އަމީނީ މަގުގެ ތާރުގަނޑު ނަގައި މަރާމާތު ކުރުމުގެ ބޮޑު މަޝްރޫޢު އެމްޓީސީސީން ފަށައިފި
އަމީނީ މަގުގައި ކުރިން އަޅާފައިވާ ތާރުގަނޑު ނަގައި، އެ މަގު އަލުން މަރާމާތު ކުރުމުގެ އަމަލީ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މިއަދު ފަށައިފިއެވެ.
މި މަޝްރޫޢުގެ ދަށުން އެމްޓީސީސީން އެންމެ ފުރަތަމަ ކުރިއަށްގެންދަނީ ފުރަތަމަ ސެގްމަންޓުގައި އަޅާފައިވާ ތާރުގަނޑު ނެގުމުގެ މަސައްކަތެވެ. މި މަސައްކަތް ފެށުމުގެ ކުރިން ހަދަންޖެހޭ ފަންނީ ސަރވޭތައް އެ ކުންފުނިން ވަނީ މީގެ ކުރިން ނިންމާފައެވެ.
މަގު މަރާމާތު ކުރުމުގެ މަސައްކަތަށްޓަކައި މިހާރު ވަނީ ދިވެހިރާއްޖޭގެ އަޑު ކުރިމަތިން އޮންނަ އިއްޒުއްދީން މަގާ ހިސާބުން ފެށިގެން، ދަރުމަވަންތަ ހޮސްޕިޓަލު ކައިރީގައިވާ ޕާކާ ހަމައަށް އާންމުންނަށް ނުވަދެވޭގޮތަށް ބަންދުކޮށްފައެވެ.
ކުރީގެ ސަރުކާރުން 84.4 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ތަރައްޤީކުރި އަމީނީ މަގުގެ ބައެއް ސަރަހައްދުތަކުން ތާރުގަނޑު އުފުލި، މަގު ވަރަށް ބޮޑަށް ހަލާކުވެފައިވަނީ ތާރު އެޅުމަށްފަހު ރަނގަޅަށް ނުހިކެނީސް އުޅަނދުފަހަރަށް ހުޅުވާލުމާއި، އެ މަގަކީ ބަރު ބަސްތައް ގަވާއިދުން ދަތުރުކުރާ މަގަކަށްވުމުން ކަމަށް ފަންނީ ބޭފުޅުން ފާހަގަކުރައްވައެވެ.
އެމްޓީސީސީއާ މިދިޔަ ޖޫން މަހުގެ 15 ގައި ހަވާލުކުރި މި މަޝްރޫޢުގެ ދަށުން މަގު މަރާމާތު ކުރުމުގެ އިތުރުން، ބަސް ހުއްޓިތައް ހިމެނޭ ސަރަޙައްދުތަކުގެ ޕޭވްމަންޓް ޑިޒައިނަށް ބަދަލުތަކެއް ގެނައުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މަގު ބަންދުކުރުމާ ގުޅިގެން އާރްޓީއެލް ބަހުގެ ޚިދުމަތަށް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ރޫޓް-10 ގެ ދަތުރުތައް ވެސްޓް ޕާކު ބަސް ސްޓޮޕަށް ނިންމާގޮތަށް ހަމަޖައްސައި، ސޯޝަލް ސެންޓަރާއި އައިޖީއެމްއެޗް އަދި ދަރުމަވަންތަ ބަސް ހުއްޓިއަށް މަޑުނުކުރާ ގޮތަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން ރޫޓް-11 ގެ ޚިދުމަތް ވަގުތީގޮތުން މެދުކެނޑިފައިވާއިރު، އެހެން ބައެއް ރޫޓުތަކުގެ ބަސްތައް މަޑުކުރާނީ މާފަންނު ބަސް ޓާމިނަލަށެވެ.
Ads by MACL
