ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ގާނޫނު ތަންފީޒުކުރާ އިދާރާތަކާމެދު ސޯޝަލް މީޑިއާގައި ދޮގު މައުލޫމާތު ފެތުރުން ހުއްޓާލުމަށް އެންއައިސީން ގޮވާލައިފި

ގާނޫނު ތަންފީޒުކުރާ އިދާރާތަކާމެދު ސޯޝަލް މީޑިއާގައި ދޮގު މައުލޫމާތު ފެތުރުން ހުއްޓާލުމަށް އެންއައިސީން ގޮވާލައިފި

ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ މަސައްކަތްތަކާ މެދު ރައްޔިތުންގެ ހިތްތަކުގައި ޝައްކާއި ނުރަނގަޅު ތަސައްވުރު އުފެދޭ ގޮތަށް ސޯޝަލް މީޑިއާގައި ހަގީގަތާ ޚިލާފު ވާހަކަތައް ފަތުރަމުންދާތީ، އެކަމާ މެދު ނޭޝަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އެންއައިސީން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ތަންފީޒީ އިދާރާތަކުން ކުރަމުންދާ މަސައްކަތްތަކަކީ ގައުމުގެ ސަލާމަތާއި ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި ގާނޫނީ ހައިސިއްޔަތުން ކުރަމުންދާ މުހިންމު މަސައްކަތްތަކެއް ކަމަށެވެ. އެހެންކަމުން، މިފަދަ އިދާރާތަކުގެ މަސައްކަތްތަކަށް ހުރަސްނޭޅުމަށާއި، ގާނޫނު ތަންފީޒުކުރުމުގައި އެ އިދާރާތަކަށް އެއްބާރުލުން ދިނުމަށް އެ ކޮމިޝަނުން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ.

އެންއައިސީގެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ، ތަންފީޒީ އިދާރާއަކުން ނުވަތަ އެފަދަ އިދާރާއެއްގެ މުވައްޒަފަކު ގާނޫނާއި ގަވައިދާ ޚިލާފު އަމަލެއް ހިންގާކަމަށް ތުހުމަތު ކުރެވޭ ހާލަތެއްގައި، އެ މައްސަލައެއް ބަލައިދިނުމަށް އެދި ގާނޫނީ އިމުގެ ތެރެއިން އެ ކޮމިޝަނަށް ހުށަހެޅުމުގެ ފުރުސަތު އަބަދުވެސް އޮންނާނެ ކަމަށެވެ. ހަގީގަތެއް ނެތް މައުލޫމާތު ފަތުރައި، މުވައްޒަފުންގެ އަބުރަށް އަރައިގަތުމަކީ މުޖުތަމައުގައި މިހާރު އާންމުވަމުންދާ ނޭދެވޭ ކަމެއް ކަމަށް ވެސް އެ ކޮމިޝަނުން ފާހަގަކޮށްފައިވެއެވެ.

މި ކަންބޮޑުވުންތައް ފާޅުކޮށްފައި މިވަނީ، ދާދިފަހުން ކަސްޓަމްސްގެ އަންހެން މުވައްޒަފަކާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ހަގީގަތާ ޚިލާފު ވާހަކަތަކެއް ފަތުރައި، އޭނާގެ ފޮޓޯ އާންމުކޮށްފައިވާ ދަނޑިވަޅެއްގައެވެ. މީގެ އިތުރުން، މާލޭ ސިޓީ ކައުންސިލްގެ އަންހެން މުވައްޒަފަކު މަސައްކަތުގައި އުޅެނިކޮށް ހަޑިހުތުރު ބަހުން މުހާތަބުކޮށް ފުރައްސާރަކުރާ ވީޑިއޯއެއް ވެސް ދާދިފަހުން އާންމުވެފައިވެއެވެ.

މިފަދަ މައްސަލަތަކާ ގުޅިގެން ކަސްޓަމްސްއިން ވެސް ވަނީ އެ އިދާރާގެ ގާނޫނީ ޒިންމާތަކާ މެދު އާންމުންގެ މެދުގައި ޝައްކު އުފެދޭ ފަދަ ގޮތަކަށް އަމަލުނުކުރުމަށް އިލްތިމާސްކޮށްފައެވެ. ރާއްޖެއަށް އެތެރެކުރާ މުދަލާއި ފަސިންޖަރުން ބަލައިފާސްކުރުމަކީ ގާނޫނުން އެ އިދާރާއާ މަތިކޮށްފައިވާ ލާޒިމް ޒިންމާއެއްކަން ކަސްޓަމްސްއިން ފާހަގަކުރެއެވެ.

އެންއައިސީން ވަނީ ތަންފީޒީ އިދާރާތަކުގެ މުވައްޒަފުން ވެސް އެ މީހުންގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި އަބަދުވެސް ގާނޫނީ އިމުގެ ތެރޭގައި ދެމިތިބުމަށް ހަނދާންކޮށްދީފައެވެ.