ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އޭޑީކޭގައި އެޑްމިޓްކުރި ކުއްޖެއްގެ ބައްޕަގެ ފޯނު ވަގަށް ނެގި މައްސަލައިގައި ސީސީޓީވީ ބަލައިނުދޭތީ ކަންބޮޑުވުން ފާޅުކޮށްފި

އޭޑީކޭގައި އެޑްމިޓްކުރި ކުއްޖެއްގެ ބައްޕަގެ ފޯނު ވަގަށް ނެގި މައްސަލައިގައި ސީސީޓީވީ ބަލައިނުދޭތީ ކަންބޮޑުވުން ފާޅުކޮށްފި

އޭޑީކޭ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި އޮތް ކުއްޖެއްގެ ބައްޕަގެ ފޯނު ވަގަށް ނެގި މައްސަލައިގައި، އެ ހޮސްޕިޓަލުގެ ސީސީޓީވީ ފުޓޭޖް ބަލައިދިނުމުގައި އިހުމާލުވަމުންދާ ކަމަށް ބުނެ އެ ކުއްޖާގެ ބައްޕަ ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މި ހާދިސާ ހިނގާފައިވަނީ އޮގަސްޓު މަހުގެ 3 ވަނަ ދުވަހުގެ ހަވީރު 5:30 ހާއިރު، އޭޑީކޭ ހޮސްޕިޓަލުގެ ކޮޓަރިއެއްގައެވެ. ކުއްޖާގެ ނެޕީ ބަދަލުކުރުމަށްޓަކައި ބައްޕަ ފާހާނާއަށް ވަދެ އުޅުނު ވަގުތު، އެނދުމަތީގައި ބާއްވާފައި އޮތް އައިފޯން ޕްރޯ މެކްސް މަރުކާގެ ފޯނު ވަނީ ވަގަށް ނަގާފައެވެ.

އެ ވަގުތު ކޮޓަރީގައި އިތުރު މީހަކު ނެތް އިރު، ފާހާނާގެ ދޮރަކީ އޮޓޯއިން ތަޅުލެވޭ ދޮރެއްކަން އެނގުނީ ފާހާނާއަށް ވަދެ ދޮރު ލެއްޕުނު ހިސާބުން ކަމަށް އޭނާ ބުނެފައިވެއެވެ. ފާހާނާއިން ނުކުތްއިރު ފޯނު ނެތުމުން، އެ ވަގުތު ޑިއުޓީގައި ތިބި ނަރުހުންނާއި، ހޮސްޕިޓަލުގެ ފްރަންޓް އޮފީހުގެ އިތުރުން ސެކިއުރިޓީއަށްވެސް ވަގުތުން އެކަން އެންގި ކަމަށް އޭނާ މައުލޫމާތު ދީފައިވެއެވެ.

މައްސަލަ ހުށަހެޅުމުން ސީސީޓީވީ ފުޓޭޖް އެ ވަގުތު ބެލެން ނެތް ކަމަށާއި، ޖެހިގެން އަންނަ ދުވަހު ބަލައިދޭނެ ކަމަށް ހޮސްޕިޓަލުން ބުނި ކަމަށް އޭނާ ބުންޏެވެ. ނަމަވެސް، ހާދިސާ ހިނގި ތާ އެތައް ދުވަހެއް ފާއިތުވެގެން ދިޔައިރުވެސް ހޮސްޕިޓަލުގެ ފަރާތުން އެއްވެސް ޖަވާބެއް ލިބިފައިނުވާ ކަމަށް އޭނާ ސޯޝަލް މީޑިއާގައި ހިއްސާކުރި މެސެޖުގައި ބުނެފައިވެއެވެ.

މި މައްސަލަ ފުލުހުންނަށްވެސް ހުށަހަޅާފައިވާއިރު، އެފަރާތުންވެސް އެކަށީގެންވާ ޚަބަރެއް ލިބިފައިނުވާ ކަމަށް ކަންބޮޑުވުން ފާޅުކުރި ބައްޕަ ބުނެފައިވެއެވެ. އަމިއްލަ ހޮސްޕިޓަލަކުން ބޮޑު އަގު ދީގެން ޚިދުމަތް ހޯދާއިރު، އާންމުންގެ މުދަލުގެ ރައްކާތެރިކަމާމެދު ހޮސްޕިޓަލުން ފަރުވާކުޑަކުރާ ކަމަށް ބުނެ އޭނާ ވަނީ، އެހެން ފަރާތްތަކުންވެސް ކޮޓަރީގައި އިތުރު އެހީތެރިއަކު ނެތްނަމަ ކޮޓަރި ތަޅުލައިގެން އުޅުމަށް އިލްތިމާސްކޮށްފައެވެ.