ދަރުމަވަންތަ ހޮސްޕިޓަލަށް އާ ކެތުލެބެއް، ހުޅުމާލެއަށް އިތުރު އެމްއާރުއައި މެޝިނެއް ބަހައްޓަނީ
ދަރުމަވަންތަ ހޮސްޕިޓަލުގައި އިތުރު ކެތުލެބެއް ގާއިމްކޮށް، ހުޅުމާލެ ހޮސްޕިޓަލުގައި ދެވަނަ އެމްއާރުއައި މެޝިނެއް ބަހައްޓައި މިއަހަރުގެ ތެރޭގައި ހިދުމަތް ދޭން ފަށާނެ ކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް ހަލީމް ވިދާޅުވެއްޖެއެވެ.
ހަލީމް މިފަދައިން ވިދާޅުވީ "މިހާރު" ނޫޙަށް ދެއްވި އިންޓަވިއުއެއްގައެވެ.
މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުން ހިންގާ ސިއްހީ މަރުކަޒުތަކުގެ ފެންވަރު ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި، މި ބަދަލުތަކަކީ ބަލިމީހުންނަށް އަވަސް އަދި ފެންވަރު ރަނގަޅު ފަރުވާ ފޯރުކޮށްދިނުމަށް އެޅޭ މުހިއްމު ފިޔަވަޅެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
Ads by BMLމާލެ ސަރަހައްދުގެ ސިއްހީ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ކުރިއަށްދާ މަސައްކަތްތަކުގެ ތަފްސީލު ހިއްސާކުރައްވަމުން ހަލީމް ވިދާޅުވީ، ދަރުމަވަންތަ ހޮސްޕިޓަލުގައި އިތުރު ކެތުލެބެއް ގާއިމްކުރުމުގެ އިތުރުން، އެ ހޮސްޕިޓަލުގެ ހައިބްރިޑް ތިއޭޓާ ސިންގަލް ޕްލޭނާއަކުން ބައި-ޕްލޭނާއަކަށް ބަދަލުކުރާނެ ކަމަށެވެ. މީގެ އިތުރުން އައިޖީއެމްއެޗްގެ މިހާރުގެ ކެތުލެބް ވެސް ސިންގަލް ޕްލޭނާއަކުން ބައި-ޕްލޭނާއަކަށް އަޕްގްރޭޑް ކުރުމަށް ވަނީ ނިންމާފަ އެވެ. މިއީ ހިތުގެ ބަލިތަކާއި ނާރުގެ ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށް އެންމެ ޒަމާނީ ފަރުވާ ފޯރުކޮށްދިނުމަށްޓަކައި ގެނެވޭ ވަރަށް މުހިއްމު ބަދަލެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އައިޖީއެމްއެޗްގެ ކެތުލެބް ހިދުމަތަކީ މީގެ ކުރިން އިންޑިއާގެ މެޑިޓްރިނާ ހޮސްޕިޓަލާއެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ދެމުން އައި ހިދުމަތެކެވެ. ނޮވެމްބަރު 15، 2015 ގައި 10 އަހަރުގެ މުއްދަތަށް ފެށި އެ ސެންޓަރުގެ އެއްބަސްވުމުގެ މުއްދަތު ހަމަވުމާ ގުޅިގެން، މިހާރު އެ ހިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދެމުންދަނީ އައިޖީއެމްއެޗްގެ ދިވެހި ޑޮކްޓަރުންގެ ޓީމުންނެވެ. މި ހިދުމަތް އިތުރަށް ފުޅާކޮށް އަވަސްކުރުމަކީ ސަރުކާރުން ހާއްސަ އިސްކަމެއް ދޭ ކަމެކެވެ.
ހުޅުމާލޭގެ އާބާދީ ދުވަހުން ދުވަހަށް އިތުރުވަމުންދާއިރު، އެ ސަރަހައްދުގެ ސިއްހީ ހިދުމަތްތަކުގެ ފެންވަރާ މެދު އާންމުންގެ ގިނަ ޝަކުވާތަކެއް ހުރިކަން ގަބޫލުކުރައްވައި، ހުޅުމާލެ ހޮސްޕިޓަލުގައި ދެވަނަ އެމްއާރުއައި މެޝިނެއް ބެހެއްޓުމުގެ މަސައްކަތް މިހާރު ދަނީ ބާރަށް ކުރިއަށެވެ. މިހާރު ބޭނުންކުރަމުންދަނީ އެންމެ މެޝިނެއް ކަމަށްވުމުން، މަރާމާތުގެ މަސައްކަތެއް ކުރަން ޖެހިއްޖެ ނަމަ ހިދުމަތް މެދުކެނޑި ކިއު ބޮޑުވާން ދިމާވާ ކަމަށް ހަލީމް ވިދާޅުވި އެވެ. އެހެންކަމުން، އިތުރު މެޝިނެއް ބެހެއްޓުމުން ބެކަޕްގެ ގޮތުގައި އަދި ޑިމާންޑް ބޮޑުވާ ވަގުތުތަކުގައި ވެސް މެދުނުކެނޑި ހިދުމަތް ދިނުމުގެ މަގު ފަހިވެގެންދާނެއެވެ.
Ads by MACL
