ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އިޤްތިޞާދުގައި ދައުރުވާ ފައިސާ މަދުކުރުމަށް އެމްއެމްއޭގެ މަނިޓަރީ ޕޮލިސީ އިތުރަށް ހަރުދަނާކޮށްފި

އިޤްތިޞާދުގައި ދައުރުވާ ފައިސާ މަދުކުރުމަށް އެމްއެމްއޭގެ މަނިޓަރީ ޕޮލިސީ އިތުރަށް ހަރުދަނާކޮށްފި
އިޤްތިޞާދުގައި ހުރި ދިވެހި ރުފިޔާގެ ސަރޕްލަސް ލިކުއިޑިޓީ މަދުކުރުމުގެ މަޤްޞަދުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެ އޮތޯރިޓީގެ މަނިޓަރީ ޕޮލިސީ އިތުރަށް ހަރުދަނާކޮށް، މުހިންމު ފިޔަވަޅުތަކެއް އަޅަން ނިންމައިފިއެވެ.
އެމްއެމްއޭގެ ބޯޑުން އަޅަން ނިންމާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ރުފިޔާގެ މިނިމަމް ރިޒަރވް ރިކުއަރމެންޓް (އެމްއާރުއާރު) މަތިކުރުމާއި، އޮޕަން މާކެޓް އޮޕަރޭޝަންސް (އޯއެމްއޯ) ހިންގައިގެން އިޤްތިޞާދުގައި ދައުރުވާ ފައިސާގެ މިންވަރު މަދުކުރުން ހިމެނެއެވެ.
މި ނިންމުމުގެ ދަށުން، އެމްއެމްއޭގައި ބަހައްޓަންޖެހޭ އެމްއާރުއާރުގެ މިންވަރު 10.5 އިންސައްތައިން 11.0 އިންސައްތައަށް މަތިކުރުމަށް ވަނީ ނިންމާފައެވެ. މި ބަދަލަށް ޢަމަލުކުރަން ފަށާނީ ކުރިއަށް އޮތް ސެޕްޓެމްބަރު މަހުން ފެށިގެންނެވެ.
މީގެއިތުރުން 2027 ވަނަ އަހަރުގެ ތެރޭގައި ކޮންމެ ތިން މަހަކުން އެމްއެމްއޭގެ ބޯޑުން ރިވިއުކުރުމަށްފަހު، ދިވެހި ރުފިޔާގެ އެމްއާރުއާރު އިތުރަށް މަތިކުރަމުން ގޮސް، 2027 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް އެމްއާރުއާރު 13 އިންސައްތައަށް މަތިކުރުމަށްވެސް ވަނީ ނިންމާފައެވެ.
އޭގެއިތުރުން، އެމްއެމްއޭގެ އޮޕަން މާކެޓް އޮޕަރޭޝަންސް 10 ބޭސިސް ޕޮއިންޓަށް އިތުރުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.
2025 ވަނަ އަހަރުގެ ޖުލައި މަހު އެމްއެމްއޭ އިން އޯއެމްއޯ އަލުން ހިންގަން ފެށިފަހުން، ބޭންކިންގ ނިޒާމުގައި ހުރި ދިވެހި ރުފިޔާގެ އެކްސެސް ލިކުއިޑިޓީގެ ތެރެއިން އޯއެމްއޯ މެދުވެރިކޮށް 2026 ޖުލައި މަހުގެ ނިޔަލަށް އެވްރެޖްކޮށް 2.7 ބިލިއަން ރުފިޔާ ވަނީ ނަގާފައެވެ. މިއާއެކު، ކުރު މުއްދަތުގެ (ޝޯޓް ޓާމް) ލިކުއިޑިޓީ ވަނީ 6.5 ބިލިއަން ރުފިޔާއިން 3.7 ބިލިއަން ރުފިޔާއަށް ކުޑަކުރެވިފައެވެ.