޝިނާއެކު ބެކަޕް ލިބި، ހިދުމަތް އަވަސްވެގެންދާނެއެވެ.