މިއީ މިހާތަނަށް ދިވެހީންނަށް ޙާއްސަކޮށްގެން ބޭއްވި އެންމެ ބޮޑު މައުރަޒު، ތައްޔާރުވުންތަކަށް 100!
ކުލަގަދަ ހަރަކާތްތަކަކާއެކު ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025 ހުޅުވައިފިއެވެ. ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށްގެންދާ މި މައުރަޒު އިފްތިތާޙްކޮށްދެއްވީ އެކަމަށްޓަކާ މިރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނެވެ.
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025 ނުވަތަ މޯލްޑިވްސް އެކްސްޕޯ 2025 އަކީ ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކުރުމާއި ވިޔަފާރި ފުޅާކުރުމުގެ މަޤްޞަދުގައި އުފެއްދުންތެރިކަމަށް އަމާޒުކޮށްގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމާއި އިރުޝާދުގެ ދަށުން ބާއްވާ މައުރަޒެކެވެ. މިއީ އުފެއްދުންތެރިކަމުގެ ދާއިރާއަށް އަމާޒުކޮށްގެން ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު މައުރަޒެވެ.
މި މައުރަޒު އާންމުންނަށް ހުޅުވާލާފައިވަނީ ބޮޑުބެރާއި ތަފާތު އެކި ހަރަކާތްތަކާއެކުގައެވެ. އަދި އެންމެ ޚާއްސަ ހަރަކާތެއްގެ ގޮތުގައި ހަވާވެސް ވަނީ އަރުވާފައެވެ.
Ads by BMLދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު ރަސްމީކޮށް ހުޅުވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި، އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވަނީ މައުރަޒުގެ އެކި ސްޓޯލްތަކަށް ޒިޔާރަތްކުރައްވާ، އެ ސްޓޯލްތަކުގައި ކުރިއަށްދާ ކަންކަން ބައްލަވާލައްވާފައެވެ.
މިފަހަރުގެ މައުރަޒުގައި ބައިވެރިކޮށްފައިވާ އުފެއްދުންތައް ދައްކާލުމަށް ކަނޑައަޅާފައިވާ ޚާއްސަ ސަރަޙައްދުގެ އިތުރުން، ހުނަަރުވެރިކަމާއި ފަންނުވެރިކަން އަދި އުފެއްދުންތެރިކަމުގެ ތަފާތު ތަޖުރިބާތަކެއް ކުރުމުގެ ފުރުޞަތު އާންމުންނަށް ލިބިގެންދާނެއެވެ.
އެގޮތުން އުފެއްދުންތެރި އިޤްތިޞާދީ ޑިސްޓްރިކްޓް، ޑިޖިޓަލް އަދި އީޖާދީ ޑިސްޓްރިކްޓް، މުނިފޫހިފިލުވުމުގެ ޑިސްޓްރިކްޓް އަދި ބާޒާރު ޑިސްޓްރިކްޓްގެ ނަމުގައި ޚާއްސަ ސަރަޙައްދުތަކެއް ވަނީ ކަނޑައަޅާފައެވެ. ރައީސްގެ ދެކަނބަލުން ވަނީ މި ހުރިހާ ޑިސްޓްރިޓަކަށްވެސް ވަޑައިގެން އެތަނުގެ ކަންކަން ބައްލަވާލައްވާފައެވެ.
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު ނުވަތަ މޯލްޑިވްސް އެކްސްޕޯ 2025 އަކީ ދިވެހީންގެ ޒަމާންވީ މަސައްކަތްތެރިކަމާއި އަދި ޒަމާނީ ފަންނުވެރިކަން ހިމެނޭހެން ދިވެހިރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގެ ފަންނުވެރިންގެ ހުނަރުވެރި އުފެއްދުންތައް އެއް ފުރާޅެއްގެ ދަށުން ދައްކުވައިދޭނެ މައުރަޒެކެވެ.
ތަފާތު އުފެއްދުންތަކާއި ޑިސްޓްރިކްޓްތަކާއެކު މައުރަޒުގެ ފެންވަރު އެހެން ހަރުފަތަކަށް!
