ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މިނިސްޓަރު ސައީދު މިފަހަރު އެމްޑީޕީއަށް ރައްދުދެއްވީ ވިޔަފާރިވެރިންގެ ބަހާއެކު!

މިނިސްޓަރު ސައީދު މިފަހަރު އެމްޑީޕީއަށް ރައްދުދެއްވީ ވިޔަފާރިވެރިންގެ ބަހާއެކު!

ރާއްޖޭގެ ބާޒާރުގައި ތަކެތީގެ އަގުތައް އުފުލެމުންދާ ކަމަށް ބުނެ އިދިކޮޅު އެމްޑީޕީން މުޒާހަރާއަށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގައި، އެ ޕާޓީން ފާޅުކުރާ ކަންބޮޑުވުންތަކަކީ ސިޔާސީ ބޭނުމެއްގައި ގައުމީ އިގުތިސާދުގެ އިތުބާރު ނަގާލުމަށް ކުރާ މަސައްކަތެއް ކަމަށް ވިދާޅުވެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިރޭ ރައްދު ދެއްވައިފިއެވެ.

މިނިސްޓަރު ސައީދު މިހެން ވިދާޅުވީ ރާއްޖޭގެ ބޮޑެތި ވިޔަފާރިވެރިންގެ ބަހާއެކު އެކްސްގައި ހިއްސާކުރެއްވި ވީޑިއޯ މެސެޖެއްގައެވެ.

އެ ވީޑިއޯ މެސެޖުގައި މިނިސްޓަރު ސައީދު ވިދާޅުވީ، ސިޔާސީ މަގުސަދެއް ހާސިލްކުރުމަށް ޓަކައި ރާއްޖޭގެ ވިޔަފާރިތަކަށް އަމާޒުކޮށް ގައުމީ އިގުތިސާދުގެ އިތުބާރު ނަގާލަން އެމްޑީޕީގެ އިސް ފަރާތްތަކުން، ޚާއްސަކޮށް ރާއްޖޭގައި ކުރީން ވެރިކަންކޮށްފައިވާ ބައެއް ފަރާތްތަކުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެމްޑީޕީގެ ސަރުކާރުގައި ބާޒާރަށް އަށް ބިލިއަން ރުފިޔާ ޗާޕުކޮށްގެން ނެރުމާއި، އެއާ އެއްވަރަށް ބޭރު ފައިސާ ނެތުމަކީ މިހާރު އޮތް އިގުތިސާދީ ގޮންޖެހުންތަކުގެ އަސްލު ފެށުން ކަމަށް އޭނާ ތަކުރާރުކުރެއްވިއެވެ. އަދި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްގެ ވެރިކަމުގެ ދުވަސްވަރު ކަމަށްވާ 2019 އާއި 2023 އާ ދެމެދު ތަކެތީގެ އަގުތައް އުފުލެން ފެށިކަން ހާމަކުރާ ނޫސް ޚަބަރުތަކުގެ ހެކިތައް ވެސް މިނިސްޓަރު ވަނީ ދައްކަވައިފައެވެ.

މިނިސްޓަރު ހިއްސާކުރެއްވި ވީޑިއޯގައި ރާއްޖެއަށް ފުޅާދާއިރާއެއްގައި މުދާ އެތެރެކުރާ ލިލީ އެންޓަޕްރައިސަސްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ނާސިރު ވިދާޅުވީ، ތަކެތީގެ އަގުތަކަށް ބަދަލު އަންނަނީ ސަރުކާރުން ކުރާ ކަމަކުން ނޫން ކަމަށާއި، އެއީ ބައިނަލްއަގުވާމީ ބާޒާރުގައި މުދާ އުފުލުމުގެ ޚަރަދާއި ދުނިޔޭގެ ހަނގުރާމަތަކާ ގުޅިގެން ތެލުގެ އަގަށް އަންނަ ބަދަލުތަކުގެ ސަބަބުން ކަމަށެވެ. އެގޮތުން ހަނގުރާމައިގެ ކުރިން އަރަބި ގައުމުތަކުން 20 ފޫޓުގެ ކޮންޓެއިނަރެއް ރާއްޖެއަށް ގެނައުމަށް 1600 ޑޮލަރު ޚަރަދުވާއިރު، މިހާރު އެ އަގު 2750 ޑޮލަރަށް އުފުލިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން އެމްއެޗްއޭ ޕްރައިވެޓް ލިމިޓެޑްގެ އެޗްއާރު އެންޑް އެޑްމިން މެނޭޖަރު އާލިމް އާދަމް ވިދާޅުވީ، ދުނިޔޭގެ ބާޒާރަށް ބަދަލުތަކެއް އައި ނަމަވެސް ބައެއް އަސާސީ މުދަލުގެ އަގު އެއްވަރެއްގައި ހިފެހެއްޓުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

މިނިސްޓަރު ސައީދު އިތުރަށް ވިދާޅުވީ، ކުރީ ސަރުކާރުން އުފެއްދި ދަތި ހާލަތުން ގައުމު ސަލާމަތްކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށެވެ. އެގޮތުން ދައުލަތުން ދައްކަންޖެހޭ 1.2 ބިލިއަން ރުފިޔާގެ ދަރަނި ދައްކައި، ޑޮލަރު ލިބޭ މިންވަރު އިތުރުކުރުމަށް ޓަކައި ފޮރިން އެކްސްޗޭންޖް ގާނޫނަށް އިސްލާހުތަކެއް ގެނެސްފައިވާ ކަން ފާހަގަކުރެއްވިއެވެ. ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުތައް އުފުލެމުންދާ ދަނޑިވަޅެއްގައި، ރާއްޖޭގައި އަގުތައް ހިފެހެއްޓުމަށް ސަރުކާރާއި ވިޔަފާރިވެރިން ގުޅިގެން ހަރުދަނާ މަސައްކަތްތަކެއް ކުރަމުންދާ ކަމުގެ ޔަގީންކަން މިނިސްޓަރު ވަނީ ދެއްވައިފައެވެ.