ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އަމިއްލަ އިސްނެގުމުގައި މައުލޫމާތު ހާމަކުރުމުގެ މިންގަނޑަށް ފެނަކަ ވާސިލުވެއްޖެ

އަމިއްލަ އިސްނެގުމުގައި މައުލޫމާތު ހާމަކުރުމުގެ މިންގަނޑަށް ފެނަކަ ވާސިލުވެއްޖެ

މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން، އަމިއްލަ އިސްނެގުމުގައި މައުލޫމާތު ހާމަކުރުމަށް ކަނޑައަޅާފައިވާ މިންގަނޑުތަކަށް ފެނަކަ ކޯޕަރޭޝަނުން ފުރިހަމައަށް ވާސިލުވެއްޖެއެވެ.

ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން މި ޝަރަފުވެރި ލަނޑުދަނޑި ހާސިލުކުރި ތިންވަނަ ކުންފުންޏަކީ ފެނަކައެވެ. މި ލަނޑުދަނޑި ހާސިލުކުރުމަކީ ކުންފުނީގެ ހިންގުން ހަރުދަނާވެ، ނަޒާހަތްތެރިކަން އިތުރުވެ، ކޮރަޕްޝަނަށް އޮތް ފުރުސަތުތައް ހަނިވެގެންދާނެ ކަމެއް ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ. އަދި މިއީ ފެނަކައިގެ އާ މެނޭޖުމަންޓުން ކުންފުނީގެ ކަންކަން ދެފުށް ފެންނަ ގޮތެއްގައި ކުރިއަށް ގެންދިއުމަށް ކުރަމުންދާ އިޚުލާސްތެރި މަސައްކަތަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގައިވާ ގޮތުން، ދައުލަތުގެ އިދާރާތަކާއި ކުންފުނިތަކުން އާންމު ރައްޔިތުންނަށް އެނގެންޖެހޭ އަސާސީ މައުލޫމާތުތައް އެދުމަކާ ނުލައި، އަމިއްލަ އިސްނެގުމުގައި ޝާއިއުކޮށް އާންމުކުރަންޖެހެއެވެ. އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ފެނަކައިން ވާސިލުވުމާ އެކު، އެ ކުންފުނީގެ ހިންގުމާއި މާލީ އަދި އިދާރީ މައުލޫމާތުތައް އާންމުންނަށް ފަސޭހައިން ލިބޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖެހިފައެވެ.

ކުންފުނީގެ ހިންގުން ހަރުދަނާކޮށް، ދެފުށް ފެންނަ ނިޒާމެއް ގާއިމުކުރުމަށް ކުރެވޭ މިފަދަ މަސައްކަތްތަކުގެ ސަބަބުން، އާންމުންގެ އިތުބާރު ކުންފުންޏަށް ބޮޑުވެ، ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރު އިތުރަށް ރަނގަޅުވެގެންދާނެއެވެ.