މި މައުރަޒުގައި ދިވެހިވަންތަ ޡަޤާފީ އުފެއްދުންތެރިކަމުގެ އިތުރުން ޒަމާނީ ދިވެހި އުފެއްދުންތަކާއި، ހުނަރުވެރި ދިވެހީންގެ ސުމޭކު އުފެއްދުންތަކާއި މުނިފޫހިފިލުވުމުގެ ދާއިރާގެ އުފެއްދުންތަކާއި ހުށަހެޅުންތައް ފެނިގެންދާނެއެވެ. އަދި މި މައުރަޒުގައި ދިވެހީންގެ އުފެއްދުންތެރިކަމާއި ހުނަރު ދައްކާލުމުގެ އިތުރުން، ދިވެހި އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ބައިވެރިވުން ފެނިގެންދާނެއެވެ.
އެގޮތުން މި މައުރަޒުގައި، ކްރިއެޓިވް އިކޮނޮމީ ޑިސްޓްރިކްޓް، ޑިޖިޓަލް އެންޑް އިނޮވޭޓިވް ޑިސްޓްރިކްޓް، އެންޓަރޓެއިންމަންޓް ޑިސްޓްރިކްޓް އަދި މާރކެޓް ޕްލޭސް ޑިސްޓްރިކްޓް ހިމެނޭނެއެވެ. މިއިން ކޮންމެ ޑިސްޓްރިކްޓަކީ އެ ދާއިރާއަކާ ގުޅޭ އެކި ހަރަކާތްތައް ހިމަނައިގެން ވިޔަފާރިތަކުގެ ބައިވެރިވުމާއެކު ކުރިއަށްގެންދާ ޑިސްޓްރިކްޓްތަކެކެވެ.
• ކްރިއެޓިވް އިކޮނޮމީ ޑިސްޓްރިކްޓް: މި ޑިސްޓްރިކްޓުގައި ފެނިގެންދާނީ ދިވެހި އާޓިސްޓުންގެ ހުނަރު. އެގޮތުން ކުރެހުންތެރިންނާއި މިއުޒީޝަނުންގެ ހުނަރާއި ދިވެހި ސަޤާފަތާއި އާދަކާދަތައްވެސް ފެންނާނެ.
• ޑިޖިޓަލް އެންޑް އިނޮވޭޓިވް ޑިސްޓްރިކްޓް: ދިވެހިންގެ އީޖާދީ ވިސްނުމާއި ތަރައްޤީ މި ޑިސްޓްރިކްޓުން ފެނިގެންދާނެ. އެގޮތުން ދިވެހި ޑިވެލޮޕަރުންނާއި ދިވެހިންގެ ޓެކްނޮލޮޖިކަލް އުފެއްދުން މި ޑިސްޓްރިކްޓުން ފެނިގެންދާނެ.
• އެންޓަރޓެއިންމަންޓް ޑިސްޓްރިކްޓް: ދިވެހިން މުނިފޫހި ފިލުވުމަށް ކުރަމުން އައި އެކި ކަންކަމާއި ޒަމާނާއެކު އެ ކަންކަމަށް އައި ބަދަލު އަދި މުނިފޫހި ފިލުވުމާ ގުޅޭ އެކި ޙަރަކާތްތައް ފެންނާނެ. ބައެއް ޙަރަކާތްތައް ލައިވް ކޮށްވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވޭ.
• މާރކެޓް ޕްލޭސް ޑިސްޓްރިކްޓް: މިއީ އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ޚާއްޞަ ޑިސްޓްރިކްޓެއް. މިއީ ދިވެހިންގެ އުފެއްދުންތައް މާކެޓްކޮށް ވިއްކުމަށް ޚާއްޞަ ޑިސްޓްރިކްޓެއް. މި ޑިސްޓްރިކްޓުގައި، ދިވެހިންގެ އުފެއްދުންތައް ރާއްޖެއާއި ރާއްޖެއިން ބޭރުގެ މާކެޓްތަކަށް މާކެޓްކޮށް ވިއްކުމަށްޓަކައި ބޭނުންވާ ބީޓުބީ މާހައުލެއް ޤާއިމް ކޮށްފައިވާނެ. މިއީ ވިޔަފާރިތަކަށް ވަރަށް މުހިންމު ޑިސްޓްރިކްޓެއް.
Ads by MACL
