ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ރާއްޖޭގައި ބާއްވާ އެންމެ ފުޅާ އަދި އެންމެ މަގުބޫލު ހޮސްޕިޓާލިޓީ އެގްޒިބިޝަން އަންނަމަހު ބާއްވަނީ

އެފްއެޗްއޭއެމް ފެއާގެ ތެރެއިން ކަލިނަރީ ޗެލެންޖުގައި ބައިވެރިވި ޝެފެއް -- ފޮޓޯ: މިހާރު
އެފްއެޗްއޭއެމް ފެއާގެ ތެރެއިން ކަލިނަރީ ޗެލެންޖުގައި ބައިވެރިވި ޝެފެއް -- ފޮޓޯ: މިހާރު

ރާއްޖޭގައި ބާއްވާ އެންމެ ފުޅާ އަދި އެންމެ މަގުބޫލު ހޮސްޕިޓާލިޓީ އެގްޒިބިޝަން، ފުޑް އެންޑް ހޮސްޕިޓާލިޓީ އޭޝިއާ މޯލްޑިވްސް (އެފްއެޗްއޭއެމް) އަންނަ މަހުގެ 7 އިން 9 އަށް ހުޅުމާލޭގައި ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

މުޅިން އަލަށް ހުޅުވުމަށް ތައްޔާރުވަމުންދާ މެންހެޓަން ގްރޭންޑް ހޮޓެލްގައި ކުރިއަށްގެންދާ މި އިވެންޓަކީ ފަތުރުވެރިކަމާއި ކާބޯތަކެތީގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ޚާއްޞަ، އަދި އެ ދާއިރާގެ އެންމެ ފަހުގެ އުފެއްދުންތަކާއި ޚިދުމަތްތައް އެއްފުރާޅެއްގެ ދަށުން ފެނިގެންދާނެ ބޮޑު ހަރަކާތެކެވެ.

މިފަހަރުގެ އެގްޒިބިޝަން އިންތިޒާމުކުރާ ދިވެހި އެކްސްޕޯއިން ފާހަގަކުރާ ގޮތުގައި، އަލަށް ހުޅުވާ މެންހެޓަން ގްރޭންޑްގައި މި އިވެންޓް ބޭއްވުމަކީ ފެއާއަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެ ކަމެކެވެ. މުޅި ދެކުނު އޭޝިއާ ސަރަހައްދުގެ ކުންފުނިތަކުގެ އިތުރުން، ރާއްޖޭގެ 120 އަށް ވުރެ ގިނަ ރިސޯޓުންނާއި 100 އަށް ވުރެ ގިނަ އެގްޒިބިޓަރުން މިއަހަރުގެ ފެއާގައި ބައިވެރިވާނެއެވެ.

ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ހަރަކާތުގައި ކޮމާޝަލް ކިޗަން އިކުއިޕްމެންޓާއި، ހޮސްޕިޓާލިޓީ ޓެކްނޮލޮޖީ، ބޭކަރީ އުފެއްދުންތައް، ހޮޓެލް އެމިނިޓީޒް، ހައުސްކީޕިންގ އަދި ވެލްނަސްގެ އެންމެ ފަހުގެ ވަސީލަތްތައް ދައްކާލުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ރިސޯޓުތަކާއި ހޮޓާތައް ހިންގާ ފަރާތްތަކުގެ އިތުރުން ޝެފުންނާއި އެފް އެންޑް ބީ ދާއިރާގެ ޕްރޮފެޝަނަލުންނަށް ބޭނުންތެރި މައުލޫމާތާއި ގުޅުންތައް ބަދަހިކުރުމަށް ލިބޭނެ މުހިންމު ފުރުސަތެކެވެ.

މި އިވެންޓުގެ އެންމެ ޚާއްޞަ އެއް ހަރަކާތަކީ ވޯލްޑްޝެފްސް އިން އެންޑޯޒްކޮށްގެން ރާއްޖޭގައި ބާއްވާ ހަމައެކަނި ކަލިނަރީ މުބާރާތް ކަމަށްވާ ގްލޯބަލް ކަލިނަރީ ޗެލެންޖެވެ. މި މުބާރާތުގައި ލައިވް ކުކިން އާއި ޕޭސްޓްރީ ކެޓަގަރީގެ އިތުރުން ބަރިސްތާ ޗެމްޕިއަންޝިޕާއި، މޮކްޓެއިލް ކޮމްޕެޓިޝަން އަދި ހައުސްކީޕިންގ އެންޑް ބެޑް ޑެކޮރޭޝަން ޗެލެންޖްތައް ވެސް ކުރިއަށްދާނެއެވެ.

މިއަހަރުގެ އެގްޒިބިޝަންގެ ޓައިޓަލް ސްޕޮންސަރަކީ ލިލީ އިންޓަނޭޝަނަލް އެވެ. އަދި ގްލޯބަލް ކަލިނަރީ ޗެލެންޖުގެ މެއިން ސްޕޮންސަރަކަށް ނެސްލޭ ހަމަޖައްސާފައިވާއިރު، ކޯ ސްޕޮންސަރަކީ ސިމްޑީ އެވެ. މީގެ އިތުރުން ޔޫރޯ މާކެޓިން އިން ބަރިސްތާ އާއި މޮކްޓެއިލް މުބާރާތް ސްޕޮންސަރުކުރާއިރު، ޑިޖިޓަލް ޕާޓްނަރަކީ ކޮސްމާކެވެ. އަދި މިފްކޯ، ޑޫނާ، ނެސްކެފޭ، މެގީ އަދި ލަވާޒާ ފަދަ ބޮޑެތި ބްރޭންޑްތަކުން ވެސް މި އިވެންޓުގައި ބައިވެރިވެއެވެ.

މި ފެއާގައި ބައިވެރިވުމުގެ ފުރުސަތު އަދިވެސް ހުޅުވާލެވިފައިވާ ކަމަށް ދިވެހި އެކްސްޕޯއިން މައުލޫމާތުދެއެވެ. 2014 ވަނަ އަހަރުން ފެށިގެން މެދުކެނޑުމެއްނެތި ބާއްވަމުން އަންނަ މި އެގްޒިބިޝަނަކީ ވޭތުވެދިޔަ އަހަރު ވެސް 7,000 އަށް ވުރެ ގިނަ ދުނިޔޭގެ މަގުބޫލު ބްރޭންޑްތައް ޝޯކޭސްކުރި، ރާއްޖޭގެ އެންމެ ނުފޫޒުގަދަ ހޮސްޕިޓާލިޓީ ފެއާއެވެ.