އަތޮޅުތަކުން: ހއ. ހޯރަފުށީގެ މަގުހެދުމުގެ ދެވަނަ ފޭސްގެ ޔޫޕީވީސީ ހޮޅި ވަޅުލުމާއި ކާބްސްޓޯން ކާސްޓްކުރުމުގެ މަސައްކަތް ކުރިއަށް
ހއ. ހޯރަފުށީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ހިންގާ މަޝްރޫއުގެ ދެވަނަ ފޭސްގެ ދަށުން، ޔޫޕީވީސީ (UPVC) ހޮޅި ވަޅުލުމުގެ މަސައްކަތާއި ކާބްސްޓޯން ކާސްޓްކުރުމުގެ މަސައްކަތްތައް ބާރުސްޕީޑުގައި ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
މި މަޝްރޫއުގެ ދަށުން ހޯރަފުށީގެ 5.3 ކިލޯމީޓަރުގެ 11 މަގެއް ހެދުމަށް ހަމަޖެހިފައިވާއިރު، 25،909 އަަކަ މީޓަރުގެ ސަރަޙައްދެއްގައި ދުއްވާ ސަރަހައްދު ގާއިމު ކުރުމާއި، 11،114 އަަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުން ހިމެނެއެވެ. މީގެ އިތުރުން ފެން ހިންދާ ނިޒާމެއް ގާއިމު ކުރުމާއި، މަގުބައްތި ހަރުކުރުމުގެ އިތުރުން މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ތެރެއިން ކުރިއަށްދާނެއެވެ.
ސަރުކާރުން އެމްޓީސީސީއާ 71.90 މިލިއަން ރުފިޔާއަށް ހަވާލުކޮށްގެން ކުރިއަށްދާ މި މަޝްރޫއުގެ މަސައްކަތް އިފްތިތާހު ކޮށްފައި ވަނީ ނޮވެމްބަރު 19، 2021 ގައެވެ. މި މަޝްރޫއަކީ އެއް އަހަރާއި ފަސް މަސް ދުވަހުގެ މުއްދަތެއްގެ ތެރޭގައި ނިންމުމަށް ހަވާލުކުރެވިފައިވާ މަޝްރޫއެކެވެ.
Ads by MACL
