ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ބީއެމްއެލްގެ އިސްވެރިންގެ މަސްއޫލިއްޔަތުތަކަށް ބަދަލުތަކެއް ގެނެސްފި

ބީއެމްއެލްގެ އިސްވެރިންގެ މަސްއޫލިއްޔަތުތަކަށް ބަދަލުތަކެއް ގެނެސްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެ ބޭންކުގެ އިދާރީ އޮނިގަނޑަށް ބަދަލުތަކެއް ގެނެސް، އެގްޒެކްޓިވް ޓީމުގެ މެންބަރުންގެ ދައުރަށް ބަދަލުތަކެއް ގެނެސްފިއެވެ.

އެގޮތުން ސީނިއާ މެނޭޖްމަންޓް ޓީމުގެ ހަތަރު ބޭފުޅަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް، އެބޭފުޅުންގެ މަގާމުތަކާ ގުޅުންހުރި އެހެން ދާއިރާތަކުގެ މަސްއޫލިއްޔަތުތަކާ ހަވާލުވެވަޑައިގެންފައެވެ.

މި ބަދަލުތަކުގެ ދަށުން، ކުރިން ޗީފް މާކެޓިން އޮފިސަރުގެ މަގާމުގައި ހުންނެވި އައިޝަތު ޒަމްރާ ޒާހިރު ވަނީ ޗީފް ކޮމާޝަލް އޮފިސަރަށް ބަދަލުކުރައްވާފައެވެ. އަދި ކުރިން ޗީފް ބިޒްނަސް އޮފިސަރުގެ މަގާމުގައި ހުންނެވި މޫސާ ނިމާލް ޗީފް މާކެޓިން އޮފިސަރަށް ބަދަލުކުރައްވާފައިވާއިރު، ކުރިން ޗީފް ކްރެޑިޓް އޮފިސަރުގެ މަގާމުގައި ހުންނެވި ރަޝްފާ ޖައުފަރު ވަނީ ޗީފް ރިސްކް އޮފިސަރަށް ބަދަލުކުރައްވާފައެވެ. މީގެއިތުރުން ގެރީ ލޯޓަން ވަނީ ޗީފް ކްރެޑިޓް އޮފިސަރުގެ މަގާމަށް ބަދަލުކުރައްވާފައެވެ.

ބީއެމްއެލް އިން މަޢުލޫމާތު ދޭ ގޮތުގައި މިއީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ދެމުންދާ ހިދުމަތްތައް އިތުރަށް ފަސޭހަކޮށް ހަލުވިކުރުމުގެ މަގުސަދުގައި ގެނައި ބަދަލެކެވެ. މިއީ ބޭންކުގެ ދެމެހެއްޓެނިވި ކުރިއެރުމަށާއި ހިދުމަތުގެ ފެންވަރު މަތީ ދަރަޖައަކަށް ގެންދިއުމަށް އެކުލަވާލާފައިވާ ސްޓްރެޓެޖިކް އަމާޒުތަކާ އެއްގޮތަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށްވެސް ބޭންކުން ފާހަގަކުރެއެވެ.

މި ބަދަލާ ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، މިހާރު ބޭންކު އޮތީ ހަރުދަނާ މާލީ ހާލަތެއްގައި ކަމަށާއި، މި ބަދަލުގެ މައިގަނޑު މަގުސަދަކީ ކަސްޓަމަރުންނަށް ދޭ ހިދުމަތް އިތުރަށް ފުރިހަމަކޮށް، ކުރިއެރުން އިތުރަށް ހަލުވިކުރުން ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި އިސް މަގާމުތަކަށް ވަގުތީ ގޮތުން ގެނެވޭ މި ބަދަލަކީ ލީޑަރޝިޕް ވަރުގަދަކުރުމަށް ކުރެވޭ މުހިންމު އިންވެސްޓްމަންޓެކެވެ. އަދި ތަޖުރިބާކާރު ވެރިންނަށް އެހެން ދާއިރާތަކުގެ ތަޖުރިބާ ހޯދައިދިނުމަކީ މުޅި މުއައްސަސާއަށް ލިބޭނެ ބޮޑު ކުރިއެރުމެއް ކަމަށާއި، މިއީ ޓީމަށް ބޭންކުން އޮތް އިތުބާރާއި، ހުރިހާ ފަންތިއެއްގައި ދިވެހި ހުނަރުވެރި ވެރިން ބިނާކުރުމަށް ދޭ އަހުމިއްޔަތު ހާމަކޮށްދޭ ކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.