ޔާމީންގެ ވެރިކަމުގައި އެންމެ ބުރަ މަސައްކަތް ކުރެއްވީ ރައީސް މުއިއްޒު: ޝުޖާއު
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ގައުމުގެ ތަރައްގީގެ އެންމެ ބުރަ މަސައްކަތްތައް ކުރެއްވީ އެއިރުގެ ހައުސިން މިނިސްޓަރު އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަމަށް ޕީއެންސީގެ މެންބަރު އަދި ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
އަލިފު އަލިފު އުކުޅަހުގައި ބޭއްވި ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ ޖަގަހަ ޖަލްސާގައި ވާހަކަދައްކަވަމުން ޝުޖާއު ވިދާޅުވީ ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި ލިބުނު ކާމިޔާބީއާއެކު އެ ރަށުގައި ހުރި އިދިކޮޅު އެމްޑީޕީގެ ދިދަ ބާލައި ސަރުކާރު ހިންގާ ޕާޓީގެ ދިދަ ނަގާފައިވާ ކަމަށެވެ. އަދި އެ ޖަލްސާ ބޭއްވުމުގެ މައިގަނޑު ބޭނުމަކީވެސް އެ ރަށުން ލިބުނު ސިޔާސީ ކާމިޔާބީ ފާހަގަކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.
އުކުޅަހުގައި ބޭއްވި އެ ސިޔާސީ ހަރަކާތުގައި ވާހަކަދައްކަވަމުން ޝުޖާއު ވަނީ ކުރީގެ ސަރުކާރުތަކުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
Ads by BMLއެމްޑީޕީގެ ވެރިކަމުގެ ދައުރަށް ފާޑުވިދާޅުވަމުން ޝުޖާއު ފާހަގަކުރެއްވީ ދެހާސް އަށާރަ ވަނަ އަހަރު ރައީސް ޔާމީންގެ ވެރިކަން ނިމުނުއިރު ދައުލަތުގެ މާލިއްޔަތުގައި އެއް ބިލިއަން ޑޮލަރު ހުރި ކަމަށެވެ. އެއީ ހަމައެކަނި ރައީސް ޔާމީންގެ އެކަނި މަސައްކަތްޕުޅެއް ނޫން ކަމަށާއި، އެއީ މިހާރު ޕީއެންސީގެ ލީޑާޝިޕްގައި ތިއްބެވި ސީނިއާ ބޭފުޅުންގެ ބުރަ މަސައްކަތް ކަމަށް އޭނާ ވިދާޅުވިއެވެ.
އޭރުގެ ސަރުކާރުގެ ތެރޭގައި ކަންކަން ހިނގި ގޮތް ސިފަކުރައްވަމުން ޝުޖާއު ވިދާޅުވީ، ރައީސް ޔާމީން ގިނަ ރޭރޭ ތާސްކުޅުއްވުމުގައި އަވަދިނެތި އުޅުއްވި ނަމަވެސް، މުޅި ސަރުކާރުގެ ނިޒާމު ހިންގުމުގެ އެންމެ އިސް ދައުރެއް އަދާކުރެއްވީ ހައުސިން މިނިސްޓްރީގެ ތެރެއިން ރައީސް މުއިއްޒު ކަމަށެވެ. އަދި ރައީސް މުއިއްޒަކީ ސައުވީސް ގަޑިއިރު ރައްޔިތުންގެ ހިދުމަތުގައި މަސައްކަތް ކުރެއްވި ބޭފުޅެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
މާލެ ސިޓީގެ މޭޔަރުކަން ރައީސް މުއިއްޒަށް ކާމިޔާބު ކުރެއްވުނީވެސް ރައީސް ޔާމީންގެ ވެރިކަމުގައި އެންމެ ބުރަ މަސައްކަތްތައް ކުރެއްވި ބޭފުޅަކީ އެމަނިކުފާނުކަން ރައްޔިތުން ގަބޫލުކުރާތީ ކަމަށް ޝުޖާއު ވިދާޅުވިއެވެ. އެގޮތުން އެގާރަ އަހަރު ވަންދެން އެމްޑީޕީގެ މެޖޯރިޓީ އޮތް މާލެ ސިޓީ ކައުންސިލްގެ މޭޔަރުކަން ރައީސް މުއިއްޒަށް ރައްޔިތުން ހަވާލުކުރީ އެ އިގްރާރުގެ މައްޗަށް ބިނާކޮށް ކަމަށް އޭނާ ވިދާޅުވިއެވެ.
ދައުލަތުގެ މާލީ ހާލަތާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޝުޖާއު ތުހުމަތު ކުރެއްވި ގޮތުގައި ރައީސް ޑރ. މުއިއްޒު ދެހާސް ތޭވީސް ވަނަ އަހަރުގެ ނޮވެމްބަރު ސަތާރަ ވަނަ ދުވަހު ވެރިކަމާ ހަވާލުވެވަޑައިގަތްއިރު، ދައުލަތުގެ މާލީ ތަފާސްހިސާބުތައް އާންމު ނުކުރާތާ ހައެއްކަ މަސް ދުވަސްވެފައިވެއެވެ. އަދި ވެރިކަން ބަދަލުވުމުގެ އިންތިގާލީ މަރުހަލާގެ ތެރޭގައި ސަރުކާރުގެ އެއްވެސް ކުންފުންޏަކުން މާލީ ހިސާބުތައް ހާމަކޮށްފައި ނުވަނީ ކޮރަޕްޝަންގެ ކަންކަން ގިނަކަމުން ކަމަށް އޭނާ ވިދާޅުވިއެވެ.
ދައުލަތުގެ މާލިއްޔަތުގެ ހަގީގީ ހާލަތު ފެނިވަޑައިގަތުމާއެކު ރައީސް މުއިއްޒު ގައުމު އިސްލާހުކުރުމުގެ މަސައްކަތްޕުޅު ފެއްޓެވުމުން، އިދިކޮޅު ފަރާތްތަކުން އެމަނިކުފާނު އަޒުލުކުރުމުގެ މަސައްކަތް ފެށީ ކުރީގެ ހިޔާނާތްތައް ފޮރުވުމުގެ ބޭނުމުގައި ކަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވިއެވެ.
Ads by MACL
