ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ސައޫދީއަށް ޙޫޘީންގެ ޙަމަލާއެއް: 11 މީހުން ޒަޚަމްވެ، އިތުރު ޙަމަލާތަކެއް ދީފާނެކަމުގެ އިންޒާރު

ސައޫދީއަށް ޙޫޘީންގެ ޙަމަލާއެއް: 11 މީހުން ޒަޚަމްވެ، އިތުރު ޙަމަލާތަކެއް ދީފާނެކަމުގެ އިންޒާރު
ޔަމަނުގެ ޙޫޘީ ޖަމާޢަތުން ސައޫދީ ޢަރަބިއްޔާގެ ދެކުނުގެ ސަރަޙައްދަކަށް ދިން ޙަމަލާއެއްގައި ޢާންމުންގެ 11 މީހަކު ޒަޚަމްވެއްޖެއެވެ. ސައޫދީ އިސްވެ އުފައްދާފައިވާ ޢަސްކަރީ ކޯލިޝަނުން ހާމަކުރި ގޮތުގައި، ސައޫދީގެ ނަޖްރާން ޕްރޮވިންސަށް ދިން މި ޙަމަލާގައި ޒަޚަމްވެފައިވަނީ ސައޫދީގެ ހަތް މީހުންނާއި، ޔަމަން މީހަކާއި، މިޞްރުގެ ދެ މީހުންގެ އިތުރުން ޕާކިސްތާނު މީހެކެވެ. ޒަޚަމްވި މީހުންގެ ތެރޭގައި ހަތަރު އަހަރުގެ ކުޑަކުއްޖަކުވެސް ހިމެނެއެވެ.
ސައޫދީ ކޯލިޝަނުގެ ތަރުޖަމާނު މޭޖަރ ޖެނެރަލް ތުރުކީ އަލް މާލިކީ ވިދާޅުވީ، އިރާނަށް ތާއީދުކުރާ ޙޫޘީން ބައިނަލްއަޤްވާމީ އިންސާނީ ޤާނޫނުތަކާ ޚިލާފަށް ޢާންމުން ދިރިއުޅޭ ސަރަޙައްދުތަކަށް ބޯމާރީ ހިންގަމުންދާ ކަމަށެވެ. އަދި ޢާންމުން ރައްކާތެރިކުރުމަށްޓަކައި އަޅަންޖެހޭ އެންމެހައި ފިޔަވަޅުތަކެއް ކޯލިޝަނުން އަޅަމުންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި ޙަމަލާއާ ގުޅިގެން ސައޫދީގެ އިސް އޮފިޝަލަކު ވަނީ، އިރާނުގެ މަދަދާއެކު ހަރަކާތްތެރިވާ ޙޫޘީންނާއި ޢިރާޤުގެ މިލީޝިއާތައް ގުޅިގެން ސައޫދީގެ ހަކަތައާ ބެހޭ ވަޞީލަތްތަކަށާއި، އެއާޕޯޓުތަކާއި ބަނދަރުތަކަށް ވަރުގަދަ ޙަމަލާތަކެއް ދޭން އުޅޭކަމުގެ މަޢުލޫމާތު އިންޓެލިޖެންސަށް ލިބެމުންދާ ކަމަށް ވިދާޅުވެފައެވެ. މިފަދަ ޙަމަލާތަކެއް ރާވަމުންދަނީ ސައޫދީން އިސްނަގައިގެން ސަރަޙައްދީ ހަމަޖެހުމާއި ސުލްޙައަށް ކުރަމުންދާ މަސައްކަތްތަކަށް ހުރަސްއެޅުމުގެ ބޭނުމުގައި ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
ޙޫޘީން ވަނީ ދާދިފަހުން ނަޖްރާން އެއާޕޯޓަށް ދިން ޙަމަލާގެ ޒިންމާ އުފުލާފައެވެ. އޭގެ އިތުރުން، ޔަމަނުގެ މާރިބް އަދި ޙަޟްރަމައުތު ޕްރޮވިންސްގައި ސައޫދީގެ އެހީތެރިކަން ލިބޭ ޔަމަން ސަރުކާރުގެ ސިފައިންނާ ދެކޮޅަށް ދިން ޙަމަލާތަކެއްގައި ސަރުކާރު ސިފައިންގެ 30 އަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށްވެސް ޙޫޘީން ބުނެފައިވެއެވެ.
ސަރަޙައްދީ ރައްކާތެރިކަން ވަރުގަދަކުރުމުގެ ގޮތުން ސައޫދީ ޢަރަބިއްޔާއާއި، ތުރުކީވިލާތް އަދި ޕާކިސްތާނާ ދެމެދު ޚާއްޞަ دفاعީ އެއްބަސްވުމެއްގައި ސައިންކުރުމަށް ވަނީ ހަމަޖެހިފައެވެ. މި އެއްބަސްވުމުގައި ސައިންކުރުމަށްޓަކައި ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފާއި ތުރުކީގެ ރައީސް ރަޖަބް ޠައްޔިބު އަردوޣާން ވަނީ ސައޫދީއަށް ޒިޔާރަތްކުރައްވާފައެވެ.
އެމެރިކާއާއި އިސްރާއީލުން އިރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން މުޅި މެދުއިރުމަތީގެ މަޝްރަޙު ވަނީ އިންތިހާއަށް ގޯސްވެފައެވެ. ޙޫޘީން ރަތްކަނޑުގައި ދޭންފެށި ޙަމަލާތަކުގެ ސަބަބުން ސައޫދީގެ ތެޔޮ އެކްސްޕޯޓްކުރުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާއިރު، ސައޫދީން ވަނީ އެމެރިކާގެ ސެންޓްރަލް ކޮމާންޑާ ގުޅިގެން ޢިރާޤުގައިވާ އިރާނަށް ތާއީދުކުރާ ގުރޫޕްތަކަށް ޙަމަލާތަކެއްވެސް ދީފައެވެ.