ހުޅުމާލެ ފަޅުތެރެ ކުނިވުމުގައި ވެމްކޯގެ އިހުމާލެއް ނެތް، ސަފާރީތަކުގެ ޒިންމާ ބޮޑު: ވެމްކޯ
ހުޅުމާލޭގެ ފަޅުތެރެއަށް ކުނި އެޅުމުގެ މައްސަލައިގައި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އާއި މާ ބޮޑު ގުޅުމެއް ނެތް ކަމަށާއި، އެ ސަރަހައްދުގައި އަޅާފައި ހުންނަ ސަފާރީ ބޯޓުފަހަރުގެ އުޅަނދުފަހަރުގައި ތިބޭ ފަރާތްތަކަށް އެކަން ސާފުކޮށް އެނގޭނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެފިއެވެ.
ފަޅުތެރެއަށް އުކާލާފައި ހުންނަ ކުނީގެ ތެރޭގައި މައިގަނޑު ގޮތެއްގައި ޕްލާސްޓިކް ފުޅި ހުންނައިރު، އެފަދަ ފުޅިތަކަކީ އެކަމަށް ހާއްސަ ދެ ޖަމިއްޔާ ކަމަށްވާ ޕާލޭ އާއި މޯޕާއިން ވަރަށް ޒިންމާދާރުކަމާއެކު ހުޅުމާލެއިން ނެޓް ބޭގާއި ޖަމްބޯ ބޭގްގައި އެއްކުރާ ތަކެއްޗެވެ. އަދި އެ ދެ ޖަމިއްޔާއިން ފުޅި އެއްކުރަނީ ފިއްތާލުމަށްފަހު ކަމަށްވާއިރު، ހުޅުމާލޭ ފަޅުތެރެއިން ފެންނަ ފުޅިތައް ހުންނަނީ ނުފިއްތައި ހުރިގޮތަށް އުކާލާފައެވެ.
އެއްވެސް ސަފާރީ ބޯޓަކުން ސީދާ ވެމްކޯގެ ސައިޓަކަށް ކުނި ނުގެންދާކަން ފާހަގަކޮށް، އެ އުޅަނދުފަހަރުން އުކާލާ ކުނިދަނީ ކޮން ތަނަކަށްތޯ ބަލަންޖެހޭ ކަމަށްވެސް އެ ކޯޕަރޭޝަނުން ބުނެއެވެ.
ހުޅުމާލޭ ފަޅުތެރެ ސާފުކޮށް ބެލެހެއްޓުމަކީ ވެމްކޯގެ ސީދާ ޒިންމާއަކަށް ނުވި ނަމަވެސް، ރައްޔިތުންގެ ހައްގުގައި ހަފުތާއަކު ތިން ދުވަހު ވަކި ޑިންގީއެއް ބާއްވައިގެން ފަޅުތެރެއިން ކުނި ނަގައި ސާފުކުރުމުގެ މަސައްކަތް އެ ކޯޕަރޭޝަނުން ދަނީ ކުރަމުންނެވެ.
މި މަސައްކަތުގައި ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ފުރިހަމަ އެއްބާރުލުން ވެމްކޯއަށް ލިބެމުންދާއިރު، ދެ ކުންފުނި ގުޅިގެން ފަޅުތެރެ ސާފުކުރުމުގެ އިންތިޒާމުތައް ދަނީ ހަމަޖައްސަމުންނެވެ. އަދި ހުޅުމާލެއަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން އެޗްޑީސީން ވަނީ ދާދިފަހުން ވެމްކޯއަށް ވަގުތީ ބިމެއްވެސް ދީފައެވެ.
މި މައްސަލައިގައި ފަޅުތެރެ ބޭނުންކުރާ ފަރާތްތަކުގެ ޒިންމާ ބޮޑުކަން ފާހަގަކޮށް، ސުވާލު އުފައްދާ ފަރާތްތަކުން މިކަމާ މެދު ފުންކޮށް ވިސްނާލުން މުހިންމު ކަމަށްވެސް ވަނީ ބުނެފައެވެ.
Ads by MACL
