ޝަހީދު ހުސައިން އާދަމް ބިލްޑިންގާ ދިމާލުން އަލަށް ހެދި އެއްގަމު ތޮށި ބޭނުންކުރެވޭނީ ހަމައެކަނި ސިފައިންގެ އުޅަނދުތަކަށް
މާލޭގެ އުތުރުފަރާތު ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން، ފުލުހުންގެ މައި މަރުކަޒު ހުންނަ ޝަހީދު ހުސައިން އާދަމް ބިލްޑިންއާ ދިމާލުން އަލަށް ތަރައްގީކޮށްފައިވާ އެއްގަމު ތޮށި ބޭނުންކުރެވޭނީ ހަމައެކަނި ސިފައިންގެ އުޅަނދުތަކަށް ކަމަށް މިނިސްޓްރީ އޮފް ހައުސިން، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓުން މިއަދު އަންގައިފިއެވެ. މި ނިންމުމަކީ ސިފައިންގެ މައި މަރުކަޒާއި އެ ސަރަހައްދުގެ ސަލާމަތީ ކަންކަން އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ނިންމާފައިވާ ނިންމުމެކެވެ.
އެ މިނިސްޓްރީން މިއަދު އާންމުކުރި މައުލޫމާތުގައިވާ ގޮތުން، ޝަހީދު ހުސައިން އާދަމް ބިލްޑިންއިން ފެށިގެން ސިފައިންގެ މައި މަރުކަޒު ކަމަށްވާ ދޮށިމޭނާ ބިލްޑިންއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ މިނިސްޓްރީ އޮފް ޑިފެންސްގެ ބޭނުންތަކަށް ހާއްސަކޮށްފައިވާ ސަރަހައްދެކެވެ. އެހެންކަމުން މިއަދުން ފެށިގެން އެ ސަރަހައްދުގެ އެއްގަމު ތޮއްޓަށް، ޑިފެންސް މިނިސްޓްރީގެ އުޅަނދުފަހަރު ފިޔަވައި އެހެން އެއްވެސް އުޅަނދެއް ކައިރިކުރުމަކީ މަނާކަމެއް ކަމަށް އެ މިނިސްޓްރީން ވަނީ އަންގާފައެވެ.
ބޮޑުތަކުރުފާނުމަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތުގެ ދަށުން އެންމެ ފަހުން ތަރައްގީކުރި ސަރަހައްދު، މިދިޔަ މަހުގެ 24 ވަނަ ދުވަހު ވަނީ އާންމުންނަށް ހުޅުވާލާފައެވެ. އެއީ ހެންވޭރު ފެރީ ޓާމިނަލް ސަރަހައްދުން ފަށައިގެން ރަސްމީ ފާލަމާ ހަމައަށް ހެދި 700 މީޓަރުގެ ސަރަހައްދެވެ. އެ ސަރަހައްދު ތަރައްގީކޮށްފައިވަނީ ބޭރުތޮށި ބޭރަށް ޖައްސައި، މަގު ފުޅާކުރުމާއެކު އެއްގަމު ތޮށިވެސް އަލުން ބިނާކޮށްގެންނެވެ.
Ads by BMLބޮޑުތަކުރުފާނުމަގު ފުޅާކޮށް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއަކީ މާލޭގެ އުތުރު ފަރާތުގެ ތޮއްޖެހުން ކުޑަކޮށް، ދަތުރުފަތުރުގެ ނިޒާމު ފަސޭހަކުރުމަށްޓަކައި ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން މަގުތައް ފުޅާކޮށް، ދެކޮޅަށް ދުއްވޭ ގޮތަށް ހެދުމުގެ އިތުރުން ފެންބޮޑުވުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ. އެގޮތުން ޝަހީދު ހުސައިން އާދަމް ބިލްޑިންގާ ހިސާބަށް ހިމެނޭ ސަރަހައްދުގެ އެއްގަމު ތޮށިލުމުގެ މަސައްކަތްތައް ނިމި، އެތަން ބޭނުންކުރުމުގެ އުސޫލުތައް މިހާރު މިވަނީ ހަރުދަނާކުރެވިފައެވެ.
Ads by MACL
