ބޮޑުތަކުރުފާނު މަގު ފުރިހަމަކޮށް ފެހި ކުރުމަށް ރުއް އިންދުމުގެ މަޝްރޫޢެއް އެމްޓީސީސީން ފަށައިފި
މާލޭގެ ބޮޑުތަކުރުފާނު މަގު ފުރިހަމަކޮށް، ޤުދުރަތީ ރީތިކަން ދެމެހެއްޓުމާއެކު ތިމާވެއްޓާ ރައްޓެހި މާހައުލެއް ޤާއިމުކުރުމުގެ މަޤްޞަދުގައި އެ މަގުގައި އަލުން ރުއް އިންދުމުގެ މަސައްކަތް މޯލްޑިވްސް ټްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ފަށައިފިއެވެ.
މި އިނިޝިއޭޓިވްގެ ދަށުން ރުއް އިންދުމުގެ މަސައްކަތް ކުރިއަށްދަނީ މާލޭގެ އުތުރު ފަޅުގެ ނޯތު ހާބަރުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް އޮތް ސަރަހައްދުގައެވެ. މިއީ މާލޭގެ މައިގަނޑު ދަތުރުފަތުރާއި ވިޔަފާރީގެ ހަރަކާތްތައް އެންމެ ބާރަށް ހިނގާ އެއް ސަރަހައްދަށްވުމާއެކު، މި މަސައްކަތުގެ ސަބަބުން އެ ސަރަހައްދުގެ މާހައުލަށް ބޮޑު ދިރުމެއް ލިބިގެންދާނެއެވެ.
އެމްޓީސީސީން މަޢުލޫމާތު ދޭ ގޮތުގައި މިއީ މާލެއަކީ ފަހި، ފަރުމާކުރެވިފައިވާ ހިތްފަސޭހަ އަދި ދެމެހެއްޓެނިވި އަރބަން މާހައުލަކަށް ހެދުމަށް ކުރެވޭ މަސައްކަތެކެވެ. މީގެ އިތުރުން ދިވެހިންގެ ސަގާފަތާއި ތަރިކައާ ނުހުއްޓި ގުޅިފައިވާ ޤުދުރަތީ އުންސުރެއް ކަމަށްވާ ރުއްގަސް އާލާކޮށް، ދިވެހިވަންތަކަން ރަމްޒުކޮށްދިނުމަކީވެސް މި މަޝްރޫޢުގެ މުހިންމު މަޤްޞަދެކެވެ.
މާލެ ސިޓީގެ މަގުތައް ފަހިކޮށް، ފެހި ކުރުމަށްޓަކައި ސަރުކާރާއި ކަމާބެހޭ އިދާރާތަކުން އިސްނަގައިގެން ކުރިއަށްގެންދާ "އެއް މިލިއަން ގަސް އިންދުމުގެ ޤައުމީ ހަރަކާތް" ފަދަ މަޝްރޫޢުތަކާ ގުޅުވައިގެން، އެމްޓީސީސީން އަންނަނީ ޢާންމު އިޖުތިމާޢީ ޒިންމާގެ ދަށުން މާލެއާއި އަތޮޅުތެރޭގެ އެކި ރަށްރަށުގެ ތިމާވެށި ރައްކާތެރިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
މި މަޝްރޫޢު ނިމިގެންދާއިރު، ބޮޑުތަކުރުފާނު މަގުގެ އެ ސަރަހައްދަކީ ހިނގާބިނގާވެ އުޅޭ މީހުންނަށާއި ދަތުރުވެރިންނަށް ހިތްފަސޭހަ، އަދި ހައިބަތުކަން ބޮޑު ސަރަހައްދަކަށް ވެގެންދާނެ ކަމަށް އެމްޓީސީސީން އުންމީދު ކުރެއެވެ.
Ads by MACL
