ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

2025 ވަނަ އަހަރު ފެނަކައިން 11 އަތޮޅެއްގެ ގޭބީސީތަކަށް ނެޓް މީޓަރިންގގެ ޚިދުމަތް ފޯރުކޮށްދީފި

2025 ވަނަ އަހަރު ފެނަކައިން 11 އަތޮޅެއްގެ ގޭބީސީތަކަށް ނެޓް މީޓަރިންގގެ ޚިދުމަތް ފޯރުކޮށްދީފި

ރަށްރަށުގެ ކަރަންޓުގެ ޚިދުމަތް އިތުރަށް ހަރުދަނާކޮށް، ތިމާވެއްޓާ ރައްޓެހި އިއާދަކުރަނިވި ހަކަތައަށް ބަދަލުވުމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން 2025 ވަނަ އަހަރުގެ ތެރޭގައި 11 އަތޮޅެއްގެ ގޭބީސީތަކަށް "މަގޭ ސޯލާ" ނެޓް މީޓަރިންގގެ ޚިދުމަތް ވަނީ ފޯރުކޮށްދީފައެވެ.

މި ޚިދުމަތް ފޯރުކޮށްދެވިފައިވާ އަތޮޅުތަކުގެ ތެރޭގައި ހއ، ހދ، ށ، ނ، ރ، ބ، ތ، ލ، ގއ، ގދ އަދި ޏ އަތޮޅު ހިމެނެއެވެ. މީގެ ތެރެއިން އެންމެ ގިނައިން ސޯލާ މީޓަރިންގެ ޚިދުމަތް ދީފައިވަނީ ނ އަތޮޅުގެ ރަށްތަކުގެ ގޭބީސީތަކަށެވެ. އެގޮތުން ނ އަތޮޅުގެ 40 ގޭބީސީއަކަށް މި ޚިދުމަތް ފޯރުކޮށްދީފައިވާ އިރު، ދެވަނައަށް އެންމެ ގިނައިން ޚިދުމަތް ދެވިފައިވާ ލ އަތޮޅުގެ 37 ގޭބީސީއަކަށް ވަނީ ނެޓް މީޓަރިންގ ގުޅައިދީފައެވެ.

ގޭބީސީތަކުގެ އިތުރުން ވިޔަފާރިތަކަށާއި ސަރުކާރުގެ އިދާރާތަކަށްވެސް ފެނަކައިން ވަނީ ނެޓް މީޓަރިންގެ ޚިދުމަތް ފޯރުކޮށްދީފައެވެ. އެގޮތުން 2025 ވަނަ އަހަރުގެ ތެރޭގައި ފެނަކައިން ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެމުން އަންނަ ހުރިހާ އަތޮޅަކަށްވެސް މި ޚިދުމަތް ވަނީ ފުޅާކޮށްފައެވެ.

ނެޓް މީޓަރިންގ ނިޒާމަކީ އާންމުން ނުވަތަ ވިޔަފާރިތަކުން އިރުގެ އަލިން ކަރަންޓު އުފައްދާ ސޯލާ ޕެނަލް ބޭނުންކޮށްގެން އުފައްދާ ކަރަންޓުގެ ތެރެއިން، އަމިއްލަ ބޭނުމަށްވުރެ އިތުރުވާ ބައި މައި ކަރަންޓު ގްރިޑަށް ފޮނުވައިދޭ ނިޒާމެކެވެ. މިގޮތަށް ގްރިޑަށް ފޮނުވާ ކަރަންޓު ޔުނިޓްތައް ކަރަންޓު ބިލުން އުނިކޮށްދެވޭތީ، އާންމުން ދައްކަންޖެހޭނީ ޖުމްލަ ބޭނުންކުރި ކަރަންޓުން އުފެއްދި މިންވަރު އުނިކުރުމުން ބާކީވާ މިންވަރަށް ކަމަށްވާތީ ކަރަންޓު ބިލަށް ކުރާ ހޭދަ ވަރަށް ބޮޑަށް ކުޑަވެގެންދެއެވެ.

ދިވެހިރާއްޖޭގައި ނެޓް މީޓަރިންއާ ބެހޭ ގަވާއިދެއް އެކުލަވާލައި ތިމާވެއްޓާ ރައްޓެހި ހަކަތަ ބޭނުންކުރުމަށް ހިތްވަރު ދެމުންދާއިރު، ސޯލާ ޕެނަލް ހަރުކޮށްގެން މި ނިޒާމުގައި ބައިވެރިވުމުގެ ފުރުސަތު އާންމުންނަށާއި ވިޔަފާރިތަކަށް މިހާރު ވަނީ ހުޅުވާލެވިފައެވެ.