ދިޔައީ ރެސްކިއު އޮޕަރޭޝަނަށް، މީހުން ސަލާމަތްކޮށް ދޯނީގެ ދިޔަ ހިއްކުމަށް މަސައްކަތްކުރަނިކޮށް ބަންޑުން ޖަހާލީ!
މިއަދު އަލިވިލިގެން އައީ މާބޮޑަށްވެސް ހިތާމަ ވެރި ހަބަރަކާއިއެކުއެވެ. ލާމު އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ދަތުރުކުރަމުން ދިޔަ ދޯންޏެއް އަޑިއަށް ދިޔަ ހާދިސާގައި ދިވެހި ފުލުހުންގެ ހިތުމަތުގެ އޮފިސަރާއި، ސަލާމަތީ ބާރުގެ ބޭކަލެއް އަދި ދޯނީގެ ކެޕްޓަން ގެއްލިގެން ހޯދާ ކަމުގެ ހަބަރެވެ.
މީހުން ސަލާމަތްކުރަން އުޅުމުގެ ތެރޭގައި ގެއްލިފައިވަނީ ޕޮލިސް ސާޖަންޓު ޢަލީ ނާފިޢު (33 އަހަރު) އަދި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް އިބްރާހީމް އަޙްމަދު (39 އަހަރު)އެވެ. އަދި ގެއްލިގެން ހޯދަމުންދާ ތިން ވަނަ މީހަކީ ދޯނީގެ ކެޕްޓަން ތ. މަޑިފުށި، ދޮންވެލި، އުމުރުން 35 އަހަރުގެ މުޙައްމަދު ޙަމްދޫނެވެ.
މައުލޫމާތު އެނގޭ މީހަކު ޖީލަށް ވިދާޅުވީ ހިލަޔާއި ހިލަވެލި ބަރުކޮށްގެން ދިޔަ ސަޕްލައި ދޯންޏަކީ އަބަދުވެސް މި ސަރަހައްދަށް ދަތުރު ކުރާ ދޯންޏެއް ކަމަށެވެ. ދޯނި ދިޔަ ވާކަމުގެ މައުލޫމާތު ލިބުނީ 11:30 ހާއިރުއެވެ. މިއާއިއެކު ފުލުހުންގެ ޓީމަކާއި، ކާޑެއްދޫ ސިފައިންގެ މަރުކަޒުން ރެސްކިއުޓީމެއް އެ ސަރަހައްދަަށް ދަތުރު ކުރިކަމަށެވެ.
Ads by BMLއެސަރަހައްދަށް ދިޔަ އިރު ދޯނި ދިޔަ ވަމުން ދިޔައެވެ. 8 ފަޅުވެރިންގެ ތެރެއިން 7 މީހުން މީހުން ވަނީ ފުލުހުންގެ ލޯންޗަށް ސަލާމަތުން ނަގާފައެވެ. ބާކީ ދޯނީގައި ތިބީ ކައްޕިގެ އިތުރުން ފުލުހުންގެ އޮފިސަރުންނާއި ސިފައިންގެ ބޭފުޅުންނެވެ. މީހުން ސަލާމަތްކޮށް ދެން މަސައްކަތް ކުރީ ދޯނީގެ ޕަމްޕުޖައްސައި ދިޔަ ހިއްކުމަށް ކަމަށެވެ. އެހެން ނަމަވެސް އެވަގުތު ދޯނި ހަމަކުއްލިއަކަށް ބަންޑުން ޖަހާލީ ކަމަށެވެ.
ބަންޑުން ޖަހާލި ވަގުތު ދޯނީގެ ޕަމްޕް ޖައްސަން އިނީ ގެއްލިގެން ހޯދަމުންދާ ސިފައިންގެ ސްޓާފް ސާޖަންޓް އިބްރާހިމް އަހުމަދު އެވެ. ބައެއް މީހުން ސަލާމަތްވުމަށް ފުއްމާލެވުނީ ބަންޑުން ޖަހާލި ފަޅި ނޫން އަނެއް ފަޅިއަށެވެ. މާނައަކީ ދޯންޏާއި ދުރުފަޅި ކަނޑަށެވެ. ދެންތިބި މީހުންނަށް ވަދެވުނީ ބަންޑުން ޖަހާލި ފަޅި ދޯނީގެ ދަށަށެވެ.
ސިފައިންގެ ހިދުމަތުން ވިދާޅުވީ ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް އިތުރަށް ފުޅާކޮށް ގިނަ ވަސީލަތްތަކެއް ބޭނުން ކުރަމުންދާ ކަމަށެވެ.
Ads by MACL
