ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އއ. އުކުޅަހުގައި 50 ހައުސިންގ ޔުނިޓް އިމާރާތްކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

އއ. އުކުޅަހުގައި 50 ހައުސިންގ ޔުނިޓް އިމާރާތްކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އއ. އުކުޅަހަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން، އެ ރަށުގައި 50 ހައުސިންގ ޔުނިޓް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.

އުކުޅަހުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި މަޝްރޫޢުގެ ބިންގާ އަޅުއްވައިދެއްވީ ބިނާރާއި ގެދޮރުވެރިކަމާ އުމްރާނީ ތަރައްޤީއާއި ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބާއި، މަސައްކަތުގެ ކޮންޓްރެކްޓަރ އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖަރ އިބްރާހިމް އަޒީމެވެ. މި ރަސްމިއްޔާތުގައި ރަށު ކައުންސިލާއި، މުއައްސަސާތަކުގެ އިތުރުން ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވިއެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު 6 ގައި އަލްޓެކް މޯލްޑިވްސްއާ ހަވާލުކުރި މި މަޝްރޫޢުގެ ދަށުން ބިނާކުރަނީ 3 ކޮޓަރީގެ ހައުސިންގ ޔުނިޓްތަކެކެވެ. އެއް އަހަރާއި ހަތް މަސް ދުވަހުގެ ތެރޭގައި ނިންމަން ނިންމާފައިވާ މި އިމާރާތްތައް އަޅަނީ 2023 ވަނަ އަހަރު އެ ރަށުން ހިއްކި 13 ހެކްޓަރުގެ ބިމުގައެވެ.

ގާތްގަނޑަކަށް 1,200 މީހުންގެ އާބާދީއެއް އޮންނަ އުކުޅަހުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމުގެ ގޮތުން، ހިއްކި ބިމުން ހައުސިންގ ޔުނިޓްތަކުގެ އިތުރުން 250 ގޯތި ދޫކުރުމަށްވެސް ސަރުކާރުން ވަނީ ނިންމާފައެވެ.

އޭގެ އިތުރުން، އެރަށުގެ އިޤްތިޞާދީ އަދި އިޖުތިމާއީ ތަރައްޤީގެ މަސައްކަތްތަކުގެ ތެރެއިން 5 ޓަނުގެ އައިސްޕްލާންޓެއް ޤާއިމުކުރުމުގެ މަސައްކަތްވެސް މިހާރު ވަނީ ކޮންޓްރެކްޓަރަކާ ހަވާލުކޮށްފައެވެ.

ޅެހި ކޮންސްޓްރަކްޝަން އެންޑް ޓްރޭޑިންގއާ ހަވާލުކުރި މި މަޝްރޫޢުގެ އެއްބަސްވުމުގައި މަސްވެރިކަމާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ މުޙައްމަދު މުއްޠަލިބެވެ.