ޤައުމީ ވިސްނުން އިސްކުރާނަމަ ފަނާކުރަނިވި ފިކުރަށް ރާއްޖޭގައި ޖާގައެއް ނޯންނާނެ: ރައީސް
ޤައުމީ ވިސްނުން އިސްކޮށްގެން ކުރިއަށްދާނަމަ ފަނާކުރަނިވި ފިކުރަށް ރާއްޖޭގައި އެއްވެސް ޖާގައެއް ނޯންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ އަރިއަތޮޅު އުތުރުބުރީ އުކުޅަހުގައި ބޭއްވި ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ ޖަގަހަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އެމަނިކުފާނު ވެވަޑައިގެންނެވި އެންމެ ބޮޑު އެއް ވައުދަކީ ޤައުމަށް ހަމަޖެހުން ގެނެސްދެއްވުން ކަމަށެވެ. އަދި ރައްޔިތުންގެ މެދުގައި އޮތް ބަދަލުހިފުމުގެ ރޫހު އެއްކޮށް ނައްތާލައި، ޤައުމަށް މަންފާކުރާނެ ވިސްނުން ގެންގުޅުމަކީ މި ސަރުކާރުގެ އަސާސީ ސިޔާސަތު ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
Ads by BMLރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އެންމެ މުހިންމީ ޤައުމު އިސްކުރުން ކަމަށްވިދާޅުވިއެވެ. ނަމަވެސް މިއަދުގެ ސިޔާސީ މަސްރަހުން އެ މަންޒަރު ފެންނަމުން ނުދާކަމަށާއި، ބައެއް ފަރާތްތަކުން އަމިއްލަ މަސްލަހަތު އިސްކޮށް ޤައުމުގެ ހަމަޖެހުން ނަގާލުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ޤައުމަށް ނުވަތަ ރައްޔިތުންނަށް ރަނގަޅު ކަންކަން ފޯރުކޮށްދޭނަމަ އިދިކޮޅު ސިޔާސީ ފަރާތްތަކުންވެސް އެކަމަކަށް އެއްބާރުލުން ދޭންޖެހޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. ޤައުމު އިސްކުރާނަމަ ކަންކަން އޮންނާނީ އެގޮތަށް ކަމަށާއި ނަމަވެސް މިހާރު ރާއްޖޭގެ ސިޔާސީ މަސްރަހުން ފެންނަނީ އެއާ ތަފާތު މަންޒަރެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލިކޮށްލުމަށް އިދިކޮޅު ފަރާތްތަކުން މަސައްކަތްކުރަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެހެންކަމުން މާޒީގައި ކަންކަން ހިނގާފައިވާ ގޮތުން އިބުރަތް ހާސިލްކޮށް، ބުއްދީގެ ބޭނުންކޮށްގެން ކަންކަން ވަޒަންކުރާ ބަޔަކަށް ރައްޔިތުން ވާންޖެހޭނެ ކަމަށް އެމަނިކުފާނު އެދިވަޑައިގަތެވެ.
އެގޮތުގައި ކުރިއަށްގޮސްގެން ނޫނީ ޤައުމު އަނެއްކާވެސް ހަމަނުޖެހުމުގެ ތެރެއަށް ވައްޓާނުލެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެގޮތަށް އަމަލުކުރުމުން ފަނާކުރުމުގެ މަގުން ދިއުމަށާއި، މިނިވަންކަމާއި ސިޔާދަތު ނުރައްކަލުގެ ތެރެއަށް ވައްޓާލުމަށާއި، އިޤްތިޞާދު އަނދަވަޅަކަށް ވައްޓާލުމަށް ކުރާ މަސައްކަތްތަކަށް ފުރުސަތު ނުލިބޭނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މާޒީގައި ކުރީގެ ސަރުކާރުތަކުން އަމަލުކުރި ގޮތް ފެންނަން އެބައޮތް ކަމަށާއި، މިހާރު ދައްކާ ވާހަކަތަކުގެ އޮށްޓަރެއް ހުރިތޯ ބަލަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ކޮންމެ ދާއިރާއަކުން ބެލިޔަސް ހެކިތަކާއި ހަގީގަތް ފެންނަން ހުރުމުން ސިޔާސީ ލީޑަރުންނަށް އެކަންކަން ދޮގު ނުކުރެވޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ކޮންމެ މީހަކުވެސް ފަރުދީ ޒިންމާ އަދާކޮށް، ޤައުމު އިސްކުރުމުގެ ސިފަ އަށަގަންނުވައިފިނަމަ ޤައުމުގެ ކަންތައްތައް ހަމަމަގުން ގޮސް، އުފާވެރި ފާގަތި ދުވަސްތަކެއް ރައްޔިތުންނަށް ލިބޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
Ads by MACL
