ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ވަޢުދުތައް 2028 އަށް ފުއްދަވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ---
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ---

ސަރުކާރުން ކުރިއަށްގެންދާ ތަރައްޤީގެ މަޝްރޫޢުތައް ދެ ބަޔަކަށް ބަހާލައިގެން ތަންފީޒުކުރަމުންދާއިރު، ރައްޔިތުންނަށް ވެވަޑައިގެންފައިވާ ހުރިހާ ވަޢުދުތަކެއް 2028 ވަނަ އަހަރުގެ ދެވަނަ ކުއާޓަރާ ހަމައަށް ފުރިހަމައަށް ހާސިލުކުރައްވާނެކަމުގެ ފުރިހަމަ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

ރައީސް މުޢިއްޒު ފާހަގަކުރެއްވި ގޮތުގައި ސަރުކާރުގެ މަޝްރޫޢުތައް ކުރިއަށްދަނީ ހުރިހާ ރަށަކަށް އާންމުކޮށް ހުޅުވާލެވިގެން ހިންގާ މަސައްކަތްތަކުގެ އިތުރުން، ވަކިވަކި ރަށްރަށުގެ ރައްޔިތުންނަށް ޚާއްޞަކޮށްގެން ވެވަޑައިގެންފައިވާ ވަޢުދުތަކުގެ ދަށުންނެވެ. އަދި ސަރުކާރުގެ ޕްލޭނާއި ޕްރޮގްރާމްތައް ރޭވިފައިވާ ގޮތަށް ބަރާބަރަށް ތަންފީޒުވަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ވޭތުވެދިޔަ ސަރުކާރުތަކާ އަޅާބަލާއިރު މި ސަރުކާރުން ހޯދާފައިވާ ކުރިއެރުންތަކުގެ ތަފާސްހިސާބުތައް ހިއްސާކުރައްވާފައެވެ. އެގޮތުން މި ސަރުކާރުގެ ފުރަތަމަ 2 އަހަރާއި 8 މަސްދުވަހުގެ ތެރޭގައި ތަފާތު ދާއިރާތަކުން 590 މަޝްރޫޢެއް ނިންމާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިއީ ނިމިދިޔަ އެމްޑީޕީ ސަރުކާރުގެ އެ މުއްދަތުގައި ނިންމުނު 285 މަޝްރޫޢާއި، އޭގެ ކުރީ ސަރުކާރުން ނިންމި 321 މަޝްރޫޢަށްވުރެ އިތުރު އަދަދެކެވެ.

މީގެ އިތުރުންވެސް މިހާރު އިތުރު 1635 މަޝްރޫޢެއްގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްދާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.