ދޯންޏެއް އަޑިއަށް ގޮސް، ކައްޕިއާއި ސިފައިންގެ މީހަކާއި ފުލުހަކު ގެއްލިއްޖެ
ލ. އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ހިލައާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރި "ފްރެންޑް 4" ނަމަކަށް ކިޔާ ސަޕްލައި ދޯންޏެއް ކަނޑުގަދަވެ ރާޅުއެރުމުގެ ސަބަބުން ދިޔަވެ އަޑިއަށް ގޮސް، ދޯނީގެ ކައްޕީގެ އިތުރުން ސަލާމަތްކުރުމުގައި ހަރަކާތްތެރިވި ސިފައިންގެ މީހަކާއި ފުލުހަކު ގެއްލިއްޖެއެވެ.
އެމްއެންޑީއެފުން މައުލޫމާތު ދެއްވި ގޮތުގައި، މި ހާދިސާގެ މައުލޫމާތު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ފޯތު ސްކޮޑްރަންއަށް ލިބިފައިވަނީ ރޭގެ 10:37 ހާއިރުއެވެ. މި އުޅަނދަށް ރާޅުއަރައި ދިޔަވަމުންދާކަމުގެ މައުލޫމާތު ލިބުމާއެކު، އުޅަނދާއި އޭގައި ތިބި މީހުން ސަލާމަތްކުރުމުގެ މަސައްކަތް ސިފައިންނާއި ފުލުހުން ގުޅިގެން ވަނީ ފަށާފައެވެ.
ނަމަވެސް، ކަނޑުގަދަވުމުގެ ސަބަބުން ދޯނި ސަލާމަތްކުރުމަށް ކުރި މަސައްކަތް ކާމިޔާބުވާ ގޮތް ނުވެ، ސިފައިންނާއި ފުލުހުން މަސައްކަތް ކުރަމުން ދަނިކޮށް އުޅަނދު ވަނީ މުޅިން އަޑިއަށް ގޮސްފައެވެ. މި ހާދިސާ ހިނގިއިރު އެ އުޅަނދުގައި އަށް މީހުން ތިބިކަމަށާއި، އޭގެ ތެރެއިން ހަތް މީހަކު ސަލާމަތްކުރެވިފައިވާ ކަމަށް އެމްއެންޑީއެފުން ވަނީ ކަށަވަރުކޮށްދީފައެވެ.
Ads by BMLގެއްލިފައިވާ މީހުންގެ ތެރޭގައި ހިމެނެނީ ދޯނީގެ ކައްޕީގެ އިތުރުން މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ސިފައިންގެ މީހަކާއި ފުލުހެކެވެ. އެމްއެންޑީއެފުން ބުނި ގޮތުގައި ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތް ކަނޑާއި ވައިގެ މަގުން ހުއްޓުމެއް ނެތި ދަނީ ކުރަމުންނެވެ.
މި ދުވަސްކޮޅަކީ ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވެ ކަނޑުގަދަ ދުވަސްވަރެކެވެ. މިދިޔަ ހުކުރު ދުވަހު ކާފު ގާފަރު ކައިރިއަށް ބަންޑުންޖަހާލި ކޮޅުވެއްޓިން ގެއްލުނު ދެ މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދިޔަ ނަމަވެސް، އެ މީހުން އަދިވެސް ފެނިފައެއް ނުވެއެވެ.
Ads by MACL
