ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ރައީސް މުއިއްޒުގެ ދެކަނބަލުން ސިޑްސް-އެސްއޭއައި ސިމްޕޯޒިއަމްގައި ބައިވެރިވެވަޑައިގަތުމަށް އުކުޅަހަށް ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ----
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ----

ކުދި ޖަޒީރާ ގައުމުތައް ނުވަތަ ސިޑްސްގެ ގައުމުތަކުގެ އޮޑިޓް އޮފީސްތަކުގެ މަހާސިންތާ ޝަރަފުވެރި ކޮށްދެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން މިއަދު އއ. އުކުޅަހަށް ވަޑައިގެންފިއެވެ.

ރައީސްގެ ދެކަނބަލުން އެ ރަށަށް ވަޑައިގަތުމުން ބަނދަރު މަތިން އެ ދެކަނބަލުންނަށް ވަނީ ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުންނާއި މަހާސިންތާގެ ބައިވެރިންގެ ފަރާތުން ހޫނު މަރުހަބާއެއް ކިޔާފައެވެ.

އުކުޅަހުގައި އިއްޔެ ފެށިގެން ކުރިއަށްދާ މި މަހާސިންތާއަކީ އދ. ގެ އިގުތިސާދީ އަދި އިޖުތިމާއީ ކަންތައްތަކާ ބެހޭ ޖަމިއްޔާ (އުންޑެސާ) އާއި ރާއްޖޭގެ އޮޑިޓާ ޖެނެރަލްގެ އޮފީސް ގުޅިގެން ތިން ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ހަރަކާތެކެވެ. "ސިޑްސް-އެސްއޭއައި ސިމްޕޯޒިއަމް" ގެ ނަމުގައި ބާއްވާ މި މަހާސިންތާގެ ދަށުން މިއަދު ބާއްވާ ހާއްސަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވާގޮތަށް ވަނީ ހަމަޖެހިފައެވެ.

މި މަހާސިންތާ ބޭއްވުމުގެ މައިގަނޑު މަގުސަދަކީ ކުދި ޖަޒީރާ ގައުމުތަކުން ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރަމުންދާ މިންވަރު ދެނެގަތުމަށްޓަކައި، އެ ގައުމުތަކުގެ އޮޑިޓް އޮފީސްތަކުން ކުރާ އޮޑިޓްތަކުގެ ގާބިލުކަން އިތުރުކުރުމެވެ. މި ބައްދަލުވުމުގައި ތަފާތު އެކި ގައުމުތަކުގެ އޮޑިޓް އޮފީސްތަކުން 80 މަންދޫބުން ބައިވެރިވެވަޑައިގަންނަވައެވެ.

މަހާސިންތާގެ ތެރެއިން މިއަދު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ގައުމުތަކުން ކުރާ މަސައްކަތްތަކުގައި އޮޑިޓް އިދާރާތަކުން އަދާކުރާނެ ދައުރާ މެދު މަޝްވަރާކުރުމެވެ. މީގެ އިތުރުން، ހިންގުމުގެ ނިޒާމުތައް ޑިޖިޓަލައިޒްކުރުމާ ގުޅޭގޮތުން މުހިންމު ސެޝަންތަކެއްވެސް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ.