ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ރައީސް އަކީ ޕްރޮކިއުމަންޓް ޕްރޮސެސް އަށް ވަދެވަޑައިގަންނަވާ ބޭފުޅެއްނޫން، ކުރީގެ އެސްޖީގެ ހައިސިއްޔަތުން އެކަމަށް ހެކިވަން: އެމްޑީ މުޖްތަބާ

މާލެ ސިޓީ ކައުންސިލްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު މުޖްތަބާ ----
މާލެ ސިޓީ ކައުންސިލްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު މުޖްތަބާ ----

އެކިއުޓައިޒް ޕްރައިވެޓް ލިމިޓެޑަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާ އެއްވެސް ވަރަކަށް ގުޅުމެއް އޮތް ކުންފުންޏެއް ނޫންކަން ކަށަވަރުކޮށްދެއްވައި، މާލެ ސިޓީ ކައުންސިލްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު މުޖްތަބާ ވާހަކަފުޅު ދައްކަވައިފިއެވެ.

2021 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް މާލެ ސިޓީ ކައުންސިލްގެ އެސްޖީގެ މަޤާމު ފުރުއްވި މުޖްތަބާ ވިދާޅުވީ، ރައީސް ډޮކްޓަރ މުޢިއްޒު މާލެ ސިޓީގެ މޭޔަރުކަމުގެ ދައުރުގައި، ކައުންސިލުން ކުރިއަށްގެންދަން ނިންމާ އެއްވެސް މަޝްރޫޢެއްގެ ޕްރޮކިއުމަންޓް ޕްރޮސެސްގެ ތެރެއަށް އެމަނިކުފާނު ވަދެވަޑައިގެންފައި ނުވާކަމަށެވެ. އަދި ރައްޔިތުންނަށް ހަޤީޤަތް ސާފުކޮށްދެއްވުމުގެ ގޮތުން އެކަމަށް އެންމެ އިންޞާފުވެރިކޮށް ހެކިވެވަޑައިގަންނަވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން މުޖްތަބާ ފާހަގަކުރެއްވި ގޮތުގައި، މާލެ ސިޓީ ޑިޖިޓަލައިޒް ކުރުމުގެ މަޝްރޫޢަކީ ކައުންސިލްގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން (އެސްއޭޕީ) ގައި ހިމެނޭ މައިގަނޑު އެއް ސްޓްރެޓެޖީއެވެ. އެ މަޝްރޫޢަކީ މާލެ ސިޓީ ކައުންސިލްގެ ހުރިހާ ކައުންސިލަރުންގެ އިއްތިފާޤުން ކައުންސިލް ފްލޯއިން ނިންމައި، ޤަވާޢިދާ އެއްގޮތަށް ޕްރޮކިއުމެންޓް ޕްރޮސަސްގެ ތެރެއިން އިޢުލާންކުރެވިގެން މަސައްކަތް ކުރާނެ ފަރާތެއް ކަނޑައެޅުނު މަޝްރޫޢެއްކަންވެސް އޭނާ ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

މާލެ ސިޓީ ކައުންސިލުން ކުރިއަށްގެންދިޔަ މާލެ ޑިޖިޓަލައިޒް ކުރުމުގެ ބޮޑު މަޝްރޫޢުގެ މަސައްކަތް އެކިއުޓައިޒް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރީ، ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު މާލެ ސިޓީގެ މޭޔަރުކަމުގެ މަޤާމުގައި ހުންނެވި ދައުރުގައެވެ. ނަމަވެސް، އެ މަޝްރޫޢުގެ އިޢުލާންކުރުމާއި ފަރާތްތައް އައްޔަންކުރުން އަދި ބިޑް ހަވާލުކުރުމުގެ މުޅި ޕްރޮސެސް ކުރިއަށްދިޔައީ ކައުންސިލްގެ އުޞޫލުތަކާއި ޤަވާޢިދުތަކާ އެއްގޮތަށް، ވަކި ކޮމިޓީތަކަކުން ކަމަށް ސިޓީ ކައުންސިލުން މީގެ ކުރިންވެސް ވަނީ ހާމަކޮށްފައެވެ.

ސިޓީ ކައުންސިލްގެ ޚިދުމަތްތައް ޒަމާނީކޮށް، އޮންލައިންކޮށް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ފެށި މި މަޝްރޫޢާ ގުޅިގެން ސިޔާސީ ގޮތުންނާއި މީޑިއާތަކުގައި ތަފާތު ވާހަކަތައް ދެކެވެމުންދާތީ، އެކަމުގެ ޙަޤީޤަތް ސާފުކޮށްދިނުމަށް ކައުންސިލްގެ އިދާރީ އިސްވެރިންނާއި ކަމާބެހޭ ފަރާތްތަކުން އަންނަނީ މައުލޫމާތު ހާމަކުރަމުންނެވެ.