ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ވައްޑެ ވިދާާޅުވީ މިނިސްޓަރު އިހުސާނަށް ފިޔަވަޅު އަޅަން މަޖިލީހަށް ވައްދައިގެން މިހާރު ކުރެވޭނެ ކަމެއް ނެތް ކަމަށް

ވައްޑެ ވިދާާޅުވީ މިނިސްޓަރު އިހުސާނަށް ފިޔަވަޅު އަޅަން މަޖިލީހަށް ވައްދައިގެން މިހާރު ކުރެވޭނެ ކަމެއް ނެތް ކަމަށް

ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާނަށް ފިޔަވަޅު އަޅަން ރައްޔިތުންގެ މަޖިލީހަށް ވައްދައިގެން މިހާރު ކުރެވޭނެ ކަމެއް ނެތް ކަމަށް އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.

ވައްޑެ މިފަދައިން ވިދާޅުވީ ސަރުކާރު ހިންގާ ޕީއެންސީ އަށް މެމްބަރުން އިތުރުކުރަން ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރް) ގެ ޑޭޓާބޭސް ބޭނުން ކޮށްފައިވާ ކަމަށް ބުނެ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން އެމްޑީޕީ ޕާލިމެންޓަރީ ގުރޫޕުން ނިންމެވުމާއި ގުޅިގެންނެވެ.

މިކަމާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވައްޑެ ވިދާޅުވީ އިހުސާނަށް ފިޔަވަޅު އަޅަން މަޖިލީހަށް ވައްދައިގެން މިހާރު ކުރެވޭނެ ކަމެއް ނެތް ކަމަށާއި ޤާނޫނުއަސާސީއަށް ގެނައި ބަދަލާއެކު މަޖިލީހުގެ %80 މެމްބަރުން ތިބީ ރައީސް މުޢިއްޒާއެކު ކަމަށެވެ.

އެމްޑީޕީން ތުހުމަތުކުރާ ގޮތުގައި ޑީއެންއާރްގެ ޑޭޓާ ބޭސް ނަހަމަ ގޮތުގައި ބޭނުންކޮށް، ޒާތީ މައުލޫމާތު ބޭނުންކޮށްގެން ގިނަ ބަޔަކަށް ނޭނގި ޕީއެންސީއަށް ވެއްދީ އިހުސާންގެ ބައިވެރިވުމާއެކުއެވެ.

ޑީއެންއާރުގެ މުވައްޒަފުންތަކެއް އެ އިދާރާގެ ޑޭޓާބޭސްއިން ރައްޔިތުންގެ ޒާތީ މައުލޫމާތު ނަގައި، އެ މައުލޫމާތާއި އައިޑީކާޑު ފޮޓޯ ބޭނުންކޮށްގެން ފޯމުތަކެއް ފުރާ މަންޒަރު ފެންނަ ފޮޓޯތަކެއް ދާދި ފަހުން މީސް މީޑިއާގައި ވަނީ އާންމުވެފައެވެ. އޭގެ ތެރޭގައި މިނިސްޓަރ އިހުސާން ވެސް ފެންނަން  ހުރި ފޮޓޯއެއް ހިމެނެއެވެ.

ޕީއެންސީ އަށް މީހުން ވައްދަން ފޯމުތައް ފުރަމުންދާ ކަމަށް ބުނެ މީސް މީޑިއާގައި ދައުރުވަމުންދާ ފޮޓޯ

އެ ފޮޓޯތަކާއި ގުޅިގެން އެމްޑީޕީން ބުނީ މިހާރު އާންމުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި، ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަންގެ މުވައްޒަފުންނާއި، ވަސީލަތްތަކާއި އެ އިދާރާގައި ހުރި މައުލޫމާތު ބޭނުން ކޮށްގެން ޕީއެންސީއަށް މީހުން ވެއްދުމުގެ މުޅި އިޖުރާއަތު ހިނގައިދިޔައީ މިނިސްޓަރު އިހުސާނުގެ ސީދާ ބެއްލެވުމުގެ ދަށުން ކަމަށެވެ. އެކަން ކުށްވެރިކުރާ ކަމަށް ވެސް އެމްޑީޕީން ބުނެއެވެ.

ވަޒީރުންގެ އިތުބާރު ނެތް މައްސަލަ ހުށަހަޅަން 10 މެމްބަރުންގެ ސޮއި ބޭނުންވެއެވެ. 20ވަނަ މަޖިލީހުގައި އެމްޑީޕީ ތަމްސީލުކުރައްވަނީ 12 މެމްބަރުންނެވެ.