ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އަތޮޅުތަކުން: އުކުޅަހަށް ޒަމާނީ ވޮލީ ކޯޓެއް! ރަސްމީކޮށް ހުޅުވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވޮލީކޯޓް ހުޅުވައިދެއްވަނީ ---
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވޮލީކޯޓް ހުޅުވައިދެއްވަނީ ---

އަރިއަތޮޅު އުތުރުބުރީ އުކުޅަހުގައި މުޅިން އަލަށް ތަރައްގީކުރި އައުޓްޑޯ ވޮލީ ކޯޓު ރަސްމީކޮށް ހުޅުވައިފިއެވެ.

މި ކޯޓު ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ރަށަށް ކުރެއްވި އެއް ދުވަހުގެ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް ޢަބްދުﷲ ރާފިޢުގެ އިތުރުން ސަރުކާރުގެ އެކި މިނިސްޓްރީތަކާއި ދައުލަތުގެ ކުންފުނިތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ކޯޓު ހުޅުވުމުގެ ރަސްމިއްޔާތަށްފަހު، އެކުވެރިކަމުގެ ޚާއްޞަ ވޮލީ މެޗެއްވެސް ވަނީ ކުޅެފައެވެ.

އުކުޅަހުގައި ގާއިމުކުރި މި ޒަމާނީ ވޮލީ ކޯޓުގެ އަމަލީ މަސައްކަތް ޕްރޮކްސީ ގުރޫޕް ޕްރައިވެޓް ލިމިޓެޑުން ނިންމާލާފައިވަނީ އެއް މަސްދުވަހުގެ ކުރު މުއްދަތެއްގެ ތެރޭގައެވެ.

އަތޮޅުތެރޭގެ ރަށްރަށުގައި ކުޅިވަރުގެ ވަސީލަތްތައް ގާއިމުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުތަކުގެ ދަށުން، މިހާރުވެސް އިތުރު 10 ރަށެއްގައި ވޮލީ ކޯޓު ތަރައްގީކުރުމުގެ މަސައްކަތް ހިނގަމުންދާކަން ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ.