އުކުޅަހުގައި އަލަށް ހެދި ވޮލީ ކޯޓު ރައީސް މުޢިއްޒު ހުޅުއްވައިދެއްވައިފި
އަރިއަތޮޅު އުތުރުބުރީ އުކުޅަހުގައި ސަރުކާރުން އިމާރާތްކުރި އާ އައުޓްޑޯ ވޮލީބޯޅަ ކޯޓު ރަސްމީކޮށް ބޭނުންކުރަން ފަށައިފިއެވެ.
މިއަދު އުކުޅަހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ކޯޓު ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.
މި ކޯޓު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ދައުލަތުގެ އިސްވެރިންގެ ތެރެއިން ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲގެ އިތުރުން ކުޅިވަރާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ސަރުކާރުގެ އެކި ވުޒާރާތަކާއި ކުންފުނިތަކުގެ އިސް ބޭފުޅުންވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
Ads by BMLކޯޓު ހުޅުވުމުގެ ރަސްމީ ބައި ނިންމާލުމަށްފަހު، އެކުވެރިކަމުގެ ހާއްސަ ވޮލީބޯޅަ މެޗެއް މިއަދު އެ ކޯޓުގައި ވަނީ ކުޅެފައެވެ.
އުކުޅަހުގެ މުޖުތަމައަށް އަމާޒުކޮށްގެން ބިނާކުރި މި ވޮލީ ކޯޓުގެ މަސައްކަތް ޕްރޮކްސީ ގުރޫޕް ޕްރައިވެޓް ލިމިޓެޑުން ނިންމާލާފައިވަނީ އެއް މަސްދުވަހުގެ ކުރު މުއްދަތެއްގެ ތެރޭގައެވެ.
ރަށްރަށުގެ ކުޅިވަރު ވަސީލަތްތައް ތަރައްގީކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން، އިތުރު 10 ރަށެއްގައި ވޮލީ ކޯޓު ތަރައްގީކުރުމުގެ މަސައްކަތް މިހާރުވެސް ހިނގަމުންދާކަމަށް ކުޅިވަރާ ބެހޭ ވުޒާރާއިން މައުލޫމާތުދެއެވެ.
Ads by MACL
