ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އުކުޅަހު ސްޕޯޓްސް ކޮމްޕްލެކްސްގެ ބިންގާ އަޅައިފި

އުކުޅަހު ސްޕޯޓްސް ކޮމްޕްލެކްސްގެ ބިންގާ އަޅައިފި

އއ. އުކުޅަހުގައި ޒަމާނީ ފެންވަރުގެ އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްއެއް ބިނާކުރުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ރަށަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީއެވެ.

މި އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ކުޅިވަރާ ބެހޭ ވަޒީރު ޢަބްދުއްﷲ ރާފިޢުގެ އިތުރުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފް މުޙައްމަދާއި އުކުޅަހު ކައުންސިލްގެ ރައީސް ޢަލީ ވަޙީދެވެ. ދައުލަތުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި މި ރަސްމިއްޔާތުގައި ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފާއި މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުއްﷲ ގެ އިތުރުން ވަޒީރުން ބައިވެރިވެވަޑައިގެންނެވިއެވެ.

އުކުޅަހުގައި މިފަދަ ވަސީލަތެއް ގާއިމުކުރުމުގެ މަސައްކަތް އެމްއޭސީއެލްއާ ހަވާލުކޮށްފައިވަނީ ފާއިތުވި އަހަރުގެ އޮގަސްޓު މަހު ރައީސް އެ ރަށަށް ކުރެއްވި ދަތުރުފުޅުގައެވެ. މި މަޝްރޫޢަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުޅިވަރުގެ އިންފްރާސްޓްރަކްޗަރ ވަރުގަދަކޮށް، ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ ހަރަކާތެކެވެ.

އަލަށް އިމާރާތްކުރާ މި ކޮމްޕްލެކްސްގައި ގިނަ ހިދުމަތްތަކެއް ހިމެނިގެންދާނެއެވެ. އެގޮތުން އިންޑޯ ޖިމަކާއި، އަންހެނުންނަށް ޚާއްޞަ ކަސްރަތު ކުރާ ކޮޓަރިއެއްގެ އިތުރުން އެކި ތަފާތު ކުޅިވަރުތަކާއި ބޯޑު ގޭމުތައް ކުޅެވޭނެ ހޯލަކާއި، ބައްދަލުވުންތައް ބޭއްވުމަށް ޚާއްޞަ ކޮޓަރިއެއް ހުންނާނެއެވެ.

ސަރުކާރުގެ އިސް އަމާޒަކީ އަތޮޅުތެރޭގައި ބައިނަލްއަޤްވާމީ ފެންވަރުގެ ކުޅިވަރު ވަސީލަތްތައް ޤާއިމުކުރުމެވެ. މީގެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ އެކި ސަރަޙައްދުތަކުން ޤައުމީ ފެންވަރުގެ އެލީޓް އެތުލީޓުން އުފެއްދުމަށް މަގުފަހިކޮށްދިނުމެވެ.