ރާއްޖޭގައި ޕޯސްޓްމޯޓަމް ހެދުމަށް ހުޅުމާލެ ސަހަރާ ބިމުން އައިޖީއެމްއެޗަށް ޖާގަ ހަމަޖައްސައިފި
ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ޕޯސްޓްމޯޓަމް ހެދުމަށް ބޭނުންވާ ޚާއްސަ ފެސިލިޓީއެއް ގާއިމްކުރުމަށްޓަކައި ހުޅުމާލެ ސަހަރާ ހުރި ބިމުން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލަށް ޖާގަ ހަމަޖައްސައި، އެކަމުގެ އަމަލީ މަސައްކަތްތަކަށް ތައްޔާރުވާން ފަށައިފިއެވެ. މި ފެސިލިޓީއަކީ މަރުގެ އެކި ތަހުގީގުތަކަށް ބޭނުންވާ ޕޯސްޓްމޯޓަމް ރާއްޖޭގައި ހެދުމަށްޓަކައި މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އާއި އައިޖީއެމްއެޗް ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫއެކެވެ.
މާލެ ސިޓީ ގްރޫޕު އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް ހަލީމް ވިދާޅުވި ގޮތުގައި މި ސެންޓަރު ގާއިމްކުރުމަށްޓަކައި ހުޅުމާލެ ސަހަރާ ހުރި ބިމުން ޖާގަ ހަމަޖައްސައިދީފައިވާކަން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން މިހާރު ވަނީ އަންގާފައެވެ. އަދި މި ސެންޓަރު ގާއިމްކުރުމަށްޓަކައި ކުރަންޖެހޭ ކުރެހުންތަކާއި އެހެނިހެން އިދާރީ ތައްޔާރީތައް މިހާރު ވަނީ ގާތްގަނޑަކަށް ނިންމާލެވިފައެވެ.
މި ސެންޓަރު ފަރުމާކުރެވެނީ ހަމައެކަނި ޕޯސްޓްމޯޓަމްގެ އަމަލީ މަސައްކަތް ކުރާ ތަނެއްގެ ގޮތުގައެއް ނޫނެވެ. މަރުވާ މީހާގެ ހަށިގަނޑު ތަހުގީގު ކުރުމަށްޓަކައި ބޭނުންވާ ސީޓީ ސްކޭނާއި އެހެނިހެން އިމޭޖިންގ އަދި ޑައިގްނޯސްޓިކް ވަސީލަތްތައް ވެސް މި ސެންޓަރުގައި ގާއިމްކުރެވޭނެއެވެ. އިބްރާހިމް ހަލީމް ފާހަގަކުރެއްވި ގޮތުގައި ތަފާތު އެކި ހާލަތްތަކުގައި، މިސާލަކަށް ފިހިގެން ނުވަތަ އެހެންވެސް ގޮތްގޮތުން ހަށިގަނޑަށް ބޮޑެތި ގެއްލުންތަކެއް ލިބިގެން މަރުވާ މީހުން ހޮސްޕިޓަލުގެ އާންމު ސަރަހައްދުތަކަށް ނުގެންގޮސް، މި ސެންޓަރުގެ ތެރެއިން ހުރިހާ ސްކޭނެއް ހަދައި، މަރުގެ ސަބަބު ދެނެގަތުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެއެވެ.
Ads by BMLޕޯސްޓްމޯޓަމް ހެދުމަކީ މެޑިކަލް ސްޕެޝަލިޓީގެ ތެރެއިން ޕެތޮލޮޖިސްޓުންގެ ޒިންމާއެކެވެ. މިވަގުތު މި ދާއިރާއިން ރާއްޖޭގައި ހުންނެވި ހަމައެކަނި ދިވެހި ޚާއްސަ ޑޮކްޓަރަކީ މޯލްޑިވްސް ޕޮލިސް ސާވިސްގެ ފޮރެންސިކް ޑިޕާޓްމަންޓުގައި މަސައްކަތްކުރައްވާ ޑރ. ހަސަން އުމަރެވެ. އެހެންކަމުން މި ފެސިލިޓީ ގާއިމްކުރެވުމުން ފުލުހުންގެ ފޮރެންސިކް ތަހުގީގުތަކަށް ބޮޑެތި ލުއިތަކެއް ލިބިގެންދާނެއެވެ.
މި ވަގުތު ރާއްޖޭގައި މިފަދަ ހިދުމަތެއް ލިބެން ނެތުމުގެ ސަބަބުން، މަރުގެ ސަބަބު ދެނެގަތުމަށްޓަކައި ހަށިގަނޑު ފޮނުވަން ޖެހެނީ ރާއްޖޭން ބޭރަށެވެ. މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގައި މިނިސްޓަރ އޮފް ހެލްތު ދެއްވި މައުލޫމާތުތަކަށް ބަލާއިރު، ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި އޮޓޮޕްސީ ހެދުމަށްޓަކައި 23 މީހެއްގެ ހަށިގަނޑު ރާއްޖޭން ބޭރަށް ފޮނުވާފައިވެއެވެ. މިފަދަ ކޮންމެ މައްސަލައެއްގައި ބޭރަށް ހަށިގަނޑު ފޮނުވުމަށް މަދުވެގެން 55000 ރުފިޔާ ހަރަދުވާއިރު، ވޭތުވެދިޔަ ދިހަ އަހަރު ތެރޭގައި އެކަމަށް އެކަނިވެސް 1.2 މިލިއަނަށްވުރެ ގިނަ ރުފިޔާ ދައުލަތުން ވަނީ ހަރަދުކޮށްފައެވެ. ހުޅުމާލޭގައި މި ސެންޓަރު ގާއިމްކުރެވި އަމަލީ ގޮތުން ހިދުމަތްދޭން ފެށުމުން، މި ހުރިހާ ހަރަދުތަކެއް ސަލާމަތްވެ، ތަހުގީގުތަކަށް ބޭނުންވާ މައުލޫމާތު މާ އަވަސް މިނެއްގައި ލިބިގެންދާނެއެވެ.
Ads by MACL